ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމާއި އެކު އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހައިޖާނު ބޮޑުވެއްޖެއެވެ. އުމަރުގެ “ނުރައްކާތެރި” ވާހަކަ އާއި، އެއީ “ކަތުރުފަންޏެއް” ގޮތުގައި ސިފަކޮށް ވަރަށް ގިނަ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަން ފަށައިފިއެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އުމަރަށް ލިބިދާނެތީ، އެކަމާއި ކަންބޮޑުވާ ބަޔަކު ވެސް އެބައުޅެއެވެ.
ކެނެރީގޭ މުހައްމަދު ނަޝީދުގެ ލާދީނީ ސިޔާސަތާއި ދެކޮޅު ބޭފުޅެއްކަން ޔަގީންވާތީ އުމަރަށް ބަހުގެ ހަމަލައެއް ނުފޮނުވައި އެމްޑީޕީގެ މެންބަރުންގެ ލޮލަށް ނިންޖެއް ވެސް ނާންނަނީއެވެ. އެމްޑީޕީގެ ޗެއާޕާސަން ވެސް އުމަރަށް އެޕާޓީ އާއި ވައި ވެސް ނޭޅޭނެ ކަމަށް ވިދާޅުވެ އިންޒާރު ވެސް ދެއްވައިފިއެވެ.
ޖުމްހޫރީ ޕާޓީއަށް އުމަރު ސޮއިކޮށްގެން އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހައިޖާނު އުފެދެންޖެހޭ ސަބަބެއް ނެތެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވި ނަމަވެސް އުމަރަކީ މިހާރު ސަރުކާރާއި އިދިކޮޅަށް ނިކުމެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އުމަރަށް ވުރެ މި ސަރުކާރުގެ މާ މަތީ މަގާމުތައް ފުރުއްވި ބޭފުޅުން މިއަދު އިދިކޮޅު ފަރާތްތަކުގައި އެބަތިއްބެވެ.
އެހެން ނަމަވެސް އުމަރު ޖޭޕީއާ ގުޅުމުން ގުޅިފައިވާ ސިޔާސީ ޕާޓީތައް އެގޮތުގައި ދެމި އޮންނާނެތޯ ސުވާލު އުފެދޭ ހިސާބަށް ކަންތައް ގޮސްފިއެވެ. އެއްބައިވަންތަކަމާއި ޑިމޮކްރަސީގެ އުސޫލަށް ތަބާވުމުގައި މިވަރުގެ ބަޔަކަށް އެންމެ ބުއްދިވެރި ގޮތަކީ 2018ގައި ރައީސް ޔާމީން އާއި ވާދަކުރާ ވާހަކަ ނުދެއްކުމެވެ.
އުމަރު ނަސީރު ޖޭޕީ އާއި ގުޅިވަޑައިގަތުމުން ފެންނަމުން ގެންދާ މަންޒަރުތަކަށް ބަލާއިރު އިދިކޮޅު ކޯލިޝަނުގެ ބަދަހިކަމެއް ނެތްކަމާއި އަދި އެތެރޭގެ ކޯޅުންތައް އޮތް މިންވަރު ހާމަވެގެން ހިނގައްޖެއެވެ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ބަދަހިކަމާއި އެކު ނިކުމެ 2018 ކާމިޔާބު ކުރާއިރުވެސް އިދިކޮޅު ފަރާތްތަކުން ތިބޭނީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދިނުމުގައެވެ.
އުމަރު ދެކެ މިވަރަށް ޖެހިލުންވާ ބަޔަކަށް ރައީސް ޔާމީނާއި ވާދަކުރެވޭނެތަ!؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ