ޑީއާރްޕީ ބަލިކަށިވެގެން ދިޔައީ ޕާޓީގެ ލީޑާޝިޕް ބަދަލުވުމާއި ގުޅިގެން ޕާޓީ ނިދާފައި އޮތުމުން ކަމަށާއި ޑީއާރްޕީ ނިދާފައި އޮއްވާ އެމްޑީޕީން ހުރިހާ ގޮތަކުން ކުރި ހޯދާފައިވާކަމަށް ކުރީގެ ރައީސް އަދި ޑީއާރްޕީގެ ކުރީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެ މަނިކުފާނު އުފައްދަން މަސައްކަތް ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މެންބަރުން އިތުރު ކުރުމަށް ލ. އަތޮޅަށާއި ތ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ތ. ގުރައިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނު ޑީއާރްޕީގެ ޒައީމްގެ މަގާމުގައި ހުންނެވި ދުވަސްވަރު ރާއްޖޭގައި އެންމެ ތާއީދު ބޮޑު އަދި އެންމެ މެންބަރުން ގިނަ ޕާޓީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް އެންމެ ގިނަ ޕާޓީ އަކީ ޑީއާރްޕީ ކަމަށެވެ. ނަމަވެސް ޕީޕީއެމް އުފައްދަން ޖެހުނީ މިހާރުގެ ސަރުކާރުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި، އިސްލާމް ދީނުގެ އުސޫލުތަކާއި ޚިލާފަށް އެވަގުތަކު ބޭނުންވި ގޮތަކަށް ކަންތައް ކުރަމުން ދާއިރުވެސް އެކަން ހުއްޓުވުމަށް ޑީއާރްޕީން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ ޑީއާރްޕީގެ މެންބަރުން މާޔޫސްވުމުން ކަމަށެވެ.
~
"އަޅުގަނޑު ޑީއާރްޕީގެ ޒައީމްގެ މާގާމުގައި ހުރި ދުވަސްވަރު ޚާއްސަކޮށް ކުރީކޮޅު މިދެންނެވީ (ޑީއާރްޕީގެ) ސިޔާސީ ޒައާމަތާއި އެހެން ބޭފުޅަކު ހަވާލުވެވަޑައިގަތުމުގެ ކުރިން އަޅުގަނޑު އެކަން ކުރަމުން ގެންދިޔަ ދުވަސްވަރު ޑީއާރްޕީ އޮތީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީގެ ގޮތުގައި. އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި. އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޑީއާރްޕީގެ މެންބަރުން، އެމްޑީޕީ މެންބަރުންނަށްވުރެ ގިނަ. އެހެންނަމަވެސް މިހާރު އެ ހާލަތު މިއޮތީ ބަދަލުވެފަ. ޑީއާރްޕީ ނިދާފަ އޮއްވާ އެހެން ޕާޓީއަކުން (އެމްޑީޕީ) އަކުން މާގަދަޔަށް މަސައްކަތްކޮށްގެން މިވަނީ ކުރި ހޯދާފަ. މިހާރު އެމްޑީޕީގެ މެންބަރުންގެ އަދަށް ބާލާއިރު ޑީއާރްޕީގެ މެންބަރުންގެ އަދަދަށްވުރެ ގިނަ. އަދި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަށް ބަލާއިރު ވެސް އެމްޑީޕީ މެންބަރުން ޑީއާރްޕީ މެންބަރުންނަށްވުރެ ގިނަ،" މައުމޫން ވިދާޅުވި އެވެ. "މިކަން މިހެން ވެގެން ދިޔައީ ޑީއާރްޕީ ހިންގަން ތިއްބެވި ބޭފުޅުން އެކަމާ އުޅުއްވިލެއް ކުޑަކަމުން. އެކަމަށް ދެއްވި ސަމާލުކަން ކުޑަކަމުން. އެކަހަލަ ހާލަތެއްގާ ތިބެގެން އަޅުގަނޑުމެންނަށް ސިޔާސީ މައިދާނުގައި އެއްވެސްކަމެއް ހާސިލް ނުކުރެވޭނެ. އެހެންވީމާ އަޅުގަނޑުމެން މިޕާޓީ މިއުފައްދަނީ. ޕީޕީއެމް މި އުފައްދަނީ މަތިވެރި މަގުސަދެއްގައި،"
މައުމޫން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ޕީޕީއެމް އަކީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ އަދި އެންމެ ބޮޑު ޕާޓީއަށް ހެދުމަށް ކަމަށާއި ޕީޕީއެމް އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ފުރަތަމަ ޖަލްސާ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވަވާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަމާޒުތަކަކީ އިސްލާމްދީނާމެދު ރައްޔިތުންގެ މެދުގައި ލޯބި އަށަގަންނުވައި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެގޮތުގައި ދެމެހެއްޓުމާއެކު ފުރިހަމަ ސިޔާދަތު ލިބިފައިވާ އަމިއްލަވަންތަ ގައުމެއްގެގޮތުގައި ގާނޫތަކާއި އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯMaumoon Speech (mp3)
އެމްޑީޕީ ކުރިއަރައިގެން ދިޔައީ ޑީއާރްޕީ ނިދާފައި އޮއްވާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ