މެމްބަރު އިލްހާމާއި ސިނާން ހޯދަން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގަތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އިލްހާމް އާއި ސިނާން ހޯދަމުން ދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އަދި އެ ދެ ބޭފުޅުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އިލްހާމް އާއި ސިނާން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު މާލެ ވަޑައިގަތީ މި ހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. އެހެންނަމަވެސް، ފެބްރުއަރީ 4 ވީ އާދިއްތަ ދުވަހު އެ ދެ މެމްބަރުން މާލެ ވަޑައިގަތުމާއިއެކު އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފަ އެވެ.
ނަމަވެސް އިލްހާމް އާއި ސިނާންގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ ދެ މެމްބަރުން މިނިވަންކޮށްފަ އެވެ.
އިލްހާމާއި ސިނާން އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީގެން ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ