ކަރަންޓު ބިލު ބޮޑުވެ ޝަކުވާ އިތުރުވުމުން މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި

މާލޭގެ ގޭބިސީތަކުގެ މިމަހުގެ ކަރަންޓު ބިލު ބޮޑުވެ ރައްޔިތުންގެ ޝަކުވާ އިތުރުވުމާ ގުޅިގެން މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ
މާލެސިޓީގައި މިމަހު ކަރަންޓު ބިލު ބޮޑުކަމަށްބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް ވެފައިވާކަމަށް ވިދާޅުވިއެވެ.
"ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި." މުއިއްޒުގެ ޓްވީޓުގައިވެއެވެ.
މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއް! ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް މިވަނީ ވެފައި. ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި.
— Dr Mohamed Muizzu (@MMuizzu) July 29, 2021
ކަރަންޓު ބިލު ބޮޑުވެ ބައެއް ފަރާތްތަކުން އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ކުރަމުން އަންނައިރު އެފަރާތްތަކުން ބުނާ ގޮތުގައި މިފަހަރު ކަރަންޓު ބިލު ބޮޑުވެފައިވަނީ މިފަހުން ބިލު ބޮޑުވެފައިނުވާ ވަރަށެވެ.
މިފަހަރުގެ ބިލު ބޮޑުވެގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު މިމަހަކީ ކޮވިޑާއި ގުޅިގެން ދީފައިވާ 40 އިންސައްތަ ސަބްސިޑީއާ ނުލާ ބިލުތައް ލިބެންފަށާ މަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ