ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކަރަންޓު ނެޓްވޯކް އަޅަން ފަށައިފި، 15 ދުވަސް ތެރޭ ނިންމަނީ

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ހަދާ ޕިކްނިކް އައިލެންޑުގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި އެވެ.
މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 1، 2021ގައި ހަވާލުކުރީ އެމްޓީސީސީއާ އެވެ.
ނަމަވެސް އެތަނުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.
ސްޓެލްކޯއިން ބުނީ، ކުޑަގިރީގައި އެކުންފުނިން ހަވާލުވެފައިވަނީ އެ ރަށުގެ މަގުބައްތި ޖެހުމާއި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށް ކަމަށެވެ. އެގޮތުން ކުޑަގިރީގެ ކަރަންޓު ނެޓްވޯކް ގާއިމުކުރުމަށްޓަކައި، ޖުމުލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
އަދި އަމާޒަކީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސްޓެލްކޯއާ ހަވާލުވެފައިވާ އެންމެހާ މަސައްކަތެއް ނިންމާލުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައްކުރުމަށްވެސް ވިސްނާފައިވާ ކަމަށެވެ.
އެގޮތުން ނައިބް ރައީސް ފައިސަލް ނަސީމްއާއި ސްޓެލްކޯގެ އެކްޓިން ޗެއާމަން އަހުމަދު ލަތީފާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ އިތުރުން، އެރަށުގައި މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވަނީ ބުދަ ދުވަހު ކުޑަގިރިއަށް ވަޑައިގެން އެ ރަށުގެ މަސައްކަތްތައް ހިނގާ ގޮތް ބައްލަވާލައްވައިފަ އެވެ.
މާލެ އާއި 10.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން ބުނާ ގޮތުން، ކުޑަގިރި ފަޅުގައި ދެ ރަށެއް ހިއްކާނެ އެވެ. އެއް ރަށް ހިއްކަނީ އަށް ހެކްޓަރަށެވެ. އަނެއް ރަށް ހިއްކަނީ ފިނޮޅެއް ގޮތަށް 1.5 ހެކްޓަރަށެވެ.
މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ