ބީއެމްއެލްގެ މުވައްޒަފުން ތަމްރީން ކުރަން އެއްބަސްވުމަކަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކެޑަމީން, އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ބޭންކުގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމެވެ. މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވާސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޭންކުގެ މުވައްޒަފުންނަށް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެއެވެ. މީގެ ތެރޭގައި އެގްޒެކެޓިވް އެޑިއުކޭޝަނާއި، ޕްރޮފެޝަނަލް ސެޓިފިކޭޝަންގެ އިތުރުން މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ހިމެނެއެވެ. މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑާޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ. ބީއެމްއެލް އެކެޑަމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިން ދާއިރާގެ ފަންނީ މީހުން ތަރައްގީކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ ޚާއްސަ އެކެޑަމީއެކެވެ. މީގެ ކުރިންވެސް މި އެކެޑަމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ދުނިޔޭގެ ފާހަގަކޮށްލެވޭ މުއައްސަސާތަކާއެކު އެއްބަސްވުންތައް ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް އަދި ސިންގަޕޯ މެނޭޖްމަންޓް ޔުނިވާސިޓީ ހިމެނެއެވެ. ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކެޑަމީން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާއެކު މިފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ