އަޅުގަނޑުމެންގެ ވަށައިގެންވާ ކައުނުގައިވާ ހެކިތަކުން ޢިބްރަތް ލިބިގަނެ، އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަ ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ފައުންޑޭޝަނުން ބާއްވަމުން އަންނަ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވީ ކައުނުގަޔާއި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުގައި ވިސްނުންހުރި ބަޔަކަށް ދޭހަވާގޮތަށް ލައްވާފައިވާ މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްވާކަމަށް ކީރިތި ޤުރްއާނުގައި އަންގަވާފައިވާކަމަށެވެ.
ކީރިތި ޤުރްއާނާއި ސައެންސުގެ އަލީގައި އެފަދަ ބައެއް ހެކިތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މައުމީން ވިދާޅުވީ ދުނިޔޭގައިވާ އަލިކަން ހިފެހެއްޓިފައިވަނީ ބިމުގެ ވަށައިގެންވާ 200 ކިލޯމީޓަރުގެ ތުނި ފަށަލައެއްގައި ކަމަށާއި އެއަށްވުރެ ދުރުގައި މުޅި ކައުނުގައިވަނީ ގަދަ އަނދިރިކަމެއް ކަމަށާއި މިއީ ސައެންޓިސްޓުންގެ ހޯދުންތަކުން ޘާބިތުވާކަމެއް ކަމަށެވެ. އެހެންނަމަވެސް މީގެ 14 ޤަރުނު ކުރިން ބާވައިލެއްވި ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކުން މިކަން ދޭހަވާން އޮތްކަމަށާއި އެއީ ވަރަށް ބޮޑު މުޢްޖިޒާތެއް ކަމުގައިވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމެރިކާގެ އެސްޓްރޮނޯޓް ހަނދަށް އެރުމަށްފަހު ވަށައިގެންވާ ގަދަ އަނދިރިކަން ފެނިފައި ތިމަންނާއަށް ހީވީ ތިމަންނާގެ ލޮލުގައި ތަޅުއެޅުވިފައިވާކަމަށޭ ނުވަތަ ތިމަންނާ ޖާދޫގެ އަސަރުތަކެއްގައި ޖެހުނީކަމަށޭ ބުނެފައިވާ ކަމަށާއި ޙައިރާންކުރުވަނިވި ކަމަކީ، އޭނާއަކީ ޣައިރު މުސްލިމަކަށްވާއިރު، އަދި ކީރިތި ޤުރްއާން ނުދަންނައިރު، ބޭއިޚްތިޔާރުގައި އޭނާއަށް އެ ބުނެވުނު ވާހަކައަކީ ކީރިތި ޤުރްއާނުގެ އަލްޙިޖްރު ސޫރަތުގެ 15 ވަނަ އާޔަތުގެ މާނަ އިނގިރޭސިބަހުން ބުނުން ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.
މައުމޫން އިތުރަށް ވިދާޅުވީ އަޅުގަނޑުމެންގެ ނަފްސުތަކުގައި މާތް ﷲ ލައްވާފައިވާ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން އެއް ހެއްކަކީ އިންސާނާ ވަރަށް އުސްތަނަކަށް އަރައިފިނަމަ ނުވަތަ ފަޒާއަށް ދަތުރުކޮށްފިނަމަ، އޭނާގެ މެޔަށް ބާރުބޮޑުވެ ނޭވާލާން ދަތިވާކަމަށެވެ. އެހެންވާން ޖެހޭ ސަބަބެއް ކަމަށް ރައީސް މައުމޫން ވިދާޅުވީ ކީރިތި ޤުރްއާން ބާވައިލެއްވި ޒަމާނަކީ ފަޒާއަށް ދަތުރު ކުރުމުގެ އެއްވެސް ޚިޔާލެއް ނެތް ޒަމާނަކަށް ވީހިނދުވެސް، ކީރިތި ޤުރްއާނުގައި މާބޮޑު އުސްމިނަކަށް ދަތުރުކުރާ މީހަކަށް ދިމާވާ މެޔަށް ބާރު ކުރުމާއި ނޭވާލާން ދަތިވާ މިންވަރު ވަރަށް ސާފުކޮށް ދޭހަވާ އާޔަތެއް ކީރިތި ޤުރްއާނުގައިވާކަމަށެވެ.
އެ ޖަލްސާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ބާއްވަވާ އެންމެ ފަހު ޖަލްސާކަމަށްވުމާއެކު، މިޖަލްސާތައް ވަރަށް ކާމިޔާބުގޮތެއްގައި ބޭއްވިފައިވަނީ ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބިގެން ކަމަށްވާތީ، އެ ހުރިހާ ފަރާތްތަކަށް މައުމޫން ފައުންޑޭޝަނުގެ ނަމުގައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ވަށައިގެންވާ ކައުނުން ހެކިތައް ލިބިގަނެ، އީމާންކަން ވަރުގަދަ ކުރަންޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ