މަހެއްހާ ދުވަސް ތެރޭގައި ރާއްޖެ ބަނޑަށް ޖެހޭނެ - ގާސިމް އިބްރާހިމް

ރާއްޖޭގައި އިޢްލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައި ދަމަހައްޓާނަމަ ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ ބަނޑަށް ޖެހޭނޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދައުލަތައް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު މިދިޔަ ދެމަހެއްހާ ދުވަސްތެރޭގައި ދައުލަތައް 74 މިލިއަން ރުފިޔާ ވަނީ ގާސިމްގެ ވިލާ ޓްރެވަލްސް އިން ވަނީ ދައުލަތައް ދައްކާފައެވެ. މީގެ އިތުރުން ވިލާގެ އެކި ކުންފުނިތަކަށް ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތައް ދައްކަން ޖެހޭ 166 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) މިހާރު ވެސް ނުދައްކާ އެބައޮތެވެ.
ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް ބުރާސްފަތި ދުވަހުގޭ "ވީޓީވީ" އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އެހެން އަހަރުތަކުގެ މިދުވަސްވަރާ އަޅާބަލާއިރު، ފަތުރުވެރިން ރާއްޖެ އައުމަށް ހަދާފައިވާ ބުކިންތަކުގެ 50 އިންސައްތަ މިހާރު ދަށްވެއްޖެ ކަމަށެވެ. ރާއްޖޭގައި އަގު ބޮޑުކޮށް ވިއްކާ ރިސޯޓްތަކާއި، މެދުފަންތީގެ ރިސޯޓްތައްވެސް މިހާރު ހުސްވުމާ ގާތަށް ހިނގައްޖެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"މާޗްމަހުގެ ތެރޭގައި ފެންނާނެ ރާއްޖޭގެ އޮކިއުޕަންސީ ދަށްވެފައި އޮންނަވަރު، ބަލަން ތިއްބަވާ. ނަތީޖާއަކަށް ވާނީ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ބަނޑަށްޖެހިގެން ދިއުން. މަހެއްހާ ދުވަހުގެ ތެރޭގައި ގައުމު ބަނޑަށް ޖެހިގެންދާތަން ރައްޔިތުންނަށް ފެންނާނެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މިކަން މިގޮތަށް މިހިނގަނީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައި އޮތީމަ ކަމަށާއި، މިއީ ނިމެއް އޮތްކަމެއް ނޫންކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތެއް ރާއްޖޭގައި ހަގީގަތުގައި ނުވެސް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.
"ކުރުކޮށް ދަންނަވާނަމަ ދިވެހިރާއްޖޭގައި ގާނޫނީ ހުކޫމަތެއް ނެތް. މަހެއްހާ ދުވަހުގެ ތެރޭގައި ގައުމު ބަނޑަށް ޖެހިގެންދާތަން ފެންނާނެ" ގާސިމް ވިދާޅުވިއެވެ.
ރައީސް ޔާމީނު ހިންގަވާފައިވާ ކަމަށް އަމިއްލަފުޅަށް އިޢްތިރާފު ވެފައިވާ ޚިޔާނާތްތައް ތަހްގީގު ކުރުމަށްވެސް ގާސިމް ފުލުހުންނަށް ގޮވާލެއްވިއެވެ.
ގާސިމް ވިދާޅުވީ، ސަރުކާރުން އޭނާ އާއި ބެހޭގޮތުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އޭނާ ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އެއީ ރޯ ދޮގު ވާހަކަތަކެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އޭނާގެ ދަރިފުޅުވެސް ވަނީ ފްރޭމް ކޮށްފައި ކަމަށެވެ.
"އެމީހުން އެ ތުހުމަތުކުރާ އެއްވެސް ކަމެއް އަޅުގަނޑުގެ ދަރިފުޅު ކޮށްފައެއް ނޯންނާނެ. އެއީ އޭނާ ފްރޭމްކުރަން ކޮށްގެން އުޅޭ ކަމެއް. އެކަމަކު އޭނާގެ ކުށެއް ނެތްކަން ދިވެހި ރައްޔިތުންނަށް ސާބިތުވެގެން ދާނެ" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ