މިވީހާތަނަށް ފެނުނީ ވައުދު ނުފުއްދޭ ސަރުކާރުތައް، މި ސަރުކާރުން ތަފާތު ދައްކައިފި: މުހައްމަދު އިސްމާއިލް

މިވީހާތަނަށް ރައްޔިތުންނަށް ފެނުނީ ވެރިކަމަށް އައުމަށް ވައުދުތަކެއް ވުމަށްފަހު، ވެރިކަމަށް އާދެވުމުން އެ ވައުދުތައް ނުފުއްދާ ސަރުކާރުތަކެއް ކަމަށާއި އެހެންނަމަވެސް މިސަރުކާރަށް 10 މަސް ފުރުނުއިރު ރައްޔިތުންނަށް ތަފާތު ދައްކައިފިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ހަރަކާތުގެ ތެރެއިން މިއަދު ހެނދުނު މާލޭގެ ހެންވޭރުގައި ފެށި ހަރަކާތަށްފަހު އަސްލު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގެ ވައުދުކަމަށެވެ.
އެގޮތުން ދިވެހިންގެ އިގްތިސާދީ ހާލަތާއި އިޖުތިމާއީ ހާލަތާއި ސިޔާސީ ހާލަތާއި ދޭދޭ ގައުމުގެ މެދުގައި އޮންނަ ގުޅުންތަކާ މެދުވެސް ފަހުބަސް ބުނާނީ ދިވެހިންކަމަށް ހަދައިދީ އެ ފުރުސަތު ހޯދާދީފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އެންޑީޕީ ސަރުކާރުން އިގްތިސާދީގޮތުން ގައުމު ވައްޓާލި އަނދަވަޅުން ނެގުމަށް ކުރާ މަސައްކަތުގައިވެސް ސަރުކާރުން ކުރިއަރަމުންދާތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
ރާއްޖޭގެ އިޖުތިމާއީ ފޭރާން މި ސަރުކާރުގައި ރަނގަޅުވެއްޖެ ކަމަށާއި ކުރީގެ ސަރުކާރުތަކަށް ހައްލުނުވެ އޮތް ބިދޭސީންގެ މައްސަލަވެސް ހައްލުކުރަނީ މިސަރުކާރުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވީއިރު ގައުމު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެކަންކަން މަޑުމަޑުން އެމަނިކުފާނު ގެންދަވަނީ ރަނގަޅު ކުރައްވަމުންކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އިންޓަރވިއު ނިންމާލައްވަމުން މެމްބަރު ވަނީ، ނޮވެމްބަރު މަސް އަންނަން ވާއިރަށް ރައީސް އެދިވަޑައިގެންނެވި އަމާޒަށް ވާސިލުވުމަށް ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތުގައި މުޅި ރާއްޖޭގައި ޕީއެންސީގެ ޓީމްތައްް ހަރަކާތްތެރިވާއިރު ކޮންމެ ހަފްތާއަކު އެއްދުވަހު ގްރޭޓަރ މާލޭ ސަރަހައްދުގައިވެސް މިހަރަކާތް ކުރިއަށް ގެންދެއެވެ. އަދި މި ހަރަކާތަށް ގިނަ ރައްޔިތުންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.
މިއަދުގެ ހަރަކާތް ފަށްޓަވައިދެއްވީ ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުއްﷲއެވެ.
ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތުގެ ތެރެއިން މިއަދު ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މެދު ހެންވޭރު، ހެންވޭރު އުތުރު، ހެންވޭރު ހުޅަނގު އަދި ހެންވޭރު ދެކުނު ދާއިރާގައެވެ.
10 ޖެހި އިރު ފެށި މި ހަރަކާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއާއި ހެންވެއިރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ