އަބްދުﷲ ގާޒީ އާއިލާއާއި އެކު ޔޫކޭއަށް ބަދަލުވެވޭނެ ކަމަށް ތޮލްހަތު ބުނެ، މެސެޖުކުރި - ހެކި

އަބްދުﷲ ގާޒީއަށް އޭނާގެ އާއިލާއާއި އެކު އިނގިރޭސި ވިލާތަށް ބަދަލުވެވޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އިބްރާހިމް ކަލޭފަނު ޓެކްސް މެސެޖަކުން ވިދާޅުވި ކަމަށް ދައުލަތުން ހުށަހެޅި ހެއްކެއް ބުނެފިއެވެ.
މިފަދައިން ހެކިބަސް ދީފައި ވަނީ އެމްއެންޑީއެފްގެ ސައިކޮލޮޖިސްޓް އާއިޝަތު ޒީނާއެވެ.
ޒީނާ ބުނީ، ތޮލްހަތު މިފަދައިން ވިދާޅުވެ، އޭނާއަށް ޓެކްސްޓް މެސެޖެއް ފޮނުވި ކަމަށާއި، ޒީނާ އެވާހަކަ އަބްދުﷲ ގާޒީއާ ހިއްސާ ކުރި ކަމަށެވެ. އެހެން ނަމަވެސް އޭގެ ޖަވާބުގައި އަބްދުﷲ ގާޒީއާއި އެކު ދެކެވުނު ވާހަކަތައް ހަނދާނެއް ނެތް ކަމަށް ޒީނާ ބުންޏެވެ.
ޒީނާ ބުނީ، އަބްދުﷲ ގާޒީގެ ހާލު ބެއްލެވުމަށް ތޮލްހަތު ދެތިން ފަހަރެއްގެ މަތިން ގުޅުއްވި ކަމަށެވެ. ނަމަވެސް އިތުުރު ވަހަކައެއް ނުދައްކަވައި، ހަމައެކަނި އެއްސެވީ ގާޒީގެ ހާލު ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން ތޮލްހަތު ގިރިފުއްޓަށް ވަޑައިގެންނެވި ކަމަށާއި، އޭގެ ތެރެއިން އެއް ފަހަރެއްގައި އަބްދުﷲ ގާޒީއާއި ތޮލްހަތު ބައްދަލުކުރެއްވި ކަމަށާއި ނަމަވެސް ޒީނާ އެ ބައްދަލުވުމުގައި ނެތުމުން ގާޒީއާއި ތޮލްހަތާ ދެމެދު ދެކެވުނު ވާހަކަތައް ނޭނގޭ ކަމަށެވެ.
ޝަރީތުގައި ވާހަކަ ދައްކަމުން ޒީނާ ވަނީ ގިރިފުށީގައި ހުރި ހުރުމުގައި އަބްދުﷲ ގާޒީގެ ނުވަތަ ޒީނާގެ އަބުރަށްވެސް ގެއްލުމެއް ލިބޭ ކަހަލަ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަަޤީންކަން ދޭކަމަށް ބުނެފައެވެ. އަދި އެކަހަލަ އިރުޝާދެއް ލިބިފައި ނުވާކަމަށް ޒީނާ ބުންޏެވެ.
ޒީނާ މިވާހަކަތައް ހިއްސާކޮށްފައި ވަނީ މި މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކުން އޭނާއަށާއި، އޭނާގެ ޕްރޮފެޝަންއާއި ބެހޭގޮތުން ތަފާތު ވާހަކަ ދެކެވެމުން އަންނަކަން ފާހަގަ ކުރަމުންނެވެ.
ޒީނާ ބުނީ އޭނާ ގިރިފުއްޓަށް ގޮސްފައި ވާނީ 19 ޖެނުއަރީގައި ތޮލްހަތު އަންގަވައިގެން ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ