އިންޑިއާ އައުޓް ހިންގީ ޕީޕީއެމުން، ޕީއެންސީއަކުން ނޫން: އައިބީ

އިންޑިއާ ސިފައިން އެ ގައުމަށް އަނބުރާލާ ފޮނުވައިލުމަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތްތައް ބޭއްވީ ޕީޕީއެމުން ކަމަށާއި އެކަން ކުރީ މިހާރު ވެރިކަމުގައި އޮތް ޕީއެންސީން ނޫން ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ބުނެ، ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ، މާލޭގެ މަޖީދީމަގުގައި "އިންޑިއާ އައުޓް"ގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ފުރައްސާރަކޮށް، މޯދީގެ މާލި ހަދައި، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީން "ޕެރޭޑު"ކުރި ކަމަށެވެ. "ދެން އެ ވިދާޅުވާ މުޒާހަރާއެއް މާލޭ މަޖީދީމަގުގައި ކުރީ ޕީއެންސީއަކުން ނޫން، އެއީ އޭރުގައި ޕީޕީއެމުން ކުރި [މުޒާހަރާ]އެއް. ޕީޕީއެމްގެ ލީޑާޝިޕަކީ އެއީ މުޅިން އެހެން ލީޑާޝިޕެއް. އެ ލީޑާޝިޕުން މިއަދު ވެސް މުޒާހަރާކުރަނީ މާލޭ މަގުމަތީގައި،" މީކާއީލަށް ފަހު، އެ ގަރާރަށް ބަހުސްކުރައްވަމުން އައިބީ ވިދާޅުވިއެވެ. ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ: އޭނާ ވިދާޅުވީ އިންޑިއާ އައުޓް މުޒާހަރާކުރީ ޕީޕީއެމުން ކަމަށާއި ޕީއެންސީން ނޫން ކަމަށް --- ފޮޓޯ/ މަޖިލިސް އެއީ "ޕީއެންސީ"ގެ ލީޑާޝިޕުން ކުރި މުޒާހަރާއެއް ނޫން ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕުން އޭރު ވެސް މަގުމަތީ މުޒާހަރާކުރި ކަމަށް އައިބީ ވިދާޅުވިއެވެ. "މިއީ މުޅިން އާ ޕާޓީއެއް، އާ ލީޑާޝިޕެއް، އާ ފިކުރެއް،" ޕީއެންސީގެ ފިކުރުން މޯދީއަށް މާލި ހަދައި ފުރައްސާރަކުރުން ފަދަ "ވިޔާނުދާ" ކަންކަން ކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވެ، އައިބީ ވިދާޅުވި ގޮތުގައި ޕީއެންސީން މަސައްކަތްކުރަނީ އިސްލާހަށެވެ. އައިބީ މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް ޢަބްދުالله ޔާމީން އިސްވެ ހިންގެވި އިންޑިއާ އައުޓް ހަރަކާތްތައް އޭރު ހިންގާފައިވަނީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުންނެވެ. އެ ދުވަސްވަރަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ދުވަސްވަރެއް ކަމުން، ކޯލިޝަން ލީޑުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ މިހާރުގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުاللهއެވެ. https://sun.mv/179254 ޔާމީން ޖަލުގައި ހުންނެވިއިރު ޢަބްދުއްރަޙީމް ހުންނެވީ ޕީއެންސީގެ ރައީސްގެ މަގާމުގައެވެ. އޭރު ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫންގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް ވަނީ މަސައްކަތްކުރައްވައިފައެވެ. އެ ހަރަކާތް މުޅި ރާއްޖެތެރޭ ކުރިއަށް ގެންދިއުމަށް ވެސް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އޭރު މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އިންޑިއާ އައުޓް ހަރަކާތަކީ ޔާމީންގެ ހަރަކާތެއް ކަމަށް، މިދިޔަ އަހަރުގެ ކުރީކޮޅު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޚަލީލް ވިދާޅުވެފައިވެއެވެ. ޚަލީލް އޭރު ވިދާޅުވީ، މިހާރު ޔާމީނަކީ ވެރިކަން ކުރާ ޕީއެންސީން މުޅި ދުރުގައި ހުންނެވި ބޭފުޅެއް ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ޕީޕީއެމް ވަނީ އުވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ