ފަހުގެ ތާރީހެއްގައިވެސް ފުވައްމުލަކު ސިޓީއަށް އުދަ ނާރާ ވަރަށް މިއަދު އުދަ އެރައި ލިބުނު ގެއްލުންތަކާއެކު އެސިޓީގެ ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށް މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެއްޖެއެވެ.
ފަލާހު ވިދާޅުވީ އެރަށުގެ ހުޅަނގު ފަރާތުން އެރި އުދަ ރަށުތެރެއަށް ދެމިގެންފައިވަނީ ކިހާ ދުރަށް ކަމެއް ކަނޑައެޅިގެން ދަންނަވަން ދަތި ކަމަށެވެ. "ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެފައި އޮއްވައި އުދަ މިއެރީ. އެހެން ކަމުން ރަށުތެރެއަށް ލޮނުގެ އަސަރު ކޮށްފައިވަނީ ކިހާވަރަކަށް ކަމެއް ވެސް ދަންނަވަން ދަތި،" ފަލާހު ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވީ އުދައަރައިފައިވަނީ މީހުން އެހާގިނައިން އުޅޭ ސަރަހައްދަކަށް ނޫން ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް ގެއަކަށް ލޮނު ވަދެފައި ނުވާކަމަށާއި ހަމައެކަނި ލޮނުވަދެފައިވަނީ ޕޮލިސް ސްޓޭޝަންގެ ގޯތިތެރެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އުދައިގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމެއްގެ ތަފްސީލްވެސް އެނގޭނީ ބެއްލެވުމަށްފަހު ކަމަށެވެ.
"މިރަށުގެ އުމުރުން ދުވަސްވީ މީހުންވެސް ބުނަނީ މިހާބޮޑެތި ރާޅު އެރިހަނދާނެއްވެސް ނެތްކަމަށް. ފުވައްމުލަކު ސިޓީއަކީ މެދަށް އަޑިވެފައި އޮންނަ ރަށަކަށްވާތީ އެތެރޭގައި ތިބޭއިރު ނަގާ ރާޅު ފެނޭ. އަންދާޒާ ކުރެވޭ ގޮތުގައި އެއިން ރާޅެއްގެ އުސްމިނުގައު ހުންނާނެ ގާތްގަޑަކަށް ދިހަ ފޫޓު ނުވަތަ ފަނަރަ ފޫޓު. މިހާ ބިޔަ ރާޅެއް އަޅުގަނޑުމެންގެ ހަނދާނުގައިވެސް މިސިޓީން ފެނިފައެއް ނުވޭ. މިކަމުގެ ސަބަބުން ރައްޔިތުން ތިބީ ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައި ދެންވާނެ ގޮތެއް ނޭނގިފައި،" ފަލާހު ވިދާޅުވިއެވެ.
އުދައެރު ވަގުތު މަގުތަކުގައި ޕާކުކޮށްފައިވާ ސައިކަލް ފަދަ އުޅަނދު ފަހަރަށްވެސް ލޮނުގެ އަސަރު ކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެން ކަމުން އޭގެ ވެރިން ހޯދައި އޭގެ ތަފްސީލްވެސް ނަގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް އެސަރަހައްދުގައި ގާޑިޔާއެއް ބަހައްޓައިގެން ވިޔަފާރި ކުރަމުންދިޔަ މީހެއްގެ މުދަލަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުދައާއެކު ރަށުތެރެއަށް ވެއްދި ކުނިބުންޏާއި، ވެއްޔާއި، ގައުތައް ނަގައި މަގުތައް މިހާރުވަނީ ސާފުކޮށްފައި ކަމަށެވެ. އެމަސައްކަތް ކުރައްވައިފައިވަނީ ހައުސިން މިނިސްޓްރީއާއި، ވެމްކޯއާއި، ފުލުހުންނާއި، ސިފައިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިރޭ ފަތިހުވެސް އުދައަރައިފާނެތީ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވިއްސާރައިގައި ކަނޑުގަދަވެ އައްޑޫސިޓީ ހަންކެޑެ ސަރަހައްދަށްވެސް ވަނީ އުދައިގެ އަސަރު ވަރަށްބޮޑަށް ކޮށްފައެވެ.
ފުވައްމުލަކަށް އުދައަރައި ރައްޔިތުން ބިރުވެރި ކަމެއްގެ ތެރޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ