ނ.މާފަރުގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އަސާސީ ބައެއް ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ އެ ރަށުގައި ހުރި ސަރުކާރުގެ އިދާރާތައް ބަންދުކޮށްގެން އެ ރަށުގައި މިއަދުވެސް މުޒާހަރާކުރަމުން އެބަދެ އެވެ.
މާފަރު ރައްޔިތުން މުޒާހަރާ ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ.
މާފަރު ކައުންސިލް މެންބަރު އަންވަރު އަބްދުލް ގަނީ މިއަދު ވިދާޅުވީ މީގެ ތިން ދުވަސް ކުރިން އެރަށު ރައްޔިތުންގެ ބަޔަކު ނިކުމެ ކުރަން ފެށި މުޒާހަރާ އަދިވެސް ހުއްޓާ ނުލާ ކުރިއަށްދާ ކަމަށާއި ރައްޔިތުންގެ ޑިމާންޑަކީ އެރަށުގެ ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ އަސާސީ ހިދުމަތްތައް ނުލިބި ހުރުން ކަމަށެވެ. އަދި މާފަރުގައި އެޅުމަށް ހަމަޖައްސާފައިވާ އެއާޕޯޓް ޕްރޮޖެކްޓް ފެށޭނެ ތާރީހެއް ސަރުކާރުން ދެންދެން އެމުޒާހަރާ ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށްވެސް މުޒާހަރާ ކުރާ ފަރާތްތަކުން ބުންޏެވެ.
"މީގެތިން ދުވަސް ކުރިން ސްކޫލް އިދާރާއާއި ކައުންސިލް އިދާރާއާއި ކޯޓާއި ސިއްހީ މަރުކަޒާ ރަށުގައި ހުރި ހުރިހާ ސަރުކާރުގެ އިދާރާތައް ހުރީ ބަންދުކޮށްފައި، އެމީހުން މިހާރު ކުރާ ޑިމާންޑަކީ އެއާޕޯޓް ޕްރޮޖެކްޓް ފަށާ ތާރީހެއް އިނގުނީމައޭ ތިމަންނަމެން މުޒާހަރާ ހުއްޓާނީ،" އަންވަރު ވިދާޅުވި އެވެ.
ތަފާތު ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ބޯޑުތަކާ އެކު މާފަރުގައި މުޒާހަރާކުރަމުން ގެންދާ މީހުން ގެންދަނީ އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގޮވާލާ އަޑުގަދަ ކުރަމުންނެވެ. މާފަރުގެ ރައްޔިތުން ވަނީ ކަމާ ބެހޭ ފަރާތްތަކަށް އެމީހުން ޑިމާންޑްކުރަމުން ގެންދާ ކަންތައްތައް ފާހަގަކޮށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އަސާސީ ހިދުމަތްތައް ނުލިބިގެން މާފަރު ރައްޔިތުން އަދިވެސް މުޒާހަރާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ