އިސް ގާޒީ ހައްޔަރުކުރި ކަމަށް ބައިނަލްއަޤްވާމީ މީޑިއާގައި ނަޝީދު ޢިއުތިރާފު ވެއްޖެ

ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ ޢަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރުކުރަން އަމުރު ކުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ބައިނަލް އަގްވާމީ މީޑިއާގައި އިއުތިރާފު ވެއްޖެ އެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ވަޔާ އަށް ދެއްވި އިންޓަވިއުއެއްގައި އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން އަބްދުﷲ ގާޒީ އާއި މެދު އަމަލު ކުރެއްވުނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އަދި އެކަން އެއަށްވުރެ ރަގަޅަށް ކުރެވެން އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު މީގެކުރިން ނުހައްދަވާ އިތުރުފުޅެއް ނަޝީދު މިފަހަރުވަނީ ހައްދަވާފައެވެ. އެގޮތުން މިއިންޓަވިއުގައި ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރަން ޖެހުނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން މަގާމު ދޫކޮށްލުމަށް އަބްދުﷲ ގާޒީ އަށް އެންގުމުން އެކަމަށް އަބްދުﷲ ގާޒީ ދެކޮޅު ހެއްދެވުމުން ކަމަށެވެ. ނަޝީދު އެހެން ވިދާޅުވި ނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަބްދުﷲ ގާޒީ އަށް މަގާމުން ދުރަށް ވަޑައިގަތުމަށް އަންގަވާފައެއް ނުވެއެވެ.  މީގެކުރިން ވެސް އެކި ފަހަރުމަތިން ރައީސް ނަޝީދުވަނީ އަބްދުﷲ ގާޒީ ގާނޫނީ ޚިލާފަށް ހައްޔަރުކުރި ކަމަށް އިއުތިރާފުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ ނަޝީދު އެކަމަށް އެއްބަސްވެވަޑައިގަތީ އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.ނަޝީދު ވިދާޅުވި ގޮތުގައި ގަބޫލު ނުކުރެވޭ އެތައް ނިންމުންތަކެއް ކޯޓުތަކުން ނިންމުމަކީ ތިން ބާރު ވަކިވުމުގެ ނިޒާމަށް ރާއްޖެ އާކަމުން ދިމާވި ކަންތައްތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަންކަން ހައްލު ކުރަން ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީ ހައްލެއް ނޫން ކަމަށާއި އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.ނަޝީދުގެ ސަރުކާރުން އެމަނިކުފާނުގެ އޯޑަރަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކޮށް 21 ދުވަސް ވަންދެން ގިރިފުށީގައި ބެހެއްޓިކަން މިއީ ދިވެހި ރައްޔިތުންނަށް އެނގޭ ބޮޑު ހަގީގަތެކެވެ. އަދި ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ނިންމާލަން ޖެހިވަޑައިގަތުމުގެ އެންމެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ ވެސް ފަނޑިޔާރު ވަގަށް ނެގުމެވެ.  އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ފަހު ނަޝީދު ވަނީ ކޯޓުގެ 100 ފޫޓާ ގާތަށް ވެސް އަބްދުﷲ މުހައްމަދަށް ވަޑައިނުގެންނެވޭނެ ކަމަށާއި، އަބްދުﷲ މުހައްމަދު މިނިވަން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މީގެއިތުރުން ނަޝީދު ވަނީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެވުނުކަން އެއީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި އެންމެ ދެރަވަރު ކަންތައް ކަމަށާއި، އެމައްސަލައިގައި ބޮޑު ހުކުމެއް އަންނާނެ ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައެވެެ. ނަޝީދުގެ އަނިޔާވެރި ވެރިކަމުގެ ތެރެއިން އުސް ފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ބައެއް ހިނދު ހިނދުކޮޅުގައި ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. ކަން މިހެން ހުރިއިރު، އަބްދުﷲ ގާޒީ ހައްޔަރުކުރީ ދުރާލާ ރޭވިގެންކަން ނަޝީދުގެ ވާހަކަތަކުން ވަރަށް ބޮޑަށް މިވަނީ ހާމަވެފައެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެމަގާމުގައި ހުންނެވި ބޭފުޅަކު ފަނޑިޔާރަކު ހައްޔަރުކުރުމަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި، އެމައްސަލައިގައި ދައުލަތުން ނަޝީދުގެ މައްޗަށް ކުރާނީ އެންމެ ބޮޑު ދައުވާކަމަށް ވިދާޅުވެ ނަޝީދު ވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވުމުން ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ