އަންނަ ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ރާއްޖޭގެ ސަރަޙައްދުތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޓީމުތައް ފޮނުވަން އެ ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމު އާއި ހަވާލާދީ "ޕީއެސްއެމް" އިން ރިޕޯޓްކުރާ ގޮތުގައި އެ ކޮމިޝަންގެ ޓީމުތައް ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި މި ޓީމުތައް މިމަހުގެ 24 ވަނަދުވަހު އަތޮޅުތަކަށް ފުރަން ފަށާނެ ކަމަށެވެ.
އަކުރަމު ވިދާޅުވީ މި ޓްރެއިނިންގްތައް ކުރިއަށްދާނީ ފާއިތުވެދިޔަ އިންތިޚާބުތަކުގައި ހިނގާފައިވާ ކަންކަމުން މިސާލު ނަގައިގެން ކަމަށާއި މި ތަމްރީނުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނީ، އިންތިހާބުތަކުގައި އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ފަރާތްތައް ކަމަށެވެ.
އަދި އެ ކޮމިޝަނުން ބާއްވާ އިންތިޚާބުތަކުގައި އާންމު ގޮތެއްގައި ގާތްގަނޑަކަށް 4000 އަށް ވުރެ ގިނަ ވޯޓު އޮފިޝަލުން ބައިވެރިވާނެ ކަމަށާއި، މިފަހަރު ވޯޓު އޮފިޝަލުންގެ އިތުރަށް އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވެސް އިންތިޚާބާ ގުޅޭ މައުލޫމާތުތައް ދިނުމަށް ޓްރެއިނިންގ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ރަށްރަށް ފޮނުވާ އިލެކްޝަންސްގެ މުވައްޒަފުން ތަމުރީނު ކުރުމަށް މިއަދު ވަނީ އެ ކޮމިޝަނުން ތަމުރީނު ޕްރޮގްރާމްތަކެއްވެސް ފަށާފައެވެ. މި ތަމުރީނުތަކުގައި އިންތިޚާބު އޮންނަ ދުވަހު ވޯޓުލާ ސަރަޙައްދުގައި ހިނގާ ކަންކަން ބަލަހައްޓައި، ސުޕަވައިޒު ކުރުމުގެ އިތުރުން އިންތިޚާބު ކުރިއަށްދާ ވަގުތު ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ވެސް ކިޔާދޭނެކަމަށްވެސް އީސީ އިން ބުނެއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމާއި، އިންތިޚާބުގައި ހަރަކާތްތެރިވާ މޮނިޓަރުން އަދި އޮބްޒާވްކުރުމަށްވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ޓީމުތައް އަތޮޅުތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ