މަސްތުގައި ޖީލެއް ހަލާކުގެ ތެރެއަށް: އަތް އުރާލައިގެން ތިބެވޭކަށް ނެތް

2000
ގެ ކުރިގެ އަހަރުތަކަށް ބަލާއިރު، މަސްތުވާތަކެތީގެ ވާހަކައެއް މީހަކު ދެއްކިޔަސް އަޅުގަނޑުމެންނަށް އެއީ ވަރަށް ބޮޑު ކަމަކަށްވެއެވެ. " މަސްތުވާތަކެތި ނުވަތަ
ޑްރަގްސް" ހަމަ އެކަނި މިލަފްޒު، މިއަށް ވުރެ އިތުރަށް އެއީ ކޮން އެއްޗެއް ކަމެއް ކިހިނެތްވާ އެއްޗެއް ކަމެއް ނޭނގެއެވެ.
އަދުގެ ހާލަތު:
އަދުގެ ހާލަތަކީ ކިލޯ ކިލޯ އިން މަސްތުވާތަކެތީގެ އެކި ވައްތަރުތައް
އެތެރެކޮށް، ކުޑަކުޑަ ކުދިން އަތައްދީގެން ވިއްކާ ވިޔަފާރި ކޮށް، އެކުދިންގެ
ދިރިއުޅުން ނެތި ފަނާ ކޮށްލުމެވެ. ކަންމަތީގައި އޮންނަ ގުރޫޕުތަކުން
އެކަނިވެރިވެފައިވާ ކުއްޖާއަށް ވަސްވާސް ދީ އެކުއްޖާގެ މައުސޫމު ކަން
ނިގުޅައިގަތުމެވެ. މަސްތުގައި ޖެހި ކުޑަކުޑަކުދިން އެކަމަށް ގޮސް ހުސްވާއިރު، އަލަށް
އުފަންވާ ތުއްތު ކުއްޖާ ފުރާވަރަށް އެޅޭއިރު، އިންނަނީ މަސްތުގެ
ދުނިޔެއަށް ވަދެނިމިފައެވެ.
ގައުމުގެ ހުންގާނުގައި މާދަމާ ހިފަން އޮތް ޒުވާން ޖީލު މަސްތުވީ ދުނިޔެއަށް ވަދެ ގެއްލުމުން އަންނަ ކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މި ވަބާގެ ޝިކާރައަކަށް ގައުމުގެ ޒުވާން
އާބާދީ ވަމުންދާއިރު، ގައުމުގެ މުސްތަގުބަލު މި އޮތީ ނުރައްކަލުގެ ތެރޭގައެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުޑަކުދިންގެ ޖީލެއް އޮތް ކަމީ މިއަދު ގަބޫލުކުރަންޖެހޭ ހިތި ހަގީގަތެކެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު،
މަސްތުވާތަކެތީގެ ޝިހާރަޔަކަށް ހުށަހެޅިގެންދަނީ އާންމުކޮށް 15 އަހަރާއި 17 އަހަރާ
ދޭތެރޭގެ ކުދިންނެވެ. އެކަމަކު އެންމެ 8 އަހަރުގެ ކުދިން ވެސް މަސްތުވާތަކެތި
ބޭނުން ކުރާ ކަމަށް، ބައެއް ރިޕޯޓުތަކުން ހާމަވެއެވެ. މި ކަމަށް އެންމެ އެކަށީގެންވާ ދިރާސާއެއް ހެދިފައި ނެތް ކަމަށްވީ ނަމަވެސް، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، ކުޑަކުދިން މި ވަބާގެ ތެރެއަށް ވަންނަމުން މި އަންނަނީ ކަންބޮޑުވާންޖެހޭ ފަދަ މިންވަރަކަށެވެ.
ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން
ބޭނުންކުރާ ދެ ބާވަތަކީ ހެރޮއިން އާއި ކެނަބިސް ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ހާއްސަކޮށް މާލޭގައި ހެރޮއިން ބޭނުންކުރާ މިންވަރު
މި އާބާދީގެ އެހެން ގައުމުތަކަށް ވުރެ ގިނަވުމަކީ ބޮޑު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މި ކަމާއި ދެކޮަޅަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
ފޮޓޯ: ސޯޝަލް މީޑިއާ
މަސްތުވާތަކެތީގެ ވަބާގެ ސަބަބުން މި ޖީލުގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް
ކުރަމުން އެބަދެއެވެ.
މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި
ވާހަކަ ދައްކަވަމުން ނެޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯ މުހައްމަދު ރާޝިދު
ވިދާޅުވީ މިވަގުތު ރާއްޖޭގައި އާންމުވަމުން އަންނަ މަސްތުވާތަކެތީގެ ބާވަތްތައް
ގިނަވުމުގެ ސަބަބުން ފަރުވާ ހޯދުމަށް އަންނަ ގިނަ ކުދިންނަކީ ނަފްސާނީ
ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައި ތިބި ކުދިން ކަމަށެވެ.
ގިނަ ޑްރަގް އެޑިކްޓުންގެ ފަރާތުން އެކަން ފާހަގަކުރެވޭ ކަން
ފާހަގަކޮށް ރާޝިދު ވިދާޅުވީ އެއީ ފަރުވާ ދިނުމުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް
ކަމަށެވެ.
މަގުތަކުގައި މަސްތުވާތަކެތި ބޭނުންކޮށް ގިނަވެފައިވާ މީހުން އިންތިހާޔަށް
އިތުރުވެފައިވާއިރުފުލުހުންނާއި އެންޑީއޭއިން ގުޅިގެން ، ކުށަށް އަރައިގަންނަ މީހުންނާއި، ސަލާން ޖަހަން
އުޅޭ މީހުން މަގުތަކުން މަދުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
މި އޮޕަރޭޝަންގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީގައި
ސަލާންޖަހަން އުޅޭ މީހުންނާއި ވައްކަމާއި ފޭރުން ފަދަ ކުއްތަކަށް އަރައިގަންނަ
މީހުން އަދި މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުންގެ އިތުރުން
މިސްކިތްތަކުގައި ނިދައިހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ފާހަގަކޮށް
އެމީހުން ރިމާންޑު ސެންޓަރުގައި ބަންދުކުރަމުން އަންނަ ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ.
އަޅުގަނޑުމެންގެ ޅަ ދަރިން މި ވަބާ އިން ސަލާމަތް ކުރުމަށް ރާއްޖެއަށް މަސްތުވާތަކެތި
އެތެރެކުރާ ދޮރު ބަންދު ކުރަން އެބަޖެހެއެވެ. މަގުމަތީގައި ބިތް ބިތަށް ވެއްޓިފައި ތިބި މީހުން ގެންގޮސް ފަރުވާދީ އެ މީހުންނަކީ މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ކަމާއި ބެހޭ ފަރާތްތަކުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރަނގަޅު މަސައްކަތެކެއެވެ. އަދިވެސް މި މަސައްކަތް އިތުރަށް ފުޅާކުރަންވީއެވެ.މި ވަބާއިން ސަލާމަތްވުމަށް ބޭނުންވާ މީހުންނަށް އެކަށީގެންވާ ވަރަށް ފަރުވާ
ދޭން މަސައްކަތް ކުރަންޖެހޭ ކަމަށް މިއަދު ދިވެހި ކޮންމެ ރައްޔިތަކުވެސް ގަބޫލު
ކުރާނެ އެވެ.
ޤާނޫނަކީ ނަމަކަށް ހަދާ އެއްޗަކަށް ނުވެ، އެ ޤާނޫނު ތަކަކީ ތަންފީޒު ކުރެވޭ އެއްޗަކަށް ހެދުމަކީ މި ކަމުން ޤައުމު ސަލާމަތް ކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެކެއެވެ. ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތް ކުރުމަށް އެންމެން އެކުގައި
ތެދުވެ އަތުކުރި އޮޅާލަން އެބަޖެހެއެވެ. ނޫންނަމަ މާދަމާގެ ޖީލް އަށް އަޅުގަނޑުމެން ދައްކާނެ މޫނެއް ނޯންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ