ޕީޕީއެމަށް ވެރިކަން ލިބުނަސް އިންޑިއާއާއެކު އެއްބަސްވުންތައް ހަދާނެ: މެމްބަރު ރޮޒެއިނާ

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއަށް ވެރިކަން ލިބުނަސް އިންޑިއާއާ އެކު އެއްބަސްވުންތައް ހަދާނެކަމަށާއި އިންޑިއާއާއި ދެކޮޅަށް ވާހަކަތައް ފަތުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައަިނާ މިހެން ވިދާޅުވީ، ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ހިނގާލުމެއް ބާއްވާފައި ވަނިކޮށެވެ. މި ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށް އެފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗީފް ވިޕް ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީން "ރައްޔިތުން ގުނބޯ ހައްދައިގެން" އިންޑިއާ އައުޓް ގޮވި ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ނުރައްކަލެއް ނެތްކަން އެ ޕާޓީތަކުގެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ ހިތުގައި އެކުވެރި ގައުމުތަކުގެ މެދުގައި އުފައްދާ ނަފުރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ރަނގަޅަށް އެނގިވަޑައިގެން ތިބެ ރައްޔިތުންނަށް އޮޅުވާލައިގެން ގައުމުތަކާ މެދު ނަފުރަތު އުފެއްދުން ވަރަށް ދެރަވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ