ކުޑަގިރީގައި ފެނަކައިން ހަދަން ފެށި ޒަމާނީ އިންޖީނުގެ ނިންމައި، ކަރަންޓު ދޭން ފަށައިފި

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ހަދާ ޕިކްނިކް އައިލެންޑުގައި ފެނަކަ ކޯޕަރޭޝަނުން ހެދި އިންޖީނުގޭގެ މަސައްކަތް ނިންމައި، ނެޓްވޯކަށް ކަރަންޓު ދޭން ފަށައިފި އެވެ.
ކުޑަގިރީގެ ކަރަންޓު ނެޓްވޯކަށް ރަސްމީކޮށް ކަރަންޓު ދިނުން އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ފެނަކައިން ބުނީ، މި އިންޖީނުގެއަކީ 350 ކިލޯވޮޓްގެ ކަރަންޓު އުފެއްދޭނެ ކެޕޭސިޓީގައި، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ހެދި އިންޖީނުގެއެއް ކަމަސެވެ. އަދި އިންޖީނުގެއާއެކު 50،000 ލީޓަރުގެ ތެޔޮ ރައްކާކުރާ ވަސީލަތްވެސް ގާއިމުކޮށްފައިވާ ކަމަށް ބުންޏެވެ.
ފެނަކައިން މިހާރު ދަނީ ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 ޕަސެންޓް އަވިން އުފެއްދޭނެ ވަސީލަތް ގާއިމުކުރުމުގެ މަސައްކަތް ފަށައިފަ އެވެ
މާލެ ކައިރިން ޕިކްނިކް ދާނެ ރަށެއް ނެތުމާއެކު އެފަދަ ރަށެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
އެ ވައުދާ އެއްގޮތަށް ކުޑަގިރި މާދަމާ ހުޅުވުމަށް ސަރުކާރު ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ރަށް ހުޅުވާލުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ