ގާސިމް ރައީސަށް: ކަންކަން ހައްދުން ނައްޓައިފި، މިހާރުވީ ''ގެއަށް ކަނޑާލަން''
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އަމަލުފުޅުތައް މިހާރު ހައްދުން ނައްޓައިފި ކަމަށާއި، އެ މަނިކުފާނު "މިހާރު ގެއަށް ކަނޑާލަން" ޖެހޭ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ޞާލިޙްއަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ. ގާސިމް މިފަދައިން ވާހަކަދައްކަވާފައި ވަނީ މިއަދު ބޭއްވި ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ގާސިމް ވަނީ އޭނާގެ ވިލާ ކުންފުންޏަށް ދީފައި އޮތް ވާވެއްދި ފަޅު ހިއްކުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާތީ އާއި، ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ، ރައީސް ޞާލިހް ގޯސް ހައްދަވަމުން ގޮސް ހައްދަވާނެ އިތުރު ގޯހެއް މިހާރު ނެތް ކަމަށެވެ. އަދި އެކަންކަން ކުރައްވާފައި ވަނީ ސީދާ ރައީސް ޞާލިޙްގެ ނުފޫޒު އޮވެގެން ކަމަށް ތުހުމަތު ކުރައްވައި ގާސިމް ފާޑު ވިދާޅުވިއެވެ. ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ނެތް ގޮބޮޅިއެއްވެސް އަޅާކަށް. ދެން މަނިކުފާނު އެހެންވީމާ އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވަންށޭ ކިޔާފައި އުޅުއްވުމުގެ މާނައެއް ނެތް. އިޓް އިސް ޓޫ މަޗް. އިޓް އިޒް މީ ދެން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ ކަނޑާލަންވީ ގެއަށް. ގާސިމް އިބްރާހީމް މީގެ އިތުރުން ގާސިމް ވަނީ މަޖިލީހުގެ ޑެޑްލޮކާ ބެހޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އެކަމާ މެދުވެސް ސުވާލު އުފައްދަވާފައެވެ. މަޖިލިސް ހުއްޓުމަކަށް ދިޔަ މައްސަލައިގައި އަސްލަމް ވިދާޅުވީ މަޖިލީހުގައި ބާރުވެރިކަމާ އެކު މަރުތަޅު އަޅުއްވައިގެން ހުންނެވީ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަމަވެސް ގާސިމް ވަނީ ރައްޔިތުންގެ އިތުބާރު މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އެބަ އޮތްތޯ އައްސަވައި ސުވާލު އުފައްދަވާފައެވެ. އަދި ރައީސް ޞާލިޙް ދެކެ ގަންނާ ކުރައްވާ ބިރަކުން ޖޭޕީގެ ބައެއް މެންބަރުން އެމްޑީޕީއަށް ސޮއިކުރެއްވި ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ. ގާސިމް ވިދާޅުވީ ސަރުކާރުން އަމަލު ކުރާ ގޮތުގެ އެތައް ވާހަކައެއް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ޖެހިފައިވާ ކަމަށާއި، މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ. އެމްޑީޕީއާއެކު 2018 ވަނަ އަހަރު ކޯލިޝަން ހަދައިގެން ސަރުކާރާ އެކު މަސައްކަތް ކުރަމުން އައި ޖޭޕީން ކުރިއަށް އޮތް އިންތިޚާބުގައި ކޯލިޝަން ހެދުމަށް ރައީސް ދެއްވި ދައުވަތު ގަބޫލުކުރައްވާފައެއް ނުވެއެވެ. އެ ޕާޓީން ނިންމާފައި ވަނީ، ޖޭޕީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ނުވަތަ ވަކިން ވާދަ ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ