ރާއްޖެ-އިންޑިއާ ގުޅުން ގަބޫލުނުކުރަނީ މަޝްރޫއުތައް ހަޖަމު ނުވާ މީހުން

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތީ ހާއްސަ ގުޅުމެއް ކަމަށާއި އެކަން ގަބޫލު ނުކުރެވިގެން އުޅެނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހަޖަމް ނުކުރެވޭ ފަރާތްތަކަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން މ.ކޮޅުފުށީގައި މަގުބައްތި ޖެހުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ ހާއްސަ ގުޅުމެއް ކަމަށާއި މި ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ ހިތާއި ހިތާއި ގުޅިފައި އޮތް ގުޅުމެއް ކަމަށެވެ.
އަދި އެކަން މި ސަރުކާރުން ގަބޫލުކުރާ ކަމަށާއި އެކަން ގަބޫލުނުކުރެވިގެން އުޅޭ ބަޔަކީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ޒަމާނީ އިބާރާތުން ދަންނަވާ ކަމަށްވަނީނަމަ ހަޖަމު ނުކުރެވޭ ފަރާތްތައް. އަޅުގަނޑުމެން އެ ފަރާތްތަކުން ދައްކާ ވާހަކައަކަށް ބަލާކަށް ނުތިބޭނަން. މި ސަރުކާރުން ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް. ރާއްޖޭގެ ތަރައްގީ އަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. އެކަމުގައި ފަހެއް ނުޖެހޭނަން" ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހިދު ވަނީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އަރުވާފައެވެ. އިންޑިއާ އިން އަންނަނީ މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ގިނަ ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޝާހިދު މިހެން ވިދާޅުވެފައިމިވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިފަދަ ކެމްޕޭނެއް ފަށާފައިވަނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން ތިބި ކަމަށް ބުނެ އެ ފަރާތްތައް ރާއްޖެއިން ބޭލުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ނަމަވެސް ރާއްޖޭގައި ހަތިޔާރު އެޅި ސިފައިން ނެތްކަމުގެ ޔަގީންކަން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ އިސްވެރިން ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ