ޖުމްހޫރީ ޕާޓީން އަބަދުވެސް ވިސްނަނީ ގައުމުގެ މަސްލަހަތާއި އަމާންކަމާއި، އެވަގުތަކު ހާލަތު އޮތް ގޮތަކަށް ބަލައިގެން ކަންތައްތައް ކުރުމަށް ކަމަށް، ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ 142 ވަނަ ބައްދަލުވުމަށްފަހު ވީނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑްބަލީގެ ހާލަތާހެދި މުޅި ދުނިޔެއާއި ރާއްޖެއަށްވެސް އޭގެ އަސަރުކޮށް ވޭތުވެދިޔަ ދެއަހަރެއްހާ ދުވަސް ދިޔައީ އެއްވެސް ކަމެއް ނުކުރެވި ކަމަށެވެ.
މިހާރުވެސް ހާލަތު މުޅިން ރަނގަޅުވީކީ ނޫން ކަމަށާއި، ކަންކަމާ ތެޅިގަންނަވަރަށް ދުނިޔެއާއި ރާއްޖެވެސް އަދި އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން މަޑުމަޑުން މަސައްކަތް މިފަށައިގަތީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ މަގްސަދުތައް ހާސިލްކުރުމަށް ކަމަށާއި، ގައުމަށްޓަކައި ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރުކަމުގައި އެމަނިކުފާނު ދެމިހުންނެވިހާ ހިނދަކު ގައުމުގެ މަސްލަހަތާއި އަމާންކަމަށް ކޮށްދެވެންއޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއާ ގުޅޭގޮތުން ސިޔާސީ ބައެއް ވާދަވެރިން ދައްކާ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅޭގޮތުން ވާހަކަ ދައްކާނަމަ އެއްކަމަކަށް ޖޭޕީ ދިރިހުރިކަން އޭގެން ހާމަވާ ކަމަށެވެ. ހަމަ އެއާއެކު، އެ ބޭފުޅުންވެސް އެ ވިދާޅުވަނީ ޖުމްހޫރީ ޕާޓީއަކީ ކަމެއް ކުރެވޭނެ ޕާޓީއެއްކަން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ އިތުރުން، ސަރުކާރުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވެވަޑައި ގަންނަވާ ވަޒީރުންނާއި، ޖޭޕީއަށް ނިސްބަތްވެވަޑައި ގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.
ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި، ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމާއި، ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.
މީގެއިތުރުން، ޖުމްހޫރީ ޕާޓީގެ އެކިއެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ސުލޫކީ މައްސަލަތައް ހުރިކަން ފާހަގަކޮށް ކައުންސިލް ބައްދަލުވުމަށް ބައެއް މެމްބަރުން ހުށަހެޅުއްވުމުން، ކައުންސިލުން ނިންމީ އެ މައްސަލަތައް ސުލޫކީ ކޮމިޓީއަށް ފޮނުވުމަށެވެ.
ތެޅިފޮޅިގެން ކަންކުރާ ހާލަތަކަށް ގައުމު އަދި ނުދޭ: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ