އަމިއްލަ އެދުން ދޫކޮށްފައި މައުމޫން ވަޑައިގެންފިނަމަ މަރުހަބާ ކިޔާނަން - ޕީޕީއެމް

އަމިއްލަ އެދުން ދޫކޮށްފައި ކުރީގެ ރައީސް މައުމޫން ވަޑައިގެންފި ނަމަ މަރުހަބާ ކިޔާނަން ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ.
ރައީސް މައުމޫންގެ އޮފީހުން ދާދި ފަހުން ނެރުނު ބަޔާނާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެންގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ ރައީސް މައުމޫނަށް ޕީޕީއެމް އިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ބޭނުމެއް ނޫން ރައީސް މައުމޫނު ކަހަލަ ގައުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުން ތާރީހުގެ ކަޅު ސަފުހާތަކުން ޖާގަ ހޯދައްވަން, އަޅުގަނޑުމެން އަބަދުވެސް އެދެނީ ގައުމުގެ ތަރައްގީ އާއި އެކު ރައީސް މައުމޫން ހުންނެވުން, ގައުމުގެ ހަމަޖެހުމާއި އެކު އެމަނިކުފާނު ހުންނެވުން, ރައްޔިތުންގެ ހިދުމަތުގައި އެމަނިކުފާނު ހުންނެވުން" ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ ރައީސް މައުމޫން އަމިއްލަ އެދުންތަށް ދޫކުރައްވައި, ރައީސް ޔާމީނުގެ ފަހަތްޕުޅަށް ވަޑައިގަތުމަށް އަބަދުވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ހަލީލް ވިދާޅުވީ ޕީޕީއެމް އަކީ އަބަދުވެސް މަޝްވަރާ އަށް ލޯބި ކުރާ ޕާޓީ އެއް ކަމަށެވެ.
ރައީސް ޔާމީނަށް ކުރެއްވި ތާއީދު ރައީސް މައުމޫން އަނބުރާ ގެންދެއްވީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުއެވެ. ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވަމުން މައުމޫން ވިދާޅުވީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ވެރިކަމަށް އައި ސަރުކާރުން ކަންކަން ކުރަމުން މިހާރު ދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި ތިން ބާރު މަސްހުނިކޮށް، ހުރިހާ ބާރުތަކެއްގައި ވެސް ގަދަވެފައި ވަނީ އެއް ބޭފުޅެއްގެ އަޑު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަދި ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ، މައުމޫން ވިދާޅުވި ގޮތުގައި، ޕީޕީއެމުން ވެރިކަމަށް އައި މަގުސަދުތަކާ ކަނޑައެޅިގެން ހިލާފަށެވެ. މިހާރު އޮތް ސަރުކާރަކީ ޕީޕީއެމްގެ އާއްމު އުސޫލުތަކާއި ވިސްނުމާ އެއްގޮތަށް ހިނގާ ސަރުކާރެއް ނޫން ކަމަށް ރައީސް މައުމޫން ތަކުރާރުކޮށް ވިދާޅުވި އެވެ.
ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރު ކޮށްފައިވާއިރު މިމަމުގެ 19 ވަނަ ދުވަހު ރައީސް މައުމޫނު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންވަނީ އަމުރު ކޮށްފައެވެ.
ރައީސް މައުމޫނުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާއާއި ހެކި ނައްތާލުމުގެ ދައުވާއާއި ރިޝްވަތު ހުށައެޅުއްވުމުގެ ދައުވާއާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ދައުވާވަނީ ކޮށްފައެވެ.
މައުމޫނުގެ އިތުރުން އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމަށް ވެސް ވަނީ ނިރުބަވެރިކަމުގެ ދައުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ