އެސެޓް ރިކަވަރީ ކޮމިޝަންގެ ހަރަދުތައް 9.9 މިލިއަން ރުފިޔާގައި، އެންމެ ބޮޑު ހަރަދެއް މެންބަރުންގެ މުސާރައަށް
އެސެޓް ރިކަވަރީ ކޮމިޝަނުން ހަތަރު އަހަރު ތެރޭގައި ކުރި ހަރަދުތައް 9.9 މިލިއަން ރުފިޔާއަށް އަރައިފައިވާ ކަން ހާމަވެއްޖެއެވެ. މައުލޫމާތު ހޯދައި ލިބި ގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ވަނީ ތިން ކޮމިޝަނަކަށް ފާއިތުވީ އަހަރުތަކުގައި ކޮށްފައިވާ ހޭދަތައް ހޯދައިފައެވެ. އެގޮތުން މަރާލައިފައިވާ އަދި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން، ޕްރެސިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތައް ބަލައި ކޮމިޝަނެވެ. މީގެ ތެރެއިން ހަތަރު އަހަރު ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށެވެ. ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 2018، ގަ އެވެ. ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ކޮމިޝަނަށް ކޮށްފައިވާ ހަރަދުތައް 9.9 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލާ މި ކޮމިޝަނުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މުސާރައާއި އިނާޔަތްތަކަށެވެ. އެކަމަށް 9.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހަރުމުދާ ހޯދުމަށް 6.7 ލައްކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެ ކޮމިޝަނުން އެންމެ ގިނައިން ހަރަދު ކޮށްފައި ވަނީ 2019 ވަނަ އަހަރެވެ. އެ އަހަރު 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އިންފޮމޭޝަން ކޮމިޝަނުން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް މަރު ކޮމިޝަނުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މުސާރައާއި އެލަވަންސަށެވެ. އެއީ 4.8 މިލިއަން ރުފިޔާއެވެ. އެ ކޮމިޝަނުން ވަނީ ދަތުރުފަތުރަށް 2.7 ލައްކަ، އޮފީސް ހިންގުމަށް 2.3 ލައްކަ އަދި ހަރުމުދާ ހޯދުމަށް 2.1 ލައްކަ ރުފިޔާ ހަރަދުކޮށްފައެވެ. މަރު ކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. މަރުތަކުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މަރު ކޮމިޝަނަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ އަހަރު އެ ކޮމިޝަނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން އުފައްދައިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ ކޮމިޝަނުން މިހާތަނަށް އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެ ކޮމިޝަނުން ދެ އަހަރުތެރޭގައި މުސާރައާއި އެލަވަންސަށް ވަނީ ހަތް ލައްކަ ތިރީސް ނުވަ ހާސް ރުފިޔާ ހަރަދުކޮށްފައެވެ. ކޮމިޝަންތަކުގެ މެންބަރުންނަށް މުސާރައާއި އެލަވަންސްތަކަށް ބޮޑު ހަރަދެއް ކުރަމުން އަންނައިރު، ކޮމިޝަންތަކުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭ ކަމުގެ ކަންބޮޑުވުމަކީ އަބަދުވެސް ރައްޔިތުން ފާޅުކުރަމުން އަންނަ ކަންބޮޑުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ