އެއް ދުވަހުގެތެރޭގައި 30އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ އިތުރު 30 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބިދޭސީންގެތެރެއިން ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ 30އަށްވުރެ ގިނަ ބިދޭސީން މިދިޔަ ބުރާސްފަތި ދުވަހު ޑިޕޯޓުކޮށްފައިވާ ކަމަށެވެ.
ޑިޕޯޓުކުރުމަކީ ވަކި މުއްދަތަކަށް ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް އެމީހެއްގެ ވަޒަނަށް އަނބުރާ ފޮނުވާލުމެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 30 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންވެސް ޤަވައިދަށް ފެއްތުމަކީ އިމިގްރޭޝަންގެ ޤާނޫނުން ލާޒިމްކުރާކަމެއްކަމަށެވެ. އެހެންކަމުން އެކަން ކުރިއަށް ގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ވަށައިޖެހޭ ހައްލަކާއި ދިމާލަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު، އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން މީގެކުރިންވަނީ ވިދާޅުވެފައެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ފަށާފައެވެ.
މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ބިދޭސީން ދިރިއުޅޭ ގެތައްބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ އިތުރުން، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ