ރައީސްގެ ނިންމެވުން މިއަދު ހަވީރު 4 ޖަހާއިރު އިއުލާންކުރައްވާނެ

ރިޔާސީ ދައުރު މިރޭ 12 ޖަހާއިރު ހަމަވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު އަމަލުކުރައްވާ ގޮތެއް މިއަދުގެ ވަގުތެއްގައި އިއުލާން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހަވީރު 4 ޖަހާއިރު ރައީސް އޮފީހުގައި ވަހީދު ދިވެހި ގައުމާއި މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވާނެ ކަމަށެވެ.
މީގެ ކުރިން އިންޑިޔާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ ވަހީދު ވިދާޅުވެފައިވަނީ ނޮވެމްބަރު 11 އަށް ރައީސަކު އިންތިހާބު ނުކުރެވިއްޖެނަމަ އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ރައީސްގެ ނިންމެވުން މިއަދު އިއުލާންކުރައްވާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބް މުހައްމަދު ވަހީދުއްދީން ވަނީ އިސްތިއުފާދެއްވާފައެވެ. ނައިބު ރައީސްގެ އިސްތިއުފާއާ ބެހޭ ގޮތުން ރައީސް އޮފީހުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރައީސް ވަހީދުގެ ވެރިކަމަށް ނިމުމަކަށް އައިސް މިހާރުގެ ސަރުކާރުގެ ދައުރު މިރެއަށް ހަމަވާއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެން މިސަރުކާރު ދެމިއޮންނާނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފައިވެ އެވެ.
ނައިބް ރައީސް މުހައްމަދު ވަހީދުއްދީން މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޕީޕީއެމާއި ޖުމްހޫރީ ޕާޓީނާއި އަދާލަތު ޕާޓީން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެއްވެންދެން ރައީސް ވަހީދު މަގާމުގައި ދެމިހުންނެވުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ