ނަޝީދަށް ބޮޑު ޕަސެންޓެއް އިންތިހާބުގައި ލިބޭނެ ކަމަށް ގަބޫލުނުކުރަން - މައުމޫން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބޮޑު ޕަސެންޓެއް ލިބިވަޑައި ގަންނަވާނެކަމަށް ގަބޫލުނުކުރައްވާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ހަތަރު އަތޮޅަކަށް ކުރާ ކެމްޕެއިން ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް ނަޝީދަށް ސިޔާސީ ފަރާތްތަކުން ވިދާޅުވަމުންދާފަދައިން ފުރަތަމަ ބުރުން 45ޕަސެންޓް ލިބިވަޑައިގަންނަވަފާނެކަމަށް ގަބޫލުނުކުރެވޭކަމަށެވެ.
"އެއްގޮތަކަށްވެސް އަޅުގަނޑަށް ހިއެއްނުވެ އެބޭފުޅުންނަށް(އެމްޑީޕީ) އެވަރު ލިބިވަޑައިގަންނަވާފާނެކަމަކަށް. އަޅުގަނޑު ދަންނަވާނީ އެބޭފުޅުންނަށް އެވަރެއް ލިބިވަޑައެއްނުގަންނަވާނެއޭ" ރައީސް މަޢުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށާއި އެގޮތުން ރަށްރަށުން ވެސް އެ ޕާޓީ އަށް ބޮޑު ތާއީދެއް އޮތް ކަމަށެވެ.
އަދި އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުކުންނަ ގޮތަކުން ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ޕީޕީއެމާ ކޯލިޝަން ހަދަން ތިބި ޕާޓީތަކާ ގުޅިގެން އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް މައުމޫން މިރޭ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ވާން ޖެހޭ ވަރަށް ތައްޔާރީތަކާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ވާން ޖެހޭ ވަރަށް ތައްޔާރީތައް އަދިވެސް ވެފައި ނެތް ކަމަށާއި ކޮމިޝަންގެ މަސައްކަތް ރޭވިފައި ހުރި ގޮތުން އެތަނުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ.
"އެހެން ޕާޓީތަކުން ވެސް އެކަން ފާހަގަ ކުރޭ. އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނުދަންނަވަން އެބޭފުޅުން ގޯސްގޮށް ކަންތައް ކުރައްވަނިއްޔެކޭ. އެހެނެއް ނޫން އިންތިހާބަށް ކުރަން ޖެހޭ ކަންތައްތައް އިލެކްޝަނުން ފުރިހަމަކޮށް ކުރެވިފައި އޮތް ކަމަކަށް ނުފެނެޔޭ އަޅުގަނޑުމެން މިދަންނަވަނީ،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ހަމަޖެހުން ބިނާވެގެން ވަނީ ރިޔާސީ އިންތިހާބުގެ މިނިވަންކަމާއި ހަމަހަމަކަމުގެ މައްޗަށް ކަމަށާއި އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން އެ އިންތިހާބު ކުރިއަށް ގެންދަން ޖެހޭނީ ދެ ފުށް ފެންނަ، އިންސާފުވެރި ގޮތެއްގައި ކަމުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް މަސައްކަތްކުރައްވަންޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ