ރިޝްވަތުގައިވެސް އަދި އެ ނޫން ގޮތެއްގައިވެސް ފަނޑިޔާރަކަށް އެއްވެސް ފައިސާއެއް ދެއްވާފައިނުވާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ހުވާކުރައްވައިފިއެވެ.
ރާއްޖެ ޓީވީ އަށް މިއަދު ދިން އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ރިޝްވަތުގެ އެއްވެސް ފައިސާއެއް ދެއްވާފައިނުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގައެވެ.
" އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން އިނގޭތޯ. ﷲ ގަންދީ ހުވާކޮށްފައި މިދަންނަވަނީ މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން." ގާސިމް ވިދާޅުވިއެވެ.
ރިޝްވަތު ދެއްވާފައި ނުވާ ކަން ޔަގީންކޮށްދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް އެއްވެސް އަމަލެއް އެމަނިކުފާނާއި އާއިލާގެ މެންބަރެއްވެސް ކޮށްފައި ނުވާނެ ކަމަށެވެ.
ގާސިމަކީ ރިޝްވަތުގެ މައްސަލައެއް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިވަޑައިގެންފައި ހުންނެވި ބޭފުޅެކެވެ. އެހެންނަމަވެސް ހާލުދެރަވެގެން ފާރުވާއަށް ސިންގަޕޫރަށް ވަޑައިގެން އުޅުއްވުމަށްފަހު ،ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ގާސިމް މިހާރު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.
އަދި ފަނޑިޔާރުންނަށް ރިޝްވަތު ދިން މައްސަލާގައި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލައިގައި ފުލުހުންގެ ތަހުޤީޤަށް ހެކި ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ފަނޑިޔާރުންނަށް ރިޝްވަތު ދީފައި ނުވާނެ ކަމަށް ވިދާޅުވެ ގާސިމް ހުވާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ