ގައުމު އަނދިރި ގަނޑަށް ވެއްޓުނު ވަގުތު އެއްބަޔަކު ތިބީ ގޭތެރޭ ޓީވީ ބަލަން: އުމަރު

ގައުމު އަނދިރި ގަނޑަކަށް ވެއްޓުނު ވަގުތު އެއްބަޔަކު ތިބީ ގެއަށް ވަދެ "ކުރު އަތް މައްޗަށް އޮށޯވެ" ޓީވީ ބަލަން ކަމަށާއި އެ އަނދިރި ގަނޑުން ގައުމު ސަލާމަތްކުރީ އުމަރު ނަސީރާއި އޭނާގެ ޓީމުން އެކި ތަންތާނގައި ކުރި މަސައްކަތުން ކަމަށް އުމަރު ވިދާޅުވެއްޖެ އެވެ.
ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ޓީމް އުމަރު"ގެ ކެމްޕެއިން ލޯންޗް ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މިފަހަރުގެ ވޯޓު އޭނާގެ ޓީމަށް ދެއްވައި ޕީޕީއެމްގެ ހުންގާނު އޭނާގެ ޓީމާއި ހަވާލުކޮށްފި ނަމަ ގައުމު "ޗަކަ ވަޅުގަނޑަށް ވެއްޓޭ" ކޮންމެ ވަގުތަކު އެ ވަޅުގަނޑުން ސަލާމަތް ކުރުމަށް އޭނާގެ ޓީމް އޮންނާނީ ތައްޔާރަށް ކަމަށެވެ. އަދި ގައުމަށް ގެނެސްފައިވާ ބަދަލަކީ އޭނާގެ ޓީމުން ރެއާއި ދުވާލު ނުނިދާ ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި އެފަދަ މުހިންމު ވަގުތެއްގައި ވެސް ގައުމު ދޫކޮށް ގެއަށްވަދެ އެތަށް ބަޔަކު ފިލާތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ ލީޑާޝިޕް ހަވާލުކުރާނީ މިހާތަނަށް ނަތީޖާ ނެރެދީފައިވާ ބަޔަކަށްތޯ ނުވަތަ ނަތީޖާ ނެރެދޭނެ ކަމަށް ބުނަމުން އަންނަ ބަޔަކަށްތޯ މިއީ ޕީޕީއެމްގެ މެންބަރުން ވިސްނަން ޖެހޭ ކަމެއް ކަމަށާއި އިންތިޚާބުގައި މެންބަރުން ނިންމާ ނިންމުމެއްގެ ސަބަބުން ޕާޓީ އޮޔާގޮސް ލީޑާޝިޕް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން މިފަހަރު ނިންމަވަންވީ މިގައުމުގެ ލީޑާޝިޕް ހަވާލުކުރާނީ މިހާތަނަށް ނަތީޖާ ނެރެ ދެއްކި މީހުންނަށްތޯ ނުވަތަ ނަތީޖާ ނެރެދޭނެ ކަމަށް ބުނާ މީހުންނަށްތޯ. ކޮންބަޔަކަށްތޯ ވޯޓު ދެއްވާނީ. ގައުމަށް އެންމެ މުހިއްމުވީ ގަޑީގައި އެއްބަޔަކު ތިބީ ގެއަށް ވަދެ ކުރު އަތް މައްޗަށް ބޯ އަރުވައިގެން ޓީވީ ބަލަށް އިނގޭތޯ. އުމަރާއި އުމަރުގެ ޓީމު ނިކުމެ ޖަލުތަކުގަ އާ ކޯރު ތަކުގަ އާ ޓީވީ ސްޓޭޝަން ތަކުގައި ލީޑު ކޮށްދީގެން ގައުމަށް މިބަދަލު ގެނައީ. އަޅުގަނޑު މި ދަންވަނީ އަޅުގަނޑުގެ އަތަށް ލީޑަޝިޕް ދެއްވާށޭ،" އުމަރު ވިދާޅުވި އެވެ.
ޑީއާރްޕީގެ ޒައީމަކަށް ރައީސް މައުމޫން އަބްދުލްގައްޔޫން ހުންނެވި އިރު ޕްރައިމަރީ ބޭއްވުމަކާ ނުލައި އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ރިޔާސީ ޓިކެޓް ދެެއްވި މައްސަލައަށް އަލިއަޅުވާލައްވައި ވެސް އުމަރު ވަނީ ރޭ ވާހަކަ ދައްކަވާފަ އެެވެ.
އޭނާ ވިދާޅުވީ ރިޔާސީ ޓިކެޓް ދޭންޖެހޭނީ ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށް ޑީއާރްޕީގައި ހުންނެވި އިރު ވެސް އޭނާ ވަކާލާތު ކުރަމުން ގެންދިޔަ ކަމަށާއި ނަމަވެސް އެއިރު ގިނަ ބަޔަކު އެނާއާ ދެކޮޅަށް ނުކުތް ކަމަށެވެ. އަދި އޭރު ޕްރައިމަރީ ބޭއްވުމަށް އޭނާ ކުރެއްވި މަސައްކަތަށް ހުރަސް އެޅުމަށް އެތަަށް ބަޔަކު ނުކުތް ނަމަވެސް މިއަދު އޭނާ ކުރެއްވި ބުރަ މަސައްކަތުން ޕްރައިމަރީއަކުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ހޮވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވިން ވޯޓު ތިޔަބޭފުޅުންނާއި ހަމައަށް ގެނެސްދޭނަމޭ. ރިޔާސީ ޓިކެޓު ތަބަކަކަށް ލާފައެއް ނުދެވޭނޭ. ވޯޓު ދޭންޖެހޭނީ ޕާޓީގެ މާތް މެމްބަރުންނޭ. އެކަމާއި ދެކޮޅަށް ވަރަށްގިނަ ބަޔަކު މަސައްކަތްކުރި. ސަފުހަދާފައި އަރާ ޕްރައިމަރީއާ ދެކޮޅަށް ވާހަކަ ދެއްކި. އެހެން ދައްކަ ދައްކާ އޮއްވާ މިއަދު އަޅުގަނޑުމެން މި އޮތީ ތިޔަބޭފުޅުންނާއި ހަމައަށް ވޯޓުވެސް ގެނެސްދީފައި،" އުމަރު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އުމަރުވަނީ އޭނާގެ ޓީމްގައި ހިމެނޭ ކެނޑިޑޭޓުން ޕާޓީގެ މެންބަރުންނަށް ތައާރަފް ކޮށްދެއްވާފަ އެވެ.
ޕާޓީގެ މަގާމުތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އުމަރުގެ ޓީމުން ތާއީދު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫންގެ ދަރިކަލުން ކަމަށްވާ މުހައްމަދު ޣައްސާން މައުމޫނާއި އަހުމަދު ފާރިޝް މައުމޫންގެ އިތުރުން ދުންޔާ މައުމޫން ރޭގެ ހަފްލާގައި ބައިވެރިވެވަޑައިގަތް ތަނެއް ފެނިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ