ކަރަންޓުގެ ހިދުމަތަށް ސްޓެލްކޯއިން ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފައި: ނައިބު ރައީސް

ކަރަންޓުގެ ހިދުމަތަށް ސްޓެލްކޯއިން ވަނީ އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތަކީ ރައްޔިތުންނަށް ބޭނުންވާ ވަރަށް ބޮޑު އަސާސީ ހިދުމަތެއް ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ އަހަރުތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދަި އަދި ކަރަންޓުގެ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައި ކަމަށެވެ. 34 ރަށަކަށް ޒަމާނާ އެއްގޮތަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނައިރު ސްޓެލްކޯއިން އަންނަނީ ފެނާއި ނަރުދަމާގެ ހިދުމަތްވެސް ފުޅާކުރަމުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ވޭތުވެދިޔަ އަހަރުތަކުގަ ހާއްސަ ގޮތެއްގަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ސްޓެލްކޯއަކީ ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކުންފުންޏެެއް. މާލޭ ސަރަހައްދުގެ ކައިރި ރަށްތަކުގެ ގާތްގަނޑަކަށް 34 ވަރަކަށް ރަށަށް ކަރަންޓުގެ ހިދުމަތާ ފެނާއި އަދި ނަރުދަމާގެ ހިދުމަތްވެސް ދޭ ކުންފުންޏެއް. އެނގިވަޑައިގަންނަވާނެ ގެނެވުނު ބަދަލުތައް ޒަމާނާ އެއްގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ބައްޓަން ކުރެވިފައިވޭ" ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ގެންދަނީ ދެމެހެއްޓެނެވި ތަރައްގީ ކުރިއަރުވަން ވަރަށް ގިނަ މަސައްކަތެއް ކުރަމުން ކަމަށާއި އެގޮތުން ރަށްރަށުގެ އިންޖީނުގެތަކުގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތް ސަރުކާރުން ކޮށްފައިވާކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯއިން ފެންވަރު ރަނގަޅު ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވާން ޖެހޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ