ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރު ހިންގުމަށް ހުރަސްއަޅާނަމަ، އެކަމުގެ ގެއްލުން މުޅި ސިޔާސީ ނިޒާމަށް ލިބިގެން ހިނގައިދާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

14:30ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ސަރުކާރު ހިންގުމަށް ހުރަސް އަޅަން މަސައްކަތް ކުރާނަމަ، ދިފާޢުގައި ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ގެއްލުން މުޅި ސިޔާސީ ނިޒާމަށް ލިބިގެން ހިނގައިދާނެ ކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްވައިފި އެވެ.ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް، ގާނޫނު އަސާސީގައި ވާގޮތުގެ މަތިން، ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 2013 ގައި އޮންނަ އިންތިޚާބަށް ހުރިހާ ޕާޓީތަކުން ތައްޔާރުވުމުގެ މުހިންމުކަން ކުޑަ ނޫން ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ތައްޔާރުވުމަށްޓަކައި މިއަދު ކުރާން އޮތް ކަމަކީ، ސަރުކާރު ހިންގުމަށް ހުރަސް އެޅުމުގެ މަސައްކަތްކުރުން ކަމަށް ދެކިއްޖެނަމަ އެފަދަ ކަންކަމުގެ ދިފާޢުގައި ސަރުކާރާއި އަދި ކިތަންމެ ޕާޓީއެއް ނުކުންނާނީ ޖޯޝާއެކުގައި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އަޅުގަނޑުމެން އެންމެން އެކުގައި ބިނާކޮށްފައި މިވާ ވާދަވެރި ސިޔާސީ ނިޒާމް، ދެމެހެއްޓުމަކީ އެންމެން އެދޭނެ ގޮތް ކަމަށާއި، މި ނިޒާމުގެ ޠަބީޢަތުން ބޭރުން ވެރިކަމަށް ލޮޅުމެއްގެނެސް، ލާހިކު ނޫން ބަދަލަކަށް އުންމީދު ކުރާނަމަ، އެފަދަ ކަންކަމުގެ ރައްކަލެއްގެ ގޮތުގައި ވެރިކަމުގެ ފަރާތުން ޢަމަލު ކުރުމަށް މަޖްބޫރުވާ ގޮތުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވެރިކަމުގެ މި ނިޒާމަށްނޫން ކަމަށާއި، ވާދަވެރި ފަރާތްތަކަށްވެސް އެ ގެއްލުން ލިބޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެފަދަ ގޮތަށް ކަންތައްވުމަކީ، އެކަކުވެސް އެދޭނެގޮތް ނޫން ކަމަށާއި، ބުއްދިވެރި ގޮތަކީ، މިވަގުތު އެފަދަ ޒާތީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓިނުގަނެ، ކޮންމެހެން ބޭނުންވާ މުހިންމު ޤައުމީ ތަރަހަތައް ބިނާކުރުން ކަމުގައި  ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި ސިޔާސީ އެކުވެރިކަން ޙާޞިލު ކުރެއްވުމަށްޓަކައި މި ސަރުކާރަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާމެދު ހިޔާލު ތަފާތުވާ މެންބަރުން ސަރުކާރާ ވާހަކަ ދައްކަވައިގެން ކަންތައް ކުރިއަށް ގެންދެވުމަށާއި، ސިޔާސީ ހަލަބޮލިކަމާއި، ޚިޔާލުތަފާތުވުންތައް ތަޙައްމަލް ކުރެއްވުމުގައި ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމުގެ ރޫޙު ކުރިއަށް ނެރުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރެއްވި އެވެ.ރާއްޖޭގެ އިގްތިސާދީ ނިޒާމަށް ބައްލަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެކުވެރި ދައުލަތްތަކާއި ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ މަޝްވަރާގެ މަތިން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މުހިއްމު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގު މިހާރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، މިއަހަރުގެ ތެރޭގައި ޑޮލަރުގެ ދަތިކަން ފިލައި ޑޮލަރުގެ އަގު ހަމައަގަށް ގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރި ދެމެހެއްޓުމަށް ކުރިމަތިވެފައިވާ ފައިސާ ލިބުމުގެ މައްސަލަ ހައްލު ކުރުމަށް، ލޯނު ދިނުމަށް ހާއްސަ ބޭންކެއް މިއަހަރު ގާއިމްކުރުމުގެ މަސްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މާލީ ދަތިކަން ފިލުވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ފަހިވާގޮތަށް، ޓެކްސް ނެގުމާބެހޭ ބިލްތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ރައީސް ވިދާޅުވީ، ދިވެހިރާއްޖެ ޑިމޮކްރަސީގެ މަރްޙަލާތައް ކަޑައްތު ކުރަމުންދާއިރު، ކުރިމަތިން ފެންނަ މަންޒަރުތައް ވަރަށް ސާފު، ވަރަށް އުޖާލާ ކަމަށެވެ. އަދި ރައްޔިތުންނަށް ފާގަތިކަމާއި ބާއްޖަވެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުން މިއަހަރު ގެނެސްދެއްވޭނެ ކަމަށާއި، އެކަމަށް ޓަކައި ކުރިއަށްހުރި ކަންތައްތަކުގެ ތެރެއިން ހެލްތު އިންޝުއަރެންސްއާ ބެހޭ އޮނިގަނޑެއް އެކުލަވާލައި، އާއްމު ސިއްހަތާބެގޭ ބިލްތަކެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ފަސް ވައުދަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުވައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މިއަހަރު 800 ހައުސިން ޔުނިޓް އިމާރާތް ކުރައްވާނެ ކަމަށެވެ. އެވައުދުތައް ފުއްދުމަށް ކުރައްވާފައިވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާބެހޭ ތަފްސީލް ރައީސް ރައްޔިތުންގެ މަޖިލީހަށް ދެއްވި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ގިނަގުނަ ދަތިތަކެއް ދިމާވި އަހަރެއް ނަމަވެސް ހުސްވި އަހަރަކީ، ރައްޔިތުންގެ މަޖިލީހުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށެވެ. އަދި ހިޔާލުތަފާތުވާ ހާލަތްތަކުގައި ކެތްތެރިވެ ޑިމޮކްރަސީގެ އުލޫތަކާއި، ހަމަތަކަށް ތަބާވެ، މި ފެށުނު އާ އަހަރުގައި ވަގުތުގެ ބޭނުން ހިފައިގެން ގާނޫނުއަސާސީ ލާޒިމުކުރާ ބިލްތަކާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި، މިތާތަނަށް ނުނިމި ހުރި ބިލުތައް ނިންމުމަށް އިސްކަން ދެއްވައިގެން ވަގުތުގެ ބޭނުންކޮށްގެން މަސައްކަތް ކުރެއްވުމަށް މެންބަރުންނަށް އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ