ދޮންފަނުގެ 20 އަހަރުވީ އިންޖީނުގެ ނިއްވާލާ ޒަމާނީ އައު އިންޖީނުގެއަކާއި އޮފީސް އިމާރާތެއް

ރާއްޖޭގެ ގިނަ ރަށްތަކަށް ބަލާއިރު، ގިނަ އިންޖީނުގެތައް ހުރީ ރަށުގެ މެދުތެރޭ ކަހަލަގޮތަކަށެއެވެ. މީގެ ސަބަބުން އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހެއެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުގައި ހިމެނޭ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނު ގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކައިން ދަނީ އެ ފަދަ ރައްރަށުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ ތެރެއިން ބ. ދޮންފަނަކީ ސަރުކާރުން އިންޖީނުގެ އެކަހެރި ސަރައްދަށް ބަދަލު ކުރި އެއްރަށެއެވެ. 600 މީހުންގެ އާބާދީއެއް އޮންނަ ބ. ދޮންފަނުގައި ބޭނުން ކުރި އިންޖީނުގެއަކީ މީގެ 20 އަހަރު ކުރިން ބޭނުން ކުރި ކުޑަ އިންޖީނުގެއެކެވެ. ދޮންފަނުގައި އެންމެ ފުރަތަމަ ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވަނީ 1999 ވަނަ އަހަރުއެވެ.
މި އިންޖީނުގެއަކީ ރަށުގެ މެދުގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ އިންޖީނުގެއެއް ކަމުން، އެތަނުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ރަށަށް ބީރައްޓެއްސެއް އައިނަމަވެސް އެންމެ ފުރަތަމަ ދުވަނީ ގަދަ ދުމުގެ ވަހެވެ. އަޑު އެހާމެ ގަދައެވެ.
މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ސަރުކާރުން ދޮންފަނުގެ އިންޖީނުގެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެކަހެރި ސަރަހައްދަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދޮންފަނުގެ ކައުންސިލުން ވިދާޅުވީ މީގެ ކުރިން ހުރި އިންޖީނުގެއަކީ ރަށުގެ މެދު ތެރޭގައި ހުރި ތަނެއްކަމުން އިންޖީނުގޭގެ އަޑު ގަދަވުމާއި ދުމުން ރައްޔިތުންނަށް އެތައް ތަކުލީފަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ބޮޑު ދައްޗަކަށް ވީ ސާފު ބޯފެން ނެގުމުގެ ދަތިކަން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އިންޖީނުގެއިން އަރާ ދުމުމުގެ ސަަބަބުން ފުރާޅު ހަޑިވެ އެންމެ ރައްކާތެރި ގޮތުގައި ބޯފެން ނެގުމުގެ ދަތިކަން ރައްޔިތުން ދިޔައީ ތަހައްމަލު ކުރަމުންނެވެ.
ކައުންސިލުން ވިދާޅުވީ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރެވިގެން ދިޔުމުން ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުން އައިސްފައިވާކަމަށެވެ. ސަރުކާރުން ކުރިއައްގެންދާ މިފަދަ މަސައްކަތުން ހާމަވަނީ ރައްޔިތުއްނާއި މެދު ވިސްނާ މިންވަރުކަމަށް ކައުންސިލުން ވިދާޅުވިއެވެ.
ދޮންފަނުގެ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ ހަސަން އަފީފް ވިދާޅުވީ އިންޖީނުގޭގެ އޮފީސް ޢިމާރާތެއް ނެތި އަދި ހުރި ތަނުގެވެސް ޖާގަ ކުޑަކަމުން އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތްތައް ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ދޮންފަނުގައި އަލަށް ޢިމާރާތްކުރި އިންޖީނުގޭގެ ސަބަބުން ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުވެ، ރަށަށް ޢިޖްތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުންވެސް ބޮޑެތި މަންފާތަކެއް ލިބި ގިނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުވެސް ފަހިވެގެން ގޮސްފައިވާކަމަށެއެވެ. އަދި ރަށުން ކަރަންޓު ކެނޑޭ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ ކަމަށް އަފީފް ވިދާޅުވިއެވެ.
އައު އިންޖީނުގެއާއެކު، ކަރަންޓު ކެޕޭސިޓީވެސް ވަނީ އިތުރުވެގެންގޮސްފައެވެ. އެގޮތުން މީގެ ކުރިން 150 ކިލޯވޮޓުން ދެމުން އައި ކަރަންޓް ކެޕޭސިޓީވަނީ 600 ކިލޯވޮޓަށް އިތުރުވެފައެވެ. އައު އިންޖީނުގޭގައި ކަރަންޓުގެ ވިއުގަ ޒަމާނީ ކުރުމަށް މުޅިން އައު ކޭބަލް ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި ސޯލާރ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ރަށުތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތައް ބަދަލު ކުރަމުގެ މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތެއްވެސް ސަރުކާރުންދަނީ ތަރައްގީކުރަމުންނެވެ. އެގޮތުން މިހާތަނަށް 70އަށް ވުރެ ގިނަ އިންޖީނުގެތަކާއި ފެނަކަ އޮފީސް އިމާރާތް ވަނީ ގާއިމްކޮށްފައެވެ.
ރަށްރަަށުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ރަށުތެރޭގައި ހިންގަމުން ދިޔަ އިންޖީނުގެތައް، ރައްޔިތުންނަށް އުނދަގޫ ނުފޯރާ ހިސާބަށް ބަދަލުކުރުމާއި އައު އިންޖީނުގެތައް އެޅުމާއި ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން އަތޮޅު ތެރޭގައި ފެނަކައިން ޚިދުމަތްދޭ ގިނަ ރަށްރަށުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން އަންނަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ