ގާސިމް އިބްރާހިމަށް ހަސަން ސައީދު ވަރަށް ބޮޑަށް ތައުރީފްކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަހަތުގައި ޓީމެއް ނެތް ކަމަށް ބުނެ މީގެކުރިން ފާޑު ވިދާޅުވެފައިވާ، އަދި މިހާރު ގާސިމްގެ ރަނިންމޭޓު ޑރ.ހަސަން ސައީދު، ގާސިމަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަދައްކަވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމްގެ ރަނިންމޭޓަކީ ހަސަން ސައީދުކަން އިއުލާންކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ސައީދު ވިދާޅުވީ ރަނިންމޭޓުކަން ގަބޫލުކުރީ ގާސިމްއަކީ ކާކުކަން ނޭންގިގެން ނޫން ކަމަށާއި ގާސިމް މީގެކުރިން ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އޭގެ އިތުރަށް ގާސިމާއިއެކު މަސައްކަތްކުރެވޭނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން އޮތުމުން ކަމަށެވެ.
ގާސިމަށް ތައުރީފްކުރައްވާ ވާހަކަދައްކަވަމުން ހަސަން ސައީދު މިރޭ ވިދާޅުވީ ގާސިމަކީ ހިތްތިރި އޯގާތެރި ބޭފުޅެއް ކަން ގާސިމާއިއެކު މީގެކުރިން ކުރެއްވި ތަޖުރިބާތަކުގެ ސަބަބުން އެނގިފައިވާ ކަމަށާއި ގާސިމަކީ ގައުމީ ތަރައްގީއަށްޓަކައި ނަގަން ޖެހޭ ކޮންމެ ނިންމުމެއް ވަގުތުން ނިންމަވާ ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑަށް ފާހަގަކުރެވުނު އަނެއްކަމަކީ އެމަނިކުފާނަކީ، އެމަނިކުފާނަށް ކިތަންމެ އިހާނެތިކޮށް އަމަލުކުރެއްވި ބޭފުޅަކާއި މެދުވެސް ބަދުބަސް ބުނެ އެކަން ހިތުގައި ބަހައްޓާނެ ބޭފުޅެއް ނޫން ކަމަށް، އަޅުގަނޑަށް ފާހަގަކުރެވުނު އަނެއްކަމަކީ އެމަނިކުފާނަކީ ގިނަ ބަޔަކާއި ތަފާތު ފިކުރުގެ ބޭފުޅުންނާއިއެކު މަސައްކަތްކުރެވޭނެ ބޭފުޅެއްކަން." ހަސަން ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާސިމަކީ އާއިލީ ވެރިކަމަކަށް ނުވަތަ އާއިލީ ބޭފުޅުން އިސްކޮށްގެން މަސައްކަތްކުރެއްވި ބޭފުޅެއް ނޫން ކަމަށާއި ރާއްޖޭގެ ސިޔާސީ މައިދާނަށް ބޭނުންވަނީ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ނުކޯޅި ވާހަކަ ދައްކައިގެން ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދެވޭނެ ވެރިއެއް ކަމަށެވެ. އަދި އެބޭފުޅަކީ ގާސިމް ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.
މީގެއިތުރުން ހަސަން ސައީދު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި ވެރިކަން ކުރައްވާ ބޭފުޅަކީ ބަދަލު ހިފުމުގެ ރޫހެއް ނެތް މައާފްކުރުމުގެ ރޫހް އިސްކުރާ ބޭފުޅެއް ކަމަށާއި އެކަން އަމަލީ ގޮތުން ގާސިމް އިބްރާހިމް ދައްކުވައިދީފައިވާ ކަމަށެވެ.
"މި ސަބަބުތަކަށްޓަކައި އަޅުގަނޑު އޮނަރަބަލް ގާސިމް އިބްރާހިމްގެ ރަނިންމޭޓުކަން ގަބޫލުކޮށް އެމަނިކުފާނާއިއެކު މަސައްކަތްކުރަން މިނިންމީ، މި ނިންމުން އަޅުގަނޑު ނިންމިއިރު ދިވެހިރާއްޖޭގެ ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުންނާނެކަން ވެސް އަޅުގަނޑަށް އެނގޭ، އޮނަރަބަލް ގާސިމް އިބްރާހިމްއަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރައްވާ ވިޔަފާރިވެރިއެއްކަން ނުދަންނަ ދިވެހި އެއްވެސް ރައްޔިތަކަށް ނުވާނެ، އެހެންކަމުން އެފަދަ ވިޔަފާރިވެރިޔަކު ދިވެހިރާއްޖޭގެ ވެރިކަމަށް އައިސް އެންމެ އިސް ފަންތީގައި ހުންނެވުމަކީ ފިކުރީ ގޮތުން އެހެން ބައެއް ވިޔަފާރިވެރިން ކަންބޮޑުވާނެ ކަމެއްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ. ." ހަސަން ވިދާޅުވި އެވެ
ރައީސް ޑރ.ވަހީދުގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރެއްވި ހަސަން ސައީދު މިރޭގެ ޖަލްސާގައި ވަނީ ޖުމްހޫރީ ޕާޓީގެ ބައެއް ސިޔާސަތުތައް ހާމަކުރައްވާފައެވެ.
ގާނޫނީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ހަސަން ސައީދު ވިދާޅުވީ އޭނާއަކީ ފަރުދީ މިނިވަންކަމާއި މުދަލުގެ މިނިވަންކަމަށްވުރެ މުހިންމު މިނިވަންކަމެއް ނެތް ކަން ގަބޫލުކުރާ އެކެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ މުދަލުގެ ހިމާޔަތާއި ނަފްސުގެ ހިމާޔަތް ކަށަވަރުކޮށްދޭނެ ކަމަށެވެ.
އަދި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ވިޔަފާރިވެރިންގެ ކަންކަން ނިންމާނީ ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން ކަމަށާއި އެއީ އަމަލީ ގޮތުން ވިޔަފާރިވެރިންނަކީ ރާއްޖޭގެ ތަރައްގީގެ ބައެއް ކަމަށްވާތީ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
ހަސަން ސައީދު އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިގްތިޞާދީ އުސޫލު ބިނާވެގެންދާނީ ރާއްޖޭގެ މަލްޓި މިލިއަނަރުންނަކީ ބިލިއަނަރުންނަށް ހެދުމާއި، މިލިއަނަރުންނަކީ މަލްޓި މިލިއަނަރުންނަށް ހެދުމާއި، މެދުފަންތީގެ ވިޔަފާރިވެރިންނަކީ މިލިއަނަރުންނަށް ހެދުމާއި، އާދައިގެ ވިޔަފާރިވެރިންނަކީ މެދުފަންތީގެ ވިޔަފާރިވެރިންނަށް ހެދުމާއި ވިޔަފާރީގެ ޝައުގުވެރިކަން ނެތް އެތައް ބަޔަކު ވިޔަފާރިއަށް ޝައުގުވެރިކުރުވުމުގެ އުސޫލު ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާ އާއި ބެހޭގޮތުން ވާހަކަދައްކަވަމުން ހަސަން ސައީދު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ ރޫމް ބޯއީން މަތީ ފެންވަރަށް ގެންގޮސްދޭނެ ކަމަށާއި އެފަދަ މީހުން މެނޭޖަރުންނާއި ޝެފުންނަށް ހަދަން ބޭނުންވާ ކަމަށާއި އެހެންކަމުން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ 20،000 ވަރަކަށް މީހުން ޖުމްހޫރީ ޕާޓީއަށް ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން ހަސަން ސައީދު ވިދާޅުވީ ރާއްޖެއިން ބޭރުން ކިޔަވައިގެން އަންނަ ކުދިންނަށް މިއަދު ރާއްޖެއިން ވަޒީފާ ލިބޭނެ ގޮތެއް ނެތިފައި ތިބި ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަން ބަދަލުކުރާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ލިބޭ މުސާރައިން ދެކޮޅު ޖެހޭ ނިޒާމެއް ގާއިމުކުރާނެ ކަމަށާއި ތައުލީމީ ދާއިރާގެ ފުރުސަތުތައް ވެސް ތަނަވަސްކޮށްދޭނެ ކަމަށް ހަސަން ސައީދު މިރޭ ވިދާޅުވި އެވެ. އަދި ޖޭޕީގެ ވެރިކަމެއްގައި ވަޒީފާއެއް ނުލިބިގެން ކުށް ގިނަވެގެންނާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ހެދި ރާއްޖެއިން ބޭރުގައި ތިބި ފަރާތްތައް ގެނެސް ރާއްޖެ އާރާސްތުކުރުމުގެ މަސައްކަތުގައި ޝާމިލްކުރުވާނެ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ވޭތުވެދިޔަ ތިން ސަރުކާރުން ވެސް ބަޖެޓުގައި ހިމެނީ "ވަކި ލާރިކޮޅެއް" ކަމަށާއި ކޮންމެ ބޭފުޅެއްގެ މެނިފެސްޓޯގައި ވެސް އޮންނަނީ މުނިފޫހިފިލުވުމުގެ ވާހަކަ ކަމަށް ހަސަން ސައީދު މިރޭ ވިދާޅުވި އެވެ. ޖޭޕީގެ ވެރިކަމެއްގައި ކިތަންމެ ބޮޑު ހޭދަކޮށްގެން ނަމަވެސް މަސްތުވާތަކެތީގެ ބައްޔަށް ފަރުވާ ހޯދޭނެ ނިޒާމު ގާއިމުކުރާނެ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.
އަދި ކޮރަޕްޝަންގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ ހަސަން ސައީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖެއަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ވަގު ދޮރާށިން ކަންކަން ނުކުރެވޭ ވާދަވެރިކަމާއިއެކު ކަންކަން ކުރެވޭނެ ރާއްޖެއަކަށް ހަދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ