ޕޯޓަލަށް ނުލައި އެސްޓީއޯގައި އެދުމުން ބޭސް ގެނެވޭ ގޮތަށް އަލުން ބަދަލުކުރަނީ

ރާއްޖެއިން ބޭރުން ބޭސް ގެންނަން ޕޯޓަލްއަށް އާންމުން ހުށަހަޅަންޖެހޭ ގޮތަށް މިހާރު އޮންނަ އޮތުން ބަދަލުކޮށް، ފުރިހަމަކުރަންޖެހޭ މަރުހަލާތައް އެސްޓީއޯގެ ބޭސްފިހާރަތަކުން ކުރާ ގޮތަށް އަލުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ގެނައުމަށް މިހާރު ޖެހެނީ، ވިރަ ޕޯޓަލަށް ހުށަހަޅާށެވެ. އެކަމަށް ބޭނުންވާ ލިޔެކިއުންތައް އެ ޕޯޓަލަށް ހުށަހަޅަން ޖެހެނީ އެ މީހެއްގެ އީފާސް މެދުވެރިކޮށް އަމިއްލަ އަށެވެ. 
އެ ބޭހެއް އެސްޓީއޯއިން ގެނެސްދެނީ އެ ހުށަހެޅުމަށް އެންސްޕާއިން ހުއްދަދިނުމުންނެވެ. އާންމުންގެ ޝަކުވާއަކީ، ޕޯޓަލެއް މެދުވެރިކޮށް އެކަން ކުރަން އުނދަގޫ ވުމެވެ. އަދި އެންސްޕާގެ ހުއްދަ ލިބިން ގިނަ ދުވަސްތަކެއްވާކަމުގެ ކަންބޮޑުވުންތައް ވެސް އާންމުންގެ އެބަހުއްޓެވެ.
މިގޮތަށް ހުށަހަޅައިގެން، އެންސްޕާގެ ހުއްދަ ނުލިބިގެން އެތަށް ދުވަހެއްވީއިރު ކުއްޖަކަށް ކޮންމެހެން ބޭނުންވާ ފީޑިން ޓިއުބެއް ނުގެނެވި އެ ކުއްޖާ މަރުވި މައްސަލައެއް ވެސް މިފަހުން ފެންމަތިވި އެވެ.
ބުނީ ކީކޭ؟ - ރާއްޖެއިން ބޭރުން ބޭސް ގެނައުމުގައި އާންމުންނަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައަށް މައުލޫމާތު ސާފުކުރަން، އެ ކޮމިޓީން މިއަދު ވަނީ ކަމާބެހޭ ހަތަރު ފަރާތަކާ ބައްދަލުކޮށްފަ އެވެ.
މި ބައްދަލުވުމުގައި ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ބޭސް ކުންފުންނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު ވިދާޅުވީ، އާންމުން ކޮންމެހެން ބޭނުންވާ ބޭސްތައް ރާއްޖެއިން ބޭރަށް ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ، ބޭސް ގެނައުމަށް ވިރަ ޕޯޓަލަށް ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކުރުމުން ކަމަށެވެ. އަދި އެކަން އެމީހެއްގެ އީފާސް މެދުވެރިކޮށް އަމިއްލައަށް ކުރާ ގޮތަށް އޮތުމުން އާންމުންނަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯޯ ކައުންޓަރުތަކުން ބޭސް ސިޓީ ބަލައިގަތް ދެއްތޯ މީގެ ކުރިން. ދެން ފަހުން އައި ބަދަލަކުން ވިރަ ޕޯޓަލަށް ހުށަހަޅަން އާންމުންނަށް މި ޖެހުނީ. އޭގެ ފަހުން ތަކުލީފުތަކެއް ރައްޔިތުންނަށް މި އައީ އުނދަގޫތަކަކާ ދިމާވީ. އަޅުގަނޑުމެންގެ ފާމަސީތައް ބަދަލުވާ ހިސާބުން ފެށިގެން އަޅުގަނޑުމެން ކުރީގަ އިން ގޮތަށް ސިސްޓަމް ބަދަލުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވި ގޮތުން، ކުރީގައި އޮތް ގޮތަށް އެ ނިޒާމު ބަދަލުކުރުމުން:
ބޭސް ސިޓީ ނުލިބޭ ބޭހެއް ނަމަ، ފާމަސީގެ ކައުންޓަރަކަށް ގޮސްފައި އެދުމުން ބޭސް ގެނައުމުގެ ކަންތަކަކާ އެސްޓީއޯއިން ހަވާލުވާނެ
ޕޯޓަލަކަށް އަޕްލޯޑު ކުރަންޖެހޭ ނަމަ އާންމުންނަށް ނުޖައްސާ އެކަން ފާމަސީތަކުން ކުރާނެ
އެކަމަކު ޕޯޓަލަށް އަމިއްލައަށް ހުށަހަޅަން ބޭނުންވާ މީހުންނަށް އެކަން އެގޮތަށް ކުރަން ފުރުސަތު އޮންނާނެ
"އެހެެންވީމާ އަަޅުގަނޑަށް ހީވަނީ އެ ފަސޭހަކަން އެ ސިސްޓަމް ބަދަލުކުރީމާ ހަމަޖެހިގެންދާނެހެން. ހަމަ ގައިމު ވެސް އަޅުގަނޑުމެން މިހާރު ކުރަމުންދާ ޕްލޭންގެ ތެރޭގައި އެ ސިސްޓަމް ބަދަލުކުރާގޮތަށް އޮތީ،" ޝާހު ވިދާޅުވި އެވެ.
ބޭހުގެ އެއްވެސް ދަތިކަމެއް އުޅޭ ނަމަ ގުޅަން މިފަހުން އުފެއްދި ކޯލް ސެންޓަރަށް ވެސް ވަަރަށް ގިނަ ކޯލުތައް ބޭސް ނުލިބިގެން އަންނަ ކަމަށް ޝާހު ވިދާޅުވި އެވެ. ޝާހު ވިދާޅުވީ، ބޭރުން ގެންނަންޖެހޭ ބޭސްތަކުގެ ކަންކަން އެ ކޯލު ސެންޓަރާއި ހަވާލުކުރި ފަހުން އަދި މިވީ މަސްދުވަސް ކަމަށާއި މިހާތަނަށް ގާތްގަނޑަށް 700އެއްހާ ބޭސް ސިޓީ ލިބިފައިވާ ކަމަށެވެ. އަދި، އާސަންދަ އާއި އެންސްޕާއަށް ވެސް އެފަދަ ގިނަ ކޯލުތަކެއް ގެން އަންނަމުންދާ ކަމަށް ވިދާޅުވި އެވެ.
ޝާހު ވިދާޅުވި ގޮތުން، އަންނަ އަހަރުގެ މާޗު މަހުން ފެށިގެން، ރާއްޖޭގައި ނެތް ބޭހުގެ ތަފްސީލުތައް ވަގުތުން ބަލާލެވޭ ގޮތަށް ނިޒާމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އޭރުން،  ބޭސް ގަނައުމުގައި މިހާރު އުޅޭ ލަސްކަން ހައްލު ކުރެވި، އާންމުކޮށް ބޭނުންކުރާ ބޭހަށް އެދޭތާ ދެ ހަފްތާތެރޭ އެ ބެހޭއް ލިބޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ