ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެގެން ޕެރަޑައިސް އައިލެންޑް ރިސޯޓުން ދެފަހަރެއްގެ މަތިން ދަބަހެއްގައި ފައިސާތަކެއް ގެނައި ކަމަށާއި އެ ފައިސާތައް ފާރިސް ވިދާޅުވެގެން ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ހަވާލުކޮށްފައި ވާނެ ކަމަށް ބުނެ ފުލުހުންނަށް ބަޔާންދިން މީހާ ކޯޓުގައި ހެކިބަސް ދޭން ދެކޮޅު ހަދައިފިއެވެ.
ފާރިޝް ވިދާޅުވެގެން ފައިސާ އުފުލައިދީފައި ވާނެ ކަމަށް ބުނެ ބަޔާން ދިނީ ޝިޔާމް އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ބުނާ ގޮތުން އޭނާ އަކީ ރައީސް މައުމޫނާއި، ރައީސް މައުމޫންގެ އާއިލާގެ ބޭފުޅުންނާއި ގާތް ގުޅުމެއް އޮންނަ މީހެކެވެ.
ޝިޔާމްގެ ބަޔާނުގައި ބުނެފައި ވަނީ އޭނާ އިލްހާމް އާއި ހަވާލު ކުރި ފައިސާގެ އަދަދު ނޭނގޭ ކަމަށާއި ނަމަވެސް ސިނާން އާއި ހަވާލުކޮށްފައި ވާނީ 1.2 މިލިއަން ޑޮލަރަށްވާ ފައިސާ ކަމަށެވެ. އެއީ 18 މިލިއަން ރުފިޔާ އެވެ.
ޝިޔާމް ކްރިމިނަލް ކޯޓަށާއި ފުލުސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ބަޔާނެއް ދިނުމަށް ފުލުސް އޮފީހުން އެދުމުން އޭނާ 13 ޖެނުއަރީ 2018 ގައި ފުލުސް އޮފީހަށް ބަޔާނެއް ދީފައި ވާނެ ކަމަށެވެ. އަދި އެ ބަޔާން ޝަރީއަތަށް ހުށަހަޅާ ނަމަވެސް، އަދި ހެއްކެއް ގޮތުގައި ކޯޓަށް ހުށަހާނީ ސިއްރުން އަދި އެކަން އޭނާއަށް އެންގުމަށް ފަހު ކަމަށް، އެ ބަޔާން ނެންގެވި ފުލުސް އޮފިސަރު އޭނާއަށް ޔަގީންކަން ދީފައިވީ ނަމަވެސް އެ ބަޔާނުގެ ސިއްރުކަން މިހާރު ގެއްލިފައިވާ ކަމަށެވެ.
ޝިޔާމް ކޯޓުގައި ބަޔާން ދޭން ދެކޮޅު ހަދާފައި ވަނީ އޭނާގެ ބަޔާން ލީކް ވުމުންނެވެ.
ފުލުހުން ވިދާޅުވެފައި ވަނީ ބަޔާންތައް ލީކް ކޮށްލާފައި ވަނީ މައްސަލައިގައި ހިމެނޭ ނުފޫޒުގަދަ ބައެއް ކަމަށެވެ.
ފާރިސް ވިދާޅުވެގެން ފައިސާ ދަބަސްތައް އުފުލި މީހާ ކޯޓުގައި ހެކިބަސް ދޭން ދެކޮޅު ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ