އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމަށް 5 ގައުމެއް އިންތިޚާބު ކޮށްފި

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމަށް 5 ގައުމެއް އިންތިޚާބު ކޮށްފިއެވެ.
އދގެ އާންމު މަޖިލީހުގައި ބުރާސްފަތި ދުވަހު ނެގި ވޯޓުގައި، ސަލާމަތީ މަޖިލީހަށް އަލަށް އިންތިޚާބު ކުރެވުނު ގައުމުތަކަކީ، އިކުއެޑޯރ، ޖަޕާން، މޮލްޓާ، މޮޒަމްބީކްގެ އިތުރުން ސްވިޓްޒަރލޭންޑެވެ.
އާންމު މަޖިލީހުގައި ނެގި ވޯޓުގެ ނަތީޖާ އިއުލާން ކުރެއްވީ، އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއެވެ. ކޮންމެ ގައުމަކަށް ލިބުނު ވޯޓުގެ ނަތީޖާ ވަކިވަކިން އިއުލާން ކުރުމާއެކު އެމްބަސެޑަރުންވަނީ ގައުމުތަކަށް ތަރްހީބުގެ އަތްތިލަބަޑީގެ މަރްހަބާ ވިދާޅުވެފައެވެ.
އިކުއެޑޯރ، ޖަޕާން، މޮލްޓާ، މޮޒަމްބީކް، ސްވިޓްޒަރލޭންޑް އދގެ ސަލާމަތީ މަޖިލީހުގެ ދައުރު ފަށާނީ އަންނަ 2023 ވަނަ އަހަރުގެ ޖެނުއަރީމަހުއެވެ. އެއީ، ދެއަހަރު ދުވަހުގެ މުއްދަތަކަށެވެ.
އދގެ ސަލާމަތީ މަޖިލިސް އެކުލެވިގެންވަނީ 15 މެމްބަރު ގައުމުގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދާއިމީ މެމްބަރު 5 ގައުމާއި، ދާއިމީ ނޫން 10 ގައުމެވެ.
ވީޓޯގެ ބާރު ލިބިގެންވާ ދާއިމީ މެމްބަރު ގައުމުތަކަކީ؛ ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމުގެ 10 ގޮނޑިއަށް އާންމު މަޖިލީހުން ގައުމުތައް އިންތިޚާބު ކުރާއިރު، އދގެ އާންމު މަޖިލީހުގައި ހިމެނޭ މެމްބަރު 193 ގައުމުގެ ތެރެއިން ތިންބައިކުޅަ ދެބައި ގައުމުގެ ވޯޓު ހޯދަންޖެހެއެވެ. އެއީ، 128 ވޯޓެވެ. އިތުރު ގައުމަކުން ވާދަ ނުކުރިޔަސް 128 ވޯޓު ބޭނުންވެއެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމަށް މިފަހަރު 5 ގައުމު އިންތިޚާބު ކޮށްފައިވަނީ 3 ރީޖަނަލް ގްރޫޕަކުންނެވެ. އެއީ، އެފްރިކާ އެންޑް އޭޝިޔާ ޕެސިފިކުން 2 ގޮނޑި، ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުން އެއްގޮނޑި، ވެސްޓަރން ޔޫރަޕާއި އެހެން ސްޓޭޓްތަކުން 2 ގޮނޑިއެވެ.
އެފްރިކާ އެންޑް އޭޝިޔާ ޕެސިފިކް 2 ގޮނޑީގެ ތެރެއިން މޮޒަމްބީކަށް 192 ވޯޓު ލިބުނުއިރު، ޖަޕާނަށް ލިބުނީ 184 ވޯޓެވެ. މޮންގޯލިއާއަށް ލިބުނީ 3 ވޯޓެވެ.
ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ ގޮނޑިއަށް ވާދަކުރި ހަމައެކަނި ގައުމުކަމަށްވާ އިކުއެޑޯރއަށް 190 ވޯޓު ލިބުނުއިރު، ވެސްޓަރން ޔޫރަޕާއި އެހެން ސްޓޭޓްތަކުގެ 2 ގޮނޑިއަށް ވާދަކުރި ސްވިޓްޒަރލޭންޑަށް 187 ވޯޓު ލިބުނުއިރު، މޯލްޓާއަށް ލިބުނީ 185 ވޯޓެވެ.
ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ކަމުގެ 5 ގޮނޑިއެއްގެ މުއްދަތު ހަމަވާތީ އިކުއެޑޯރ، ޖަޕާން، މޮލްޓާ، މޮޒަމްބީކް އަދި ސްވިޓްޒަރލޭންޑް އިންތިޚާބު ކުރިއިރު، ދާއިމީ ނޫން މެމްބަރު އަނެއް 5 ގޮނޑި ތަމްސީލު ކުރަމުންދަނީ އަލްބޭނިއާ، ބްރެޒިލް، ގެބޯން، ގާނާ އަދި ޔޫއޭއީ އެވެ.
ދައުރު ހަމަކޮށް މިއަހަރު ނިމޭއިރު ސަލާމަތީ މަޖިލީހުން ވަކިވާ ގައުމުތަކަކީ؛ އިންޑިއާ، އަޔަރލޭންޑް، ކެންޔާ، މެކްސިކޯ އަދި ނޯރވޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ