ކޮވިޑު ފެތުރޭތީ ނެއްލައިދޫ ބަންދު، ރައްޔިތުން ބަލި ފެތުރެން ފެށި ގޮތެއް ނޭނގި ހާސްކަމެއްގައި

ހދ. ނެއްލައިދޫގައި ކޮވިޑު-19 ބަލި ފެތުރޭތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ނެއްލައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިއަދުއެވެ. އެކަމާ ގުޅޭގޮތުން “ހަފްތާ”އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކަންސިލު މެންބަރު ފާތިމަތު މަމްދޫހާ ވިދާޅުވީ، އެންމެ ފުރަތަމަ ކޭސް ޕޮޒިޓިވްވީ މި މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އަދި އެ މީހާއަކީ ބަލީގެ އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން އެރަށުން ދެވަނައަށް ޕޮޒިޓިވްވި މީހާއަކީ ފުރަތަމަ ކޭސްއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން ކަމަށާއި، އެ މީހާ ޕޮޒިޓިވްވީ ރަށު ތެރެއިން ކަމަށް މަމްދޫހާ ވިދާޅުވިއެވެ. އަދި އެހެންކަމުން ރަށު ތެރޭގައި ބަލި ފެތުރިފައި އޮތް ކަމަށް ބެލެވެއެވެ.
މިހާރު އެ ރަށުން ޖުމްލަ ފަސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި 13 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ.
މަމްދޫހާ ވިދާޅުވީ އެ ރަރުގައި ބަލި ފެތުރެން ދިމާވި ސަބަބެއް ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި ފުރަތަމަ ޕޮޒިޓިވްވި ފަރާތަކީ އޭގެ ކުރިން ދަތުރެއް ކޮށްފައިވާ ފަރާތެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.
މިއީ ނެއްލައިދޫ މޮނިޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ