ފްލައިޓު ހޯދާ ހިސާބުން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެ

މިދިޔަ އާދީއްތަ ދުވަހު އިންޑޮނޭޝިއާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއަރ އޭޝިޔާގެ ފްލައިޓު ގެއްލުނު ދިމާލުން ކަނޑުގެ ސަރަހައްދުން އިންސާނެއްގެ ހަށިގަނޑު ފެނިއްޖެ ކަމަށް އިންޑޮނޭޝިޔާގެ ވައިގެ އަސްކަރިއްޔާއިން ބުނެފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި، ފްލައިޓު ހޯދުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ވަނީ، ފްލައިޓުގެ ދޮރަކާ ވައްތަރު އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ކަނޑުން ފެނިފައިވާ ކަމަށް ބުނެފައެވެ. އަދި ލައިފް ޖެކެޓްތަކަކާ ވައްތަރު އެއްޗެހިތަކެއް ވެސް ފެނިފައި ވެއެވެ.
"އިންސާނަކާ ވައްތަރު އެއްޗެއް ކަނޑުމަތިން ފެނުނު. އަހަރެން ލެޕްޓޮޕުން އެ ތަކެތި ސާފުކޮށް ބެލުމުން އެނގުނު އެއީ އިންސާނެއްގެ ހަށިގަނޑުކަން." އިންޑޯނޭޝިޔާ އެއަރފޯސްގެ ލިއުޓެނަންޓެއް އިންޑޮނޭޝިޔާގެ މީޑިޔާގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، މިއަދު ހެނދުނު ފެނިފައިވާ ބައެއް ތަކެތީގެ ތެރޭގައި ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ 10 ވަރަކަށް އެއްޗާއި، ފޮޓޯ ނެގޭ ވަރަށް ވުރެ ވަރަށް ކުދިކުދި، ހުދު ކުލައިގެ އެއްޗެހިތަކެއް ވެސް ފެނިފައިވާ ކަމަށް އިންޑޮނޭޝިޔާ އެއަރފޯސްގެ އޮފިޝަލެއް ވިދާޅުވެފައިވެއެވެ.
އިންޑޮނޭޝިޔާގެ އޮފިޝަލުން ވިދާޅުވާ ގޮތުން، އެ ސަރަހައްދުގެ މޫސުން ގޯސްވަމުން ދާތީ، މިހާރު ކަނޑުމަތީގައި އެއް ދިމާލެއްގައި މިފަދަ ތަކެތި ހުރި ނަމަ، އެތަކެތި ކަނޑުގެ އޮޔާ އެކު އެކި ސަރަހައްދުތަކަށް ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ.
"އުންމީދު ކުރެވެނީ ބޯޓުގެ ބައިބައި އަވަހަށް ފެންނާނެ ކަމަށް. އަޅުގަނޑުމެންނާ އެކު މިހާރު މަސައްކަތް ކުރާ ޓީމުން ވެސް ދަނީ ވަރަށް ބުރަކޮށް އެތަކެތި ހޯދުމުގެ މަސައްކަތައިގެން،" އެއަރފޯސްގެ އޮފިޝަލެއް ވިދާޅުވިއެވެ.
ފްލައިޓު ވެއްޓިފައިވާ ކަމަށް ބޮޑަށް ބެލެވޭ އިރު، ފްލައިޓު ހޯދުމުގެ މަސައްކަތުގައި 30 މަނަވަރާއި، 15 މަތިންދާ ބޯޓާއި ހަތް ހެލިކޮޕްޓަރު ބައިވެރިވެއެވެ.
މި މަސައްކަތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި، އެމެރިކާ، އިންޑޮނޭޝިޔާ، ސިންގަޕޫރު، މެލޭޝިޔާ އަދި ތައިލެންޑްގެ ފަރާތްތަކުން ބައިވެރިވެއެވެ
(ރަޝިޔާ ޓުޑޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ