ދެވަނަ ފުރުޞަތުގެދަށުން މިނިވަންކުރެވުނު ގިނަ ބަޔަކު ޖަލަށް ދާންޖެހޭ - ގާސިމް

ދެވަނަ ފުރުޞަތުގެދަށުން މިނިވަންކުރެވުނު ގިނަ ބަޔަކު މިހާރުވެސް ތިބީ އަނބުރާ ޖަލަށް ގެންދަންޖެހިފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރުމާއި ގިނަ އަދަދެއްގެ ފޯމްތައް ހަވާލުކުރުމަށް ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދެވަނަ ފުރުޞަތުގެ ނަމުގައި ގިނަ ބަޔަކު މިނިވަން ކުރުމަށްފަހު ސިޔާސީ ބޭނުންތަކަށްޓަކައި އެމީހުން ލައްވާ ކުށްކުރުވަމުންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ ކުށްކުރުން ހުއްޓުވުމަށްޓަކައި މަސައްކަތްތައް ކުރަންޖެހޭ ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ފުރިހަމަނުކޮށް ދެވިފައިވާ ކަމަށާއި އެގޮތުން ފުލުހުންގެ ތަޙްޤީޤްތައް ކުރުމުގެ ކަންކަމަށް އައިސްފައިވާ ބޮޑު ބަދަލާއި އެއްވަރަށް ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދެވިފައިނުވާ ކަމަށެވެ.
އަދި ފުލުހުން ތަޙްޤިޤުކުރަންޖެހެނީ ހެކި ހޯދައި ހެކީގެމައްޗަށް ބުރަވެގެން ކަމަށްވާއިރު އެގޮތަށް ތަޙްޤީޤޤުތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް ނުދެވި ހުރުމުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަން ގާސިމް ފާހަގަކުރެއްވި އެވެ.
"ދަރިވަރުންނަށް ދޭންޖެހޭ ތައުލީމު ރަނގަޅު ގޮތުގައި ދިނުމާއި ޤާނޫނު އަސާސީއަށް ރައްޔިތުން ހޭލުންތެރިކުރުވުން ފަދަ ކަންކަމުގައިވެސް އަޅުގަނޑުމެން އަދި މިތިބީ ވަރަށް ފަހަތުގައި. ކުށްކުރުން ހުއްޓުވުމަށްޓަކައި މިކަންކަން އިތުރަށް ފުރިހަމަކުރަންޖެހޭ.” ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ރޭ ޕާޓީގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި ރާއްޖޭގެ ބައެއް ރަށްރަށުންނާއި މާލެއިން ޖުމްހޫރީ ޕާޓީއަށް 400 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ. އެއީ މާލެ، ހުޅުމާލެ، ރަސްދޫ، ދުވާފަރު، މަޑުއްވަރީ އަދި ހޯރަފުށީގެ ގިނަ އަދަދެއްގެ ފޯމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ