އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އިއްތިހާދު އެއާވޭސް އިން އަބޫދާބީ އާއި ރާއްޖެއާ ދެމެދު ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
އެ އެއާލައިނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 15ން ފެށިގެން ރާއްޖެއަށް ހަފުތާއަކު އިތުރު ހަތަރު ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެއާއެކު އިއްތިހާދު އެއާވޭސް އިން ހަފުތާއަކު ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު 11އަށް އިތުރުވެގެންދާނެ ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ.
އިއްތިހާދު އެއާވޭސް ބުނީ ދަތުރުތައް އިތުރުކުރުމުން ދަތުރުކުރާ މީހުންނަށް ހެނދުނު ރާއްޖެއަށް އާދެވި، ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެއާއެކު ޔޫއޭއީ އާއި އަރަބި ގައުމުތަކުގެ އިތުރުން އެހެން ގައުމުތަކުން އަންނަ މީހުންނަށް ވެސް ރާއްޖެއަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް ފަސެހަވެގެންދާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
އެ އެއާލައިނުން ބުނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާއިރު ބޭނުންކުރާނީ ބިޒްނަސް އަދި އިކޮނޮމީ ކްލާސް ހިމެނޭ އޭ 320 މަރުކާގެ 136 ގޮނޑީގެ މަތިންދާބޯޓު ކަމަށެވެ. އެ ބޯޓުގައި 16 ބިޒްނަސް ސީޓާއި 120 އިކޮނޮމީ ސީޓް ހިމެނޭނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
ޔޫއޭއީގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ ނޮވެމްބަރު 2011 ގަ އެވެ. އެއާއެކު މިހާތަނަށް 550،000 ފަސިންޖަރުން އުފުލާފައިވާ ކަމަށް ވެސް އިއްތިހާދު އެއާވޭސް އިން ބުންޏެވެ.
އެ އެއާލައިނުން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ޔޫއޭއީން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު 35 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ