ސުޕްރީމް ކޯޓަށް އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިނާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުގައި ހުސްކޮށް އޮތް ދެ މަގާމަށް ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރުމާ ގުޅޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަތުމުން އެ ކޮމިޝަނުން ލަފާ ދިނީ ވެސް އެ ދެ ބޭފުޅުން އައްޔަން ކުރުމަށެވެ.
ޖޭއެސްްސީގެ އެ ލަފާ އެ ގޮތަށް ލިބިވަޑައިގަތުމުން، ސުޕްރީމް ކޯޓަށް އެ ދެ ބޭފުޅުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ރައީސް ސޯލިހް ފޮނުއްވީ މި މިހުގެ 19 ވަނަ ދުވަހަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ސޯލިހް ފޮނުއްވި އެ ސިޓީފުޅު މަޖިލީހުގެ އަމީންއާންމުގެ ނައިބު ވަނީ އިއްވައިދެއްވައިފައެވެ.
އޭގެ ފަހުން އެ މައްސަލަ ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަން މަޖިލީހުގެ ރިޔާސަތުގައި އޭރު ހިންނެވި މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިއުލާން ކުރެއްވި \އެވެ.
މިފަދަ މައްސަލައެއް ދިރާސާ ކުރުމުގައި ޖުޑިޝަރީ ކޮމިޓީއަށް އޮންނަ މެންޑޭޓަކީ ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅުންނާ މެދު ޖޭއެސްސީން ރައީސްއަށް ލަފާ ދިނުމުގެ ކުރިން އެ ކޮމިޝަނުން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުމެވެ.
ގާޒީ އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމް ކުރެއްވި ގާޒީއެވެ. ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދަކީ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން އެންމެ ފުރަތަމަ މަރު ހުކުމެއް ވެސް އިއްވެވި ގާޒީއެވެ.
ޑރ. މުހައްމަދު އިބްރާހީމް މަސައްކަތް ކުރައްވަމުން އައީ ޕްރިމިއާ ޗެމްބާސް ލޯ ފާމުގައެވެ. އޭނާއަކީ އެ ތަނުގެ އެއް ހިއްސާދާރެވެ. ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. އޭނާއަކީ ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒް ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ފަހަކުން ހަތަކަށް އިތުރުކޮށްފައެވެ. އެއީ އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އެކުލަވާލިއިރުވެސް އެ ކޯޓުގެ ބެންޗުގެ އަދަދެވެ. އެކަމަކު އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު އޭރު ހަތަކުން ފަހަކަށް މަދުކުރީއެވެ.
ސުޕްރީމް ކޯޓުގައި މިހާރު ހަތް ބޭފުޅުން ތިއްބަވަން ޖެހޭއިރު، އަދި ތިއްބެވީ ފަސް ބޭފުޅެކެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ