އިންތިޚާބުގައި ޔާމީނަށް ވާދަ ކުރެވެން ޖެހޭނެ، އެ އިންތިޚާބުގައި ޔާމީނާއި ވާދަކޮށް ބަލިވެސް ކުރާނަން: ރައީސް ނަޝީދު

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އަބުދުﷲ ޔާމީނަށް ވާދަކުރެވެން ޖެހޭނެ ކަމަށާއި، އެ އިންތިޚާބުގައި ރައީސް ޔާމީނާއި ވާދަކުރައްވައި  ބޮޑުތަނުން ބަލިކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އޭޝިޔާ ޕެސިފިކް ސަރަހައްދަށް ހާއްސަކޮށްގެން ނެރޭ، "ދަ ޑިޕްލޮމޭޓް" ނޫހަށް ރައީސް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީންގެ ވެރިކަމުގެ މި ދައުރު ނިމެންދެން އިދިކޮޅު ޕާޓީތަކުން މަޑު ކުރަނީތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލާގައި ދެ ހިޔާލުފުޅެއް އޮންނަ ކަމަށެވެ. އެގޮތަކީ ދައުރުގެ ކުރިން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް އިންތިގާލީ މަރުހަލާއަކަށް ފަހު އިންތިހާބަކަށް ދިޔުން ކަމަށާއި ނަމަވެސް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ރައީސް ޔާމީނަށް ވެސް ރިޔާސީ އިންތިހާބާ ހަމަޔަށް ވަޑައިގެން އެ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ލިބި ވަޑައިގަތުން ކަމަށް ވިދާޅުވިއެވެ.
"މިދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހުން ދަސްވި އެއް ފިލާވަޅަކީ އެއްވެސް މީހަކު ބޭކާރެއް ނުވާނެކަން، އެންމެން ވެސް މުހިންމު ވާނެކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރައްވަން ޖެހިވަޑައިގަންނަވަނީ، ކީއްވެތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރެސީއެއްގައި ކަން ހިނގާގޮތް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ގާނޫނު އަސާސީއާއި ހިލާފުވެ، އިންސާނީ ހައްގުތަކަށް އިންތިހާއަށް އަރައިގަނެ، ދެން އިންތިޚާބެއްގައި ވާދަކުރުމުން ނުކުންނާނެ ނަތީޖާ ރައީސް ޔާމީންއަށް ތަޖުރިބާ ކުރެއްވެން ޖެހޭނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ރާއްޖެ ވަޑައިގަތުމާއި ގުޅޭ ގޮތުން އެ ނޫހުން ކުރި ސުވާލަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ނުހަނު ބޭނުންފުޅު ނަމަވެސް މި ދަނޑިވަޅުގައި ރާއްޖެ ވަޑައިގަތުމަށް އެމަނިކުފާނުގެ ޕާޓީން އެއްގޮތަކަށް ވެސް އަދި ބޭނުންނުވާ ކަމަށެވެ. އަދި ވަޑައިގަތް ނަމަވެސް ވަޑައިގަނެވޭނީ ވެސް އެމަނިކުފާނުގެ ހަގު ދަރިކަނބަލުންގެ އޯލެވެލް އަށް ފަހުގައި ކަމަށް ވިދާޅުވިއެެވެ.
" އަޅުގަނޑުގެ ދަރިފުޅުގެ އޯލެވެލް އިމްތިހާނު ވެސް މޭމަހު އެބަ އޮތް. އަދި އަޅުގަނޑު ވައުދުވެފައި އޮތީ އޭނާ އިމްތިހާނު ނިންމަންދެން ހުންނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޖަލަށް ދާން ޖެހުނުކަމުގައި ވިޔަސް ވަގުތު ޖެހުމުން އެނބުރި ވަޑައިގަންނަވާނޭ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ