ޖަޕާނާއި އިނގިރޭސިވިލާތް އަދި އިޓަލީ ގުޅިގެން ފަހުގެ ޖީލުގެ ހަނގުރާމަ މަތީ ޖެޓް އުފައްދަނީ

ޖަޕާނާއި އިނގިރޭސިވިލާތް އަދި އިޓަލީ ގުޅިގެން ފަހުގެ ޖީލުގެ ހަނގުރާމަ މަތީ ޖެޓް އުފައްދަން އެއްބަސްވެއްޖެއެވެ.
ޖަޕާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޖަޕާން، ބްރިޓެން އަދި އިޓަލީގެ ދިފާއީ ވަޒީރުން ވަނީ ފަހުގެ ޖީލުގެ ހަނގުރާމަ ވައިގެ އުޅަނދެއް އެކުގައި ތައްޔާރުކުރުމުގެ މަސައްކަތް އަވަސްކުރުމަށް އެއްބަސްވެފައެވެ.
އިޓަލީގެ ނޭޕަލްސް ސިޓީގައި ހޮނިހިރު ދުވަހު ބޭއްވުނު ބައްދަލުވުމެއްގައި، މި ތިން ގައުމުގެ ދިފާއީ ވަޒީރުން ވަނީ މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުން އަންނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށް ކަނޑައަޅާފައެވެ. އަދި މި އުޅަނދު 2035 ވަނަ އަހަރާ ހަމައަށް ބޭނުންކުރަން ފެށުމަށް ވަނީ އަމާޒު ހިފާފައެވެ.
ޖަޕާނުގެ ދިފާއީ ވަޒީރު ޖެން ނަކަތާނީ އާއި ބްރިޓެންގެ ޖޯން ހީލީ އަދި އިޓަލީގެ ގުއިޑޯ ކްރޮސެޓޯ މި މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރެއްވީ ޖީ7 ގެ ދިފާއީ ދާއިރާގެ ފުރަތަމަ މިނިސްޓީރިއަލް އަލް ބައްދަލުވުމުގެ އަރިމަތިންނެވެ.
ނަކަތާނީ ވަނީ ޖަޕާނުގެ ކުރީގެ ބައިނަލްއަޤްވާމީ ކަންކަމާ ބެހޭ ނައިބު ދިފާއީ ވަޒީރު މަސާމި އޯކާ، ގްލޯބަލް ކޮމްބެޓް އެއަރ ޕްރޮގްރާމް (ޖީސީއޭޕީ) ގެ އިސްވެރިޔާގެ މަޤާމަށް އައްޔަންކުރުމަށް ނިންމާފައިވާ ކަމަށްވެސް އިއުލާނުކުރައްވާފައެވެ. ޖީސީއޭޕީ އަކީ ބްރިޓެން، އިޓަލީ އަދި ޖަޕާން ގުޅިގެން ފަހުގެ ޖީލުގެ ހަނގުރާމަ މަތީ ވައިގެ އުޅަނދެއް ތައްޔާރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި އަހަރުގެ ފަހުކޮޅު ބްރިޓެންގަގައި ޖީސީއޭޕީ އިންޓަނޭޝަނަލް ގަވަރމަންޓް އޯގަނައިޒޭޝަން (ޖީއައިޖީއޯ) ގެ ނަމުގައި މި އުޅަނދު ތައްޔާރުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް އިދާރާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ