އިޤުރާރުވީމޭ ލޯބިން - 29
އޭނަގެ ސިކުނޑީގައިވި އެއްޗެއް ދެނެގަންނަން ޒަހްރާންވެސް ވަނީ ނުކުޅެދިފައެވެ. ޒަހްރާން އެތަނަށް އައިކަންވެސް އައިރާއަކަށް ނޭނގުނެވެ. ބުނެދޭން ނޭނގޭ ހުސްކަމެއްގެ ތެރޭގައި އޭނަގެ ސިކުނޑިވަނީ ގައިދުވެފައެވެ. އެކަމުގެ ސަބަބުން ވިސްނުމުގެ ކުޅަދާނަކަންވެސް އޭނަގެ ނެތްފަދައެވެ. އައިރާއަށް މީހަކު އޭނަގެ ނަމުން ގޮވައިލިހެން ހީވިއެވެ. އެހެންނަމަވެސް ބަލައިލުމުގެ ޚިޔާލެއް އޭނަގެ ނެތެވެ. ލީ ފުންނޭވާއާއެކު، ދެލޯ މަރައިލިއެވެ. "އައިރާ..." އޭނަ ގޮވައިލުމުންވެސް އައިރާ ބަލައިނުލުމުން ޒަހްރާނަށް އުނދަގޫވިއެވެ. އޭނަ ދެވަނަ ފަހަރަށްވެސް އައިރާއަށް ގޮވައިލިއެވެ. އައިރާގެ ހިމޭންކަމުން ޒަހްރާން ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ވެދިޔަ ހުރިހާކަމަކަށްފަހު، އައިރާއަށް ނަފްސާނީ ގޮތުން އަސަރުކުރީކަން ގައިމެވެ. އައިރާގެ އަމަލުތައް ދޭހަކޮށްދެމުން ދިޔައީ، ސިކުނޑިއަށް ބާރުބޮޑުވެ އަމިއްލަ މީހާގެ ކޮންޓްރޯލްވެސް އަމިއްލަ އަތުން ދޫވަމުންދާކަމެވެ. އެ ޙާލަތުގައި އައިރާ ވާތަން ބަލަން އޭނަ ކެތްކުރާނީ ކިހިނަކުންހެއްޔެވެ؟ އޭނަގެ ހިތުގައި އައިރާއަށްޓަކައި އުފެދިފައިވަނީ ފުން އިޙްސާސްތަކެކެވެ. އެ އިޙްސާސްތަކުގެ ބާރުގައި އޭނަ މުޅީން ބަދަލުކޮށްލައިފިއެވެ. ލޯތްބަކީ ކޮން އެއްޗެއްކަން އޭނައަށް ދަސްކޮށްދިނީ އައިރާއެވެ. އެހެންނަމަވެސް ދެރައީ ވަގުތާއި ޙާލަތުގެ ސަބަބުން އޭނަގެ ހިތުގެ ޖަޒުބާތުތައް ސިއްރުކުރަން ޖެހިފައިވުމެވެ. "އައިރާ..." ޒަހްރާންގެ އަޑާއެކު މިފަހަރު އައިރާ ލޯ ހުޅުވައިލުމަށްފަހު، ޒަހްރާނަށް ބަލައިލިއެވެ. އެ ދެލޮލުގައި ކަރުނައިގެ އަސަރު ނެތެއްކަމަކު ބަޔާންކުރަންދަތި ވޭނެއްގެ އަސަރުވެއެވެ. ވަރުބަލިކަމާއި ނާއުންމީދީ އަސަރުތައް ފެންނަމުން ދިޔަ މޫނުމަތީގައި ލެވިފައިވަނީ މާޔޫސްކަމުގެ ސާލެކެވެ. "އޯކޭތަ؟ އެއްޗެއް ބޭނުންތަ؟ ބަނޑުހައިތަ؟" ޒަހްރާނަށް އެއްފަހަރާ އެތަކެއް ސުވާލެއް ކޮށްލެވުނެވެ. ޒަހްރާނަށް ބަލަން އޮވެފައި ނޫނެކޭ ބުނުމުގެ ގޮތުން އައިރާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އެވަގުތު ނަރުސްކުއްޖަކު އަތުވެއްޖެއެވެ. އިތުރު އުނދަގުލެއްވޭތޯ ސުވާލުކޮށްލުމާއެކު، މިފަހަރުވެސް އައިރާ އަނގައިން ބުނުމެއްނެތި ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ހީވަނީ އަނގައިން ބުނާނެ ހިތްވަރުވެސް އޭނަގެ ނެތީހެންނެވެ. އެ މަންޒަރު ބަލަން ހުރި ޒަހްރާނަށްވެސް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އައިރާ އެ ޙާލަތުން އަރައިގަތުމަށް މިވަގުތު ގާތް މީހެއްގެ އެހީތެރިކަން ބޭނުންވާކަން އޭނައަށް ޔަޤީންކުރެވުނެވެ. އިތުރު އިންޖެކްޝަނެއް ޖަހައިލުމަށްފަހު، ނަރުސްކުއްޖާ ދިޔައީ އަރާމުކޮށްލަން ބުނެފައެވެ. އައިރާ ލޯ މަރައިލިއެވެ. އިންޖެކްޝަންގެ އަސަރުކަމަށްވެސް ވެދާނެއެވެ. އޭނައަށް ނިދާލެވުނެވެ. އައިރާ އޮތް އެނދުކައިރީގައި ހުރި ގޮނޑީގައި އިށީނދެއިން ޒަހްރާންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނަގެ ލޮލާ ނިދިވަނީ އެތައް ހާސް މޭލެއްގެ ދުރުގައެވެ. އައިރާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނަގެ ހިތަށްވެސް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ ވޭނެކެވެ. ލޯބީގެ ބާރުގަދަކަމާއި، ޖަޒުބާތީ އަސަރުތަކުގެ ވާހަކަތައް އޭނަވެސް އަޑު އަހައެވެ. ލޯބީގެ ފޮނި މީރުކަން ހާސިލްކުރެވޭނީ ނަސީބުވެރިންނަށެވެ. އަދި އޭގެ ހިތިކަން ތަޖުރިބާކުރާ މީހާ ވާނީ އެންމެ ބަދުނަސީބު މީހާއަށެވެ. ވިއިރު މިއަދު މި ދުނިޔެމަތީގައި އޭނައަށްވުރެ ބަދު ނަސީބު މީހަކު ހުންނާނެހެއްޔެވެ؟ އޭނަ އެވަނީ އޭނަގެ ލޯތްބާއި ނުހަނު ކައިރީގައެވެ. އެހެންނަމަވެސް، އަތްނުލެވޭހާ ދުރުގައެވެ. އެ ލޯތްބާ ހަމައަށް ދިޔުމަށްޓަކައި، އޭނަ ކަޑައްޓު ކުރަން ޖެހޭ ރާސްތާގެ ދިގުމިނެއް ނޭނގެއެވެ. "އަހަރެން ހިޔެއް ނުކުރަން އަހަންނަށް ދުވަހަކުވެސް މި ދަރަޖައަށް ލޯބިވެވިދާނެކަމަށް.... އައިރާ... އައި ލަވް ޔޫ... އައި ލަވްޔޫ ސޯ މަޗް..." އަމިއްލަ ނަފްސަށް ޒަހްރާން އެ ބަސްތައް ބުނެލިއިރު، އޭނަގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ރަމްޒުކޮށްދެމުން ދިޔައީ ޚުދު އޭނަވެސް އައިރާގެ ލޯތްބަށް އެދޭވަރެވެ. ***** އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިން ރިހާމް އޭނަގެ ކައިރީ އެއްފަރާތުގައި ނިދާފައި އޮތް ދާނިޔާއަށް ބަލައިލިއެވެ. އެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޭރު ކޮޓަރިން ނުކުމެވެން ހުންނަ ބެލްކަނީގެ ދޮރު ފޮތިތަކު ތެރެއިން ފޭދިގެން އައިސްފައިވާ އިރުގެ އަލި ކޮންމެވެސް ވަރަކަށް ކޮޓަރިތެރެއަށް އެޅިފައި ހުއްޓެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، ރިހާމް އޭނަގެ މޫނުގައި ދެ އަތް ހާކާލިއެވެ. އައިރާގެ ޚިޔާލުތައް އަނެއްކާވެސް އޭނައަށް ގޯނާ ކުރަން ފަށައިފިއެވެ. އެއާއެކު، ނަފްސުގައި އުނދަގޫކަމެއް އުފެދެން ފެށިއެވެ. ރިހާމް އެހެން އިންދާ ކުޑަކޮށް ފުރޮޅިލުމަށްފަހު، ދާނިޔާ އޭނަގެ ދެލޯ ހުޅުވައިލުމަށްފަހު، ކަންނެތްކަމާއެކު ކުޑަކޮށް ތެދުވެލިއެވެ. "ގުޑް މޯރނިން ބޭބީ...." ނިދި އަޑުން އެހެން ބުނެލުމާއެކު، ދާނިޔާ ރިހާމްއާ ކައިރިއަށް ޖެހިލިއެވެ. އެއަށްފަހު އޭނަ ރިހާމްގެ ކޮނޑުގައި ބޯ އަޅައިލިއެވެ. ރިހާމްވެސް ދާނިޔާ އޭނަގެ ގަޔާ ކައިރިކޮށްލިއެވެ. "ގުޑް މޯރނިންގ..." ރިހާމްގެ އަޑުގައި އެހެންޏާ ހުންނަ ފަދަ ޖޯޝެއް ނެތެވެ. ހީވަނީ ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި ވާހެންނެވެ. އެކަން ދެނެގަންނަން ދާނިޔާ ކުޅަދާނައެވެ. އޭނަ ރިހާމްގެ މިނިވަންކޮށް އޮތް އަތުގައި ހިފައްޓައިލިއެވެ. އަދި އެ އަތަށް ބޮސްދީފައި ވާހަކަ ދައްކަން ފެށިއެވެ. "ބޭބް... ކިހިނެއްވީ؟ ކޮންކަމަކާތަ ތި ވިސްނަނީ؟" ދާނިޔާ ސުވާލުކޮށްލިއެވެ. "އެން...ނޫން... ނުވިސްނަން..." ރިހާމްއަށް ޖަވާބު ދެވުނީ ކުޑަކޮށް އަޅައަޅައިގަންނަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދާނިޔާ ކައިރީގައި އިންނަމަވެސް، ސިކުނޑީގެ ނާރުތަކަށްވަނީ ވާންވެފައެވެ. އައިރާގެ ޚިޔާލުތަކުން ސިކުނޑިއަށް ވަނީ އުނދަގޫވެފައެވެ. "އުހުމް. ކޮންމެވެސް ކަމަކާ ވިސްނާ އެބަ. އަހަރެން ކައިރީ ބުނެބަ... ކިހިނެއްވީތަ؟" ރިހާމް އޭނައާ ނަޒަރު ވަކިކޮށްލުމާއެކު، ދާނިޔާ ރިހާމްގެ މޫނުގައި ހިފާ އޭނައާ ދިމާލަށް އަނބުރައިލިއެވެ. "ޓެލްމީ ބޭބް..." "މިވަގުތަކު ނޫން..." ރިހާމް ދާނިޔާގެ އަތް ނަގާ އެ އަތްތިލައަށް ބޮސްދިނެވެ. ހުރިހާ ޚިޔާލުތަކެއް ސިކުނޑިން ނެރެ އެއްލައިލަން އޭނަ ހުރީ ބޭނުންވެފައެވެ. ދާނިޔާ ވަރަށް ފުން ނަޒަރަކުން ރިހާމްއަށް ބަލައިލިއެވެ. އޭނަގެ ހިތުގައި ހަސަދައިގެ ހުޅު ރޯވެގެން ދިޔައެވެ. ރިހާމް އެ ވިސްނަނީ އައިރާއާ ދޭތެރޭގައިކަން އޭނައަށް ޔަޤީންވެގެން ދިޔަހިނދު، ދަތްކުނޑިވެސް ވިކައިލެވުނެވެ. އޭނަގެ ކައިރީގައި ހުންނައިރު ރިހާމް އައިރާ މަތީން ހަނދާންކޮށްގެން ނުވާނެއެވެ. "މާގިނަ ކަންކަމާ ނުވިސްނައްޗޭ... ލަވްޔޫ ސޯ މަޗް." ރިހާމްގެ ކޯތާފަތަށް ބޮސް ދިނުމަށްފަހު، ދާނިޔާ، އެނދުން ފައިބައިގެން ގޮސް ފާޚާނާއަށް ވަނެވެ. އެ މަންޒަރު ބަލަން އިން ރިހާމްއަށް ދާނިޔާއާ މެދު ވިސްނައިލެވުނެވެ. ދާނިޔާ އޭނަ ދެކެ އިންތިހާއަށް ލޯބިވާކަމުގައި އޭނަ ޝައްކެތް ނުކުރެއެވެ. ދެ އަނތްބަށް އިންނަން އެއްބަސްވާނީ އެހެންވެގެންނެވެ. އެފަދަ ދަރަޖައަށް ލޯބިވާނެ މީހަކު ޙަޔާތުގައި ހުއްޓާ އައިރާ ފަދަ ވިޔާނުދާ އަންހެނަކާ ދޭތެރޭ ވިސްނަންވީ ކީއްވެހެއްޔެވެ؟ އޭނަގެ ޙަޔާތުން އައިރާގެ ބާބު ނިންމާލަންވީ ވަގުތު ޖެހިއްޖެއެވެ. އެފަދަ އަންހެނަކަށް އޭނަގެ ޙަޔާތުން ޖާގައެއް ނެތެވެ. އައިރާގެ ސަބަބުން ލިބުނު އުފަލެއްވެސް ނެތެވެ. ގެއްލުނީ ޢާއިލާގެ ހަމަޖެހުމެވެ. ގޭގެ އުފާވެރިކަމާއި މަސްލަޙަތެވެ. ބަރާބަރު ދެ އަހަރަށްފަހު، އެ ހުރިހާކަމެއް އަލުން އިޢާދަވެގެން ދިޔަ ސަބަބަކީ، ދާނިޔާ އެވެ. މަންމައާއި ބައްޕަގެ އުފާވެރިކަމާއި ގޭގެ ހަމަޖެހުން އަލުން ޤާއިމްކޮށްދިނީ ދާނިޔާއެވެ. އެއީ ކިޔަވައިގެން ހުރި އެމީހުންގެ ޢާއިލާއާ އެކަށީގެންވާ ފަސްބައި ސާފު އަންހެން ކުއްޖެކެވެ. ހުރިހާ ގޮތަކުންވެސް އައިރާއަށް ވުރެ ފުރިހަމައެވެ. ވީއިރު ކޮންމެ ގޮތަކަށް ބެލި ނަމަވެސް، އައިރާއަށް ވުރެ އޭނަގެ ޙަޔާތަށް ގެންނަން އެކަށީގެންވަނީ ދާނިޔާއެވެ. ރިހާމްއަށް ވިސްނެމުން ދިޔައެވެ. ދާނިޔާއާ އައިރާއާ ދެމީހުން އަޅާ ކިޔެމުން ދިޔަވަރަކަށް އޭނައަށް މުޅީންވެސް ފެންނަމުން ދިޔައީ އައިރާގެ ގޯސް ސިފަތެކެވެ. އެއީ އެއް އިރެއްގައި އޭނަ ލޯބިވީ އައިރާހެން ހީވެސް ނުވެއެވެ. "އަހަރެންގެ ހިތުން އޭނަގެ ލޯބި އެހާ އަވަހަށް ފުހެވި، ފޫހިވީ ކީއްވެގެންބާ؟ ފަހަރުގައި އޭނަދެކެ ވެވުނީ ހަޤީޤީ ލޯބި ނޫންވީމަ ކަންނޭނގެ. އެއީ ހަމައެކަނި ޙަމްދަރުދީ ކަންނޭނގެ. ހަމަގައިމުވެސް މިހާރަކު އޭނަ ދެކެ އަހަރެން ލޯތްބެއް ނުވޭ. އާނ... އަހަރެން ލޯބިވަނީ ހަމައެކަނި ދާނިޔާ ދެކެ..." ރިހާމްއަށް އަމިއްލަ ނަފްސަށް ބުނެވުނެވެ. އެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން އަމިއްލައަށް ބޯވެސް ޖަހައިލެވުނެވެ. ދާނިޔާ ފާޚާނާއިން ނުކުތީވެސް އޭނަ އެހެން އިންދައެވެ. ހީނލުމަށްފަހު، އޭނަ ގޮސް ތުވާލި ނެގިއެވެ. ފާޚާނާއަށް ވަނުމުގެ ކުރިން ދާނިޔާއަށް ކުޑަ ގޯނާއެއްވެސް ކޮށްލިއެވެ. ރިހާމްގެ އެ އަމަލުން ދާނިޔާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ***** ހެނދުނުގެ ނާސްތާގެ ވަގުތެވެ. ގޮނޑީގައި އައިސް އިށީން އަޔާޝްއަށް ބަލައިލުމަށްފަހު، މުރާދު ވާހަކަ ދެއްކިއެވެ. "ރެންއާ ވާހަކަ ދައްކާލެވުނުތަ ދަރިފުޅާ؟" މުރާދު ސުވާލުކޮށްލިއެވެ. "ލައްބަ ބައްޕާ..." އަޔާޝް އަދަބުވެރިކަމާއެކު، ޖަވާބު ދިނެވެ. "ކީކޭ ރެން ބުނީ؟" މުރާދުގެ ދެވަނަ ސުވާލެއް ވެސް އަމާޒުވެގެން ދިޔައެވެ. އެ ދެބަފައިން އެ ދައްކަމުންދަނީ ކޮން ވާހަކައެއްކަން ބަސްމާއަށް ވެސް އެނގެއެވެ. އޭނަ އެ ދެމީހުންގެ ވާހަކަ އަޑު އަހަން އިންނަމަވެސް އެއްޗެއް ނުބުނެއެވެ. "ކުންފުންޏަށް ޖޮއިންކުރާ ޚިޔާލެއް ނެތް... އަޅުގަނޑު ވަރަށް ވާހަކަ ދެއްކިން." އަޔާޝް ބުނެލިއެވެ. "އެހެންވީމަ މިކޮޅުގަ މަޑުކުރާ ގޮތަކަށް ނޫން ދޯ އެއައީ..." މުރާދަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ މާޔޫސްވެގެން ދިޔައެވެ. "އަޅުގަނޑަށް ހީވަނީ ރެން މިކޮޅުން ދާން ބޭނުންނުވާހެން." ޒަހްރާނާ ދެކެވިފައިހުރި ވާހަކަތައް ހަނދާންކުރަމުން އަޔާޝް ބުނެލިއެވެ. އޭނަ އެހެން ބުނުމުންވެސް މުރާދުގެ މޫނުމަތީގެ މާޔޫސްކަމަށް ބަދަލެއް މިފަހަރަކު ނައެވެ. ހަމައެއާއެކު ބަސްމާވެސް އިސްޖަހައިލިތަން އަޔާޝްގެ ލޮލުގައި އަޅައިގަތެވެ. "އަޅުގަނޑު އަދިވެސް ވާހަކަ ދައްކާނަން..." އަޔާޝް ބުނެލިއެވެ. ގޭތެރެއަށް ހަމަޖެހުން އަލުން ލިބިގެން ދިޔުމަކީ އޭނަގެ އުންމީދެވެ. މަންމައާއި ބައްޕަގެ މޫނުމަތީން ފެންނަ މާޔޫސްކަމުގެ އަސްލަކީ ޒަހްރާނެވެ. ޒަހްރާންގެ ގޮތް ދޫނުކުރުމެވެ. ކިތަންމެ ވަރަކަށް ވިސްނައިދިނަސް ބޯ ހަރުކަން ދޫކޮށްލާކަށް އޭނަ ބޭނުމެއް ނުވެއެވެ. މަންމަ އެއްޗެއް ނުބުނި ނަމަވެސް، އެ މޫނުމަތީގެ އަސަރުތައް ދޭހަކޮށްދެމުން ދިޔައީ ވެދިޔަ ހުރިހާމަކަށް އަމިއްލަ ނަފްސު ކުށްވެރިކުރާކަމެވެ. އަޔާޝްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނައަށް ވެސް ހިމޭންކަން އިޚްތިޔާރުކުރެވުނީއެވެ. ބަސްމާއަކީ ދޮންމަންމަ އަކަށްވީނަމަވެސް، ދުވަހަކުވެސް އެކަން އިޙްސާސްކޮށްދީފައެއް ނުވެއެވެ. އަމިއްލަ ދަރިން ފަދައިން އެމީހުން ތިން ކުދިންނަށްވެސް ލޯބި ދިނެވެ. ދަރިން ލިބުމުން މަޙްރޫމްވެފައި ވިޔެއްކަމަކު، އެ ހިތުގައިވި މައިވަންތަކަމުގެ ކުލުނުގައި އެއްވެސް އުނިކަމެއް ނެތެވެ. ހުރިހާ ދޮންމައިންމައިންނަކީ ގޯސްބައެއް ނޫނެވެ. އެކަން ބަސްމާ ވަނީ މި ފާއިތުވި އަހަރުތަކުގައި ސާބިތު ކޮށްދީފައެވެ. އިސްޖަހާލައިގެން އިން ބަސްމާގެ ދެލޯ ފެންކަޅިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. އެ ދެބަފައިން ޒަހްރާންގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރި ކުރުން ނޫންކަމެއް ނުކުރެވެއެވެ. ޒަހްރާން އެގެއަށް އައުމަކީ އެންމެންގެވެސް އުންމީދެވެ. އެކަމަކު އޭނަ އެގޭގައި އުޅޭހާ ހިނދަކު ޒަހްރާން އެގެއަށް ނާންނާނެކަން ބަސްމާއަށް މިހާރު ޔަޤީންވެއެވެ. އޭނަގެ ދެލޮލުން ވެއްޓުނު ކަރުނަ ތިއްކާއެކު ނޭފަތްވެސް އެތެރެއަށް ދަމައިލެވިއްޖެއެވެ. "ބަސްމާ...." "މަންމާ..." މުރާދާ އަޔާޝްއާ ދެމީހުންނަށް ބަސްމާއަށް ގޮވައިލެވުނީ އެއްފަހަރާއެވެ. ބަސްމާ ރޮނީކަން ޔަޤީންވުމާއެކު، މުރާދު ގޮނޑިން ތެދުވިއެވެ. އަޔާޝްއަށްވެސް ސަމްސާ ތަށީގެ ތެރެއަށް ދޫކޮށްލެވުނެވެ. މުރާދު ގޮސް ބަސްމާގެ ކައިރިއަށް ހުއްޓުމަށްފަހު ބަސްމާގެ، ކޮނޑުގައި ހިފައްޓައިލާ އޭނައާ ގާތްކޮށްލިއެވެ. "އެއީ ބަސްމާގެ ކުށެއް ނޫނޭ... ތިގޮތަށް އަމިއްލަ ނަފްސު ކުށްވެރިކުރުމަކީ އަހަރެން އެގޮތަކަށްވެސް ރުހޭކަމެއް ނޫންކަން ބަސްމާއަށް އެނގެއެއްނު." މުރާދުގެ ހިތްވަރުގެ ބަސްތަކުންވެސް، ބަސްމާގެ ހިތަކަށް ލުޔެއް ނުލިބުނެވެ. "މުރާދުވެސް މިހާރު ދަރީން މުރާދުގެ ކައިރީގައި ހުންނަން ބޭނުންވާނެ. އުފާވެރި ޢާއިލާއެއް ދުށުމަށް ބޭނުންވާނެ. އެކަމަށް މިހާރު އެޅިފައިވާ ހަމައެކަނި ހުރަހަކީ އަހަރެން... އަހަރެން މިގޭގައި އުޅޭހާ ހިނދަކު ޒަހްރާން މިގެއަކަށް ނާންނާނެ..." ބަސްމާއަށް ރޮވުނެވެ. އޭނަ މީގެ ކުރިން އެ ޝަކުވާތައް ކުރަނީ ހަމައެކަނި މުރާދަށް އަޑު އިވޭ ހިސާބުގައި ނަމަވެސް، މިއަދު ކެތްނުކުރެވުނީއެވެ. އަޔާޝްވެސް އިންދާ ޝަކުވާކުރެވުނު ސަބަބަކީ އެއީއެވެ. "ތިހެން ނުބުނޭ ބަސްމާ... އަހަރެންގެ ދަރިންނަށް މަންމައެއްގެ ލޯބި އެންމެ ބޭނުންވި ދުވަހު، އެ ލޯބި ދިން މީހަކީ ތީ. އަހަންނަށް މީހެއްގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު އަހަރެންގެ ގާތުގައި ހުރި މީހަކީވެސް ތީ..." މުރާދަށް ބުނެވުނެވެ. "ބަސްމާއަކީ ގޯސް އަންހެނެކޭ އެކަކުވެސް ނުބުނާނެ. ބައްޕައާއި މަންމަ ދުނިޔޭގައި އެމީހުންވެސް ބަސްމާ ދެކެ ކިހާ ލޯބިވި. އަޔާ އާ އީލުވެސް ބަސްމާ ދެކެ ކިހާ ލޯބިވޭ. ޒަހްރާނެކޭ އެއްގޮތަށް ބަސްމާވެސް ތީ މިގޭ މީހެއް. މި ޢާއިލާގެ ހިއްސާއެއް. އަޔާއާއި އީލުގެ ތަރުބިއްޔަތުގެ އިސް މޭސްތިރިއަކީ ތީ. މިއަދު އެ ކުދިން އަޚްލާޤު ރަނގަޅު ކުދިންތަކެއްގެ ގޮތުގައި ބޮޑެތިވެފައި އެތިބީ ހަމަ ބަސްމާގެ ސަބަބުން. ބަސްމާ އެކުދިންނަށް ދިން ތަރުބިސްޔަތުގެ ސަބަބުން. ކުދިންގެ ދޮންމަންމައަކަށް ވިޔަސް، އެކަން ދުވަހަކުވެސް އަހަރެމެން އެކަކަށްވެސް އިޙްސާސެއްނުވޭ... އަޔާ އާއި އީލު މީން ދުވަހަކު މަންމަ ނޫން ގޮތަކަށް ބަސްމާއާ މުޚާތަބުކުރިތަ؟ އެކަމުން ވެސް އެ އެނގެނީ އެކުދިންގެ ހިތުގައި ބަސްމާއަށް ދެވިފައިވާ މަޤާމެއް ނޫންތަ؟" މުރާދު ވާހަކަ ދެއްކިއެވެ. ބަސްމާއަށް މުރާދުގެ އެވާހަކަތަކުން ކުޑަ ތަސައްލީއެއް ލިބުނު ނަމަވެސް، ޒަހްރާން މަތީން ހަނދާންވެ، އަނެއްކާވެސް މާޔޫސްވިއެވެ. "އެކަމަކު، ޒަހްރާން..." ބަސްމާއަށް ބުނެވުނެވެ. "ޒަހްރާނަށް އަހަރެން ވިސްނައިދޭނަން..." މުރާދު ބުނެލި ނަމަވެސް، އެއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން އޭނައަށް އެނގެއެވެ. އެތަކެއް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް ނުވެ އޮތްކަމަކީ އެއީއެވެ. ބަސްމާ ހަމައަކަށް އެޅުނީ އިރުކޮޅެއްފަހުންނެވެ. މުރާދުވެސް ގޮސް ގޮނޑީގައި އިށީނެވެ. ނާސްތާއަށްފަހު އޭނަ އޮފީހަށް ދާން ނުކުތްއިރު، އަޔާޝްވެސް އެކު އެކީ ކަހަލަ ގޮތަކަށް ނުކުތެވެ. އެ ދެމީހުން ދިޔަ މަންޒަރު ބަލަން އިން ބަސްމާ ވިސްނައިލިއެވެ. މުރާދު އޭނައަށް އެހާ ރަނގަޅު އިރު އޭނައަށް މުރާދަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަމިއްލަ ހިތާ ބަސްމާއަށް ސުވާލުކޮށްލެވުނެވެ. ***** އައިރާ ގެއަށް ދޫކޮށްލެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. ޒަހްރާނާއެކު ގޮސް ހޮސްޕިޓަލުން ނުކުތުމާއެކު، އައިރާ މަގުމައްޗަށް ބަލައިލިއެވެ. މަގުމަތީގައި މީހުންނާއި ދުއްވާއެއްޗެހި ވެސް ގިނައެވެ. މުޅި ސަރަހައްދުންވެސް ފެންނަނީ ހަލަބޮލިކަމެވެ. އެހެންނަމަވެސް، އައިރާއަށް އިޙްސާސްކުރެވެނީ އެކަނިވެރިކަމެކެވެ. އެ ހަލަބޮލިކަމުގެ ތެރެއިން ހުއްޓިފައިވަނީ ހަމައެކަނި އޭނަގެ ދުނިޔެ ކަންނޭނގެއެވެ. ކުރިއަށް ދާންވީ ރާސްތާ އޮޅިފައިވަނީވެސް ހަމައެކަނި އޭނައަށް ކަންނޭނގެއެވެ. ޒަހްރާންއާއެކު ކާރާ ހިސާބަށް އައިރާ ދިޔައެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ޒަހްރާން ހުޅުވައިލަދިނީ ކާރުގެ، ކުރީ ސީޓެވެ. އެހެންނަމަވެސް، އެ މަންޒަރު ބަލަން ހުރެފައި ޒަހްރާނަށް ބަލައިލުމެއްނެތި އައިރާ ގޮސް އެރީ ފަހަތު ސީޓަށެވެ. އައިރާގެ އަމަލުން ޒަހްރާންގެ ހިތަށް ތަދުވިކަން މޫނުމައްޗަށް ވެރިވި ޝުޢޫރުތަކުން ދޭހަކުރެވުނެވެ. ހިކިފައިވި ތުންފަތުގައި ދޫ ހާކާލަމުން ގޮސް، އޭނަ ޑްރައިވަރު ސީޓަށް އަރާ އިށީނދެ ކާރު ދުއްވައިލިއެވެ. ***** އޭގެ ފަހުން ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ރިހާމްގެ ހަބަރެއް އައިރާއަކަށް ނުވެއެވެ. އެ ޙާލުގައި އެކަނިމާއެކަނި އޭނަ އުޅެމުންދިޔައިރު އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެމުން ދިޔައީ ޒަހްރާނާ، އީލާފްއެވެ. ރިހާމްމެން ގެއަށް ގޮސް ރިހާމްއާ ބައްދަލުކުރަން ހިތަށް އަރާފައިވެސް އައިރާ ފަސްޖެހެނީއެވެ. އޭނަގެ ހަށިގަނޑު އަދިވެސް ބަލިކަށިކަމުންނެވެ. ހިތްވަރުކޮށްގެން މިހާރުވެސް އުޅެވެނީ ކިރިޔާއެވެ. ރަނގަޅަށް ނިދެނީކީ ނޫނެވެ. ކެވެނީއެއް ނޫނެވެ. ރެއާ ދުވާލު، ވިސްނާ ފިކުރު ކުރުމުގެ ސަބަބުން، މުޅި މީހާގެ ހަށިގަނޑަށްވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަން ފަށައިފިއެވެ. ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހަށިގަނޑު ހިކި އަނަރޫފަ ވެއްޖެއެވެ. މޫނުމަތީގައިވެސް އެއްވެސް ދިރުމެއް ނެތެވެ. އެކަން އެންމެ ގާތުން ފެންނަމުން ދިޔައީ ޒަހްރާނަށެވެ. އައިރާ ރިހާމްއަށްޓަކައި އަޅަމުން ދިޔަ ކަރުނަތައްވެސް އެންމެ ގާތުން ދުށީ އޭނައެވެ. އެހެންނަމަވެސް، އައިރާގެ އެވޭނަށް ލުޔެއް ގެނެސްދޭނެ ގޮތެއް އޭނައަކަށް ނޭނގުނެވެ. ރިހާމްފަދަ އަނިޔާވެރިއަކަށްޓަކައި އައިރާ އަޅާ ކަރުނަތަކުގައި އެއްވެސް އަގެއް ނެތްކަން އޭނަ އައިރާއަށް ވިސްނައިދޭނީ ކިހިނަކުން ހެއްޔެވެ؟ ***** ރޭގަނޑެކެވެ. "އޯކިޑްވިލާ" ގޭގެ ކުރިމައްޗަށް މަޑުކޮށްލި ޓެކްސީގެ ދޮރު ހުޅުވާލާފައި އައިރާ ފޭބިއެވެ. އޭރު އޭނަގެ ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. އެގެއިން ދިޔުމަށްފަހު އެފަދަ ގޮތަކަށް އަންނަން ޖެހިދާނެކަމަކަށް އޭނަ ދުވަހަކުވެސް އުންމީދުކޮށްފައެއް ނުވެއެވެ. ހިންދިރުވައިލުމާއެކު ލަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރޯށި ދޮށަށް އައިރާ ހުއްޓުނެވެ. އެހެންޏާ، ތަޅުލާފައި ހުންނަ މައި ދޮރު ހުރީ ހުޅުވާފައެވެ. އެއީވެސް އޭނަގެ ނަސީބު ކަންނޭނގެއެވެ. ދޫކޮށްލި ފުންނޭވާއާއެކު، އޭނަ އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. ލިފްޓަށް އެރުމަށްފަހު، މައްޗަށް ދިޔުމަށްޓަކައި ބަޓަނަށް ފިތައިލިއެވެ. ލިފްޓު މައްޗަށް އަރަން ފެށުމާއެކު، ހިތުގެ ތެޅުން އިންތިހާއަށް އަވަސްވިކަން އިޙްސާވިސްއެވެ. ނުވަވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު އޭނަ، ލިފްޓުން ފޭބިއެވެ. ދޮރުގެ އެއްފަރާތުގައި ހަރުކޮށްފައިވާ ބެލްއަށް ބަލައިލުމަށްފަހު، އަތް ހިއްލައިލިއިރު، އެ އަތުގައިވެސް ތުރުތުރު އެޅުމެއްގެ އަސަރުވެއެވެ. ތުންފަތުގައި ދަތް އަޅައިލީ އުތުރި އަރަމުންދިޔަ އިޙްސާސްތައް ހިންދައިލަން ބޭނުންވެފައިވީ ފަދައަކުންނެވެ. ހިތްވަރުކޮށްފައި ބެލް އަޅައިލުމަށްފަހު، އައިރާ މަޑުކޮށްލިއެވެ. ދޮރު ހުޅުވުމާ ދެމެދު ހޭދަވި މަދު ސިކުންތުކޮޅު ކޮޅަށް ހުންނަންވެސް އޭނައަށް ދަތިވިއެވެ. އަވަސްވަމުން ދިޔަ ނޭވާ ހަމައަކަށް އަޅުވާލާ ކުރިމަތިލާންޖެހޭ ކަންތައްތަކަށް ނަފްސު ތައްޔާރުކޮށްލަން މަސައްކަތްކުރަމުން ދަނިކޮށް ދޮރު ހުޅުވާލައިފިއެވެ. އެއާއެކު އައިރާއަށް އެ ދިމާލަށް ބަލައިލެވުނެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ