ދުންފަތުގެ އުފެއްދުމެއް ގަނެވޭ އުމުރު 18 އިން 21 އަށް މަތިކުރަން ނިންމައިފި

ދުންފަތާއި ދުންފަތުގެ އުފައްދާފައިވާ ތަކެތީގެ ވިޔަފާރީ ކުރެވޭ އެންމެ ހަގު އުމުރު 18 އިން 21 އަހަރަށް ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ދެންމެ އިއުލާނު ކުރައްވައިފި އެވެ.އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި، ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ނިންމަވާފައި ވާކަމަށެވެ.މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.ސިއްހަތަށް ގެއްލުންވާ ކަންކަމުން ޒުވާނުން ދުރުކުރުމަށް ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް އެތެރެ ކުރުން މަނާ ކުރަން ރައީސް ނިންމަވާފައިވާ ވޭޕާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ