ދެކުނު އިންޑިއާ ކަނޑުގެ ބިޔަ ރާޅުތައް ރާއްޖޭގެ ގޮނޑުދޮށަށް، ގެއްލުންތައް ބޮޑު!

އުދަ އެރުމަކީ ރާއްޖޭގެ ރަށްތަކަށް ކޮންމެ އަހަރަކު ވެސް އެކި ދުވަސްވަރުގައި ކުރިމަތިލާން ޖެހޭ ކަމެކެވެ. ހަޅަ ޖަހާ ދުވަސްވަރު ވެސް މޫސުން ގޯސްވެ ރަށްތަކަށް އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. ރަށުގެ ތެރެއަށް ލޮނުގަނޑު ވަދެ، ގެތަކާ ހަމައަށް ވެސް ފޯރައެވެ. އެކި އަަހަރު އުދަ އަރަނީ އެކި ވަރަށެވެ. އެންމެ ބޮޑަށް އުދަ އެރި އަހަރުތަކުގެ ތެރޭގައި 2007 ވަނަ އަހަރާއި 2012 ވަނަ އަހަރުވެސް ހިމެނެއެވެ. މި އަހަރުވެސް ފުދޭވަރަކަށް ބޮޑަށް މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް އުދަ އަރައި ގެއްލުންވަމުން އެބަަދެއެވެ. ހަތް ރަށަކުން ރިޕޯޓުކޮށްފައިވޭ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ގދ. ނަޑެއްލާ، ގދ. ތިނަދޫ، ލ. މާވަށް، ލ. ކުނަހަންދޫ، އއ. ފެންފުށި، އައްޑޫ ސިޓީ، ތ. މަޑިފުއްޓަށް އިއްޔެ އުދަ އަރައިގެން ގެއްލުންވިކަމުގެ ރިޕޯޓު އެ ސެންޓަރަށް ކޮށްފައިވާ ކަމަށެވެ. މިހާތަނަށް ރިޕޯޓު ކުރީ މި ރަށްރަށުން އެކަނި ނަމަވެސް، ދެކުނާއި މެދުރާއްޖެތެރޭގެ އެހެން ބައެއް ރަށްރަށަށްވެސް އުދަ އަރައި ގެއްލުންވެފައި އެބަ ހުއްޓެވެ. ކުރިއަށް އޮތްތަނުގައި އެ ރަށްރަށުންވެސް ރިޕޯޓު ކުރާނެ ކަމަށް ބެލެވެއެވެ. ގދ. ތިނަދޫއަށް މިދިޔަ ހަފްތާގެ ތެރޭގައި އުދަ އަރާފައި -- ހިސާން ވިދާޅުވި، ގޮތުގައި އުދަ އެރުމުގެ ސަބަބުން ގެއްލުންވެގްނ ރިޕޯޓު ކުރި އެއްވެސް ރަށަކުން މީހުން ހާލުގައި ޖެހިފައި ނުވާ ކަމަށެވެ. "އަޅުގަނޑު މި ދެންނެވި ރަށްރަށުގައި އެބަ ހުރި އުދަ އަރައިގެން ގޭގެއާ ހަމައަށް ލޮނުގެ އަސަރުކޮށްފައި. ނަމަވެސް ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވެގެން އުނދުގޫވެގެން ނުކުންނަން ޖެހޭ ހާލަތަކަށް ނުދޭ،" ހިސާން ވިދާޅުވިއެވެ. ލޮނުގަނޑު ރަށުގެ ތެރެއަށް ގެއްލުންވި ރަށްރަށުގެ ތެރެއިން، މަޑިފުއްޓަށް ބޮޑަށް އުދަ އެރީ އެ ރަށުގެ އިރުމަތީ ފަރާތު ހިއްކާފައިވާ ސަރަހައްދުންނެވެ. މަޑުފިށު ކައުންސިލްގެ ނައިބު ރައީސް އައްބާސް އަހުމަދު ވިދާޅުވީ، އެ ރަށަށް ކޮންމެ އަހަރަކުވެސް އިރުމަތީ ފަރާތުން އުދަ އަރާ ކަމަށެވެ. ނަމަވެސް މި އަހަރު އެރީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ކަމަށް އޭނާ ވިދާޅުވިއެވެ. އިއްޔެ އުދަ އެރި އިރު ރަށުގެ އިރުމަތީ ފަރާތުން ހިއްކި ސަރަހައްދުގެ ރިވެޓްމެންޓު މަތިން ލޮނުގަނޑު ވަދެގެން ގޮސް ގާތްގަނޑަކަށް ރަށުގެ އަނެއް ފަޅީގައި މީހުން ދިރިއުޅޭ ސަރަހައްދަށް ލޮނު ފޯރު ކަމަށް އޭނާ ވިދާޅުވިއެވެ. ލޮނުގެ އަސަރު ގާތްގަނޑަކަށް 50 ގެއަކަށް ކުރި ކަމަށް އޭނާ ލަފާ ކުރައްވައެވެ. "ދެ ހާސް ފޫޓާއި ފަނަރަސްތޭކަ ފޫޓުހާ ހިސާބަށް ރަށު ތެރެއަށް ލޮނު ވަން. ގޭތެރެއަށް ސީދާ ލޮނު ނުވަނަސް ގޯތި ތެރެއަށް ވަނީމަ ގަސްގަހާގެއްސަށް ވަރަށް ބޮޑަށް ގެއްލުންވާނެ،" އައްބާސް ވިދާޅުވިއެވެ. ގދ. ނަޑެއްލާ ކައުންސިލުގެ ރައީސް ފައިސަލް ނަޖީބު ވިދާޅުވީ، އިއްޔެ ހަވީރުން ފަށައިގެން ފަތިހާ ޖެހެންދެން، އެކި އިރު، މުޅި ރަށްވަށައިގެންހެން އުދަ އެރި ކަމަށެވެ. އެންމެ ބޮޑަށް އުދަ އެރީ ރަށުގެ ދެކުނު ފަރާތުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ގޮނޑުދޮށުން ފެށިގެން 700 ފޫޓު އެތެރެެއަށް ލޮނުގަނޑު ވަން ކަމަށެވެ. އަދި ނުވަ ގެއަކަށް ސީދާ ރާޅު ވަން އިރު ވިއްސަކަށް ގެއަށް ލޮނުގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެެ. ފައިސަލް ވިދާޅުވި ގޮތުގައި ރަށު ތެރޭގައި ލޮނުގަނޑު ދެ ފޫޓު ފުންކޮށް ހުއްޓެވެ. އަދި ފެންގަނޑު ހިންދަން ޕަމްޕުވެސް ބޭނުންކުރެއްވި ކަމަށް ވިދާޅުވިއެވެ. ގދ. ނަޑެއްލާއަށް އުދަ އަރައި ރަށު ތެރޭގައި ފެންބޮޑުވެފައި -- ފޮޓޯ/ ކައުންސިލް ފައިސަލްވެސް ވިދާޅުވީ، މިއީ މި ފަހުގެ ތާރީހެއްގައި ރަށަށް އެންމެ ބޮޑަށް އުދަ އެރި ފަހަރު ކަމަށެވެ. މިފަހަރުވެސް ލޮޮނުގެ އަސަރު ރަށުގެ ގަސްހަގާގެއްސަށްކޮށް ގަސްތައް މަރުވުމުގެ ފުރުސަތު އޮތުމުން އެކަމުގެ ކަންބޮޑުވުންވެސް އޭނާ ފާޅުކުރެއްވިއެވެ. "2007ގައި ބޮޑު ރާޅު އެރި ފަހުން އެންމެ ބޮޑަށް ގެއްލުންވި ފަހަރު މިއީ،" ފައިސަލް ވިދާޅުވިއެވެ. "ގެތަކުގެ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތް ބަނބޮކެޔޮ ގަސްތަކާ އެއްޗެހި ނެތިދާނެ. ގަސްތަކަށް ފެން ދެވޭނެ ގޮތެއްވެސް ނެތް. އެ ގެތަކުގެ ވަޅުތައްވެސް އެއްކޮށްހެން ލޮނުވީ،" މާވަށު ކައުންސިލްގެ ރައީސް، އަހްމަދު މޫސާ ވިދާޅުވީ ރަށަށް އުދަ އަރަން ފެށީ އިއްޔެ އިރުއޮއްސުނު ފަހުން ކަމަށާއި، މިއަދު ހެނދުނު އަށެއް ޖެހުމާ ހަމައަށް ވެސް އެކި ފަހަރުމަތުން ރަށަށް އުދަ އަރާފައިވާ ކަމަށެވެ. އަދި ލޮނުގަނޑު ރަށުގެ ތެރެއަށް ވަދެ، 100 އެއްހާ ގެއަށް ލިނު ވަދެފައިވާ ކަމަށެވެ. މޫސަ ވިދާޅުވީ ދެތިން ހަތަރު ގެއެއްގައި ދިރިނޫޅެވޭ ވަރު ވެފައިވާ ކަމަށާއި އަދި މިހާރު އެއް ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ. "އަޅުގަނޑާ ވާހަަކަދެއްކި އުދަ އަރައިގެން އައިއިރު އެތަނުގައި ހުރި މީހެއް. އޭނަ ބުނީ ރަށު ތެރެއަށް ބިންދާލީ ވެސް ތިން ފޫޓު ހަތަރު ފޫޓު އުސްމިނުގައި ހުރި ރާޅު ކަމަށް. އަޅުގަނޑުގެ އުމުރުން މިހާރު 50 އަހަރު. މިގޮތަށް އުދަ އެރި ހަނދާނެއް ނުވޭ. އުދަޔަށް ވުރެ ބޮޑަށް ހަމަ ސުނާމީއެއް ގޮތަށް ސިފަވަނީ،" މޫސަ ވިދާޅުވިއެވެ. https://sun.mv/139819 އައްޑޫ ސިޓީއަށްވެސް އިއްޔެ ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ. އައްޑު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފު އިއްޔެ ސަންއަށް ވިދާޅުވީ ތިން ސަރަހައްދަކުން އުދަ އަރައި ރަށަށް ގެއްލުންވި ކަމަށެވެ. އަދި މިއަދު ގެއްލުންވި ގެތަކުގެ އަދަދު ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެކުނު އިންޑިއާ ކަނޑުގައި ބިޔަ ރާޅުތަކެއް މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އިބްރާހިމް ވަހީދު ވިދާޅުވީ، މިހާރު އަރަމުދާ ރާޅުތަކަކީ ރާއްޖެއާ ދުރުން ދެކުނު އިންޑިއާ ކަނޑުގައި އުފެދެމުންދާ ބޮޑު ރާޅުތައް ކަނޑު ހުރަސްކޮށްފައި އައިސް ރާއްޖޭގެ ގޮނޑުދޮއްތަކާ ހިސާބަށް ފޯރުމުން އަރާ ރާޅުތަކެއް ކަމަށެވެ. މިއަދާ މާދަމާވެސް އެ ރާޅުތައް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އެރުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. "ދެކުނު އިންޑީއާ ކަނޑުގައި އަބަދުވެސް ސްވެލް ވޭވް ހައިކޮށް އޮންނާނީ ރާޅު ބޮޑުކޮށް އުޅޭ ތަނެއް އެއީ. އެކަމަކު މި ވަގުތު މި ދުވަސްތަކުގައި ފާއިތުވެދިޔަ ހަތަރު ފަސް ދުވަހު އަދި މިއަދާ މާދަމާ ސައުތް އިންޑިއަން އޯޝަންގައި ވޭވް ހައިޓު ވަރަށް ހައި. ބައެއް ހިސާބުގައި އެބަ ހުރި ހަ މީޓަރު ހަތް މީޓަރު. އެއީ 15 ފޫޓު 20 ފޫޓު ވަރުގެ ރާޅު،" އޭނާ ވިދާޅުވިއެވެ. ސައިކްލޯން ނުނީ ފްރޮންޓަލް ސިސްޓަމްސްތަކުގެ ސަބަބުން ކަނޑުގެ ރާޅުތައް އާދައާ ހިލާފަށް ބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަހަލަ ކަމެއް މިވަގުތު ދެކުނު އިންޑިއާ ކަނޑުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވައިދަގަވުމުގެ ސަބަބުން ރާޅުތައް ބޮޑުވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ ސިޓީއަށް އިއްޔެ އުދަ އެރުމުގެ ތެރެއިން -- ފޮޓޯ/ އައްޑޫލައިވް އިބްރާހިމް ވަހީދު ވިދާޅުވީ، ސީދާ ދިޔަވަރު ބޮޑުވާ ގަޑީގައި ނޫނަސް ރަށްތަކަށް އުދަ އަރާފާނެ ކަމަށެވެ. އެގޮތުން ދިޔަވަރު ބޮޑުވުމުގެ ދެ ގަޑިއިރެއްހާ ކުރިންވެސް އުދަ އަރާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ނޫން އެނގޭތޯ އުދަ އަރަނީ. އޭގެ ދެ ގަޑިއިރު ކުރިންވެސް ދެ ގަޑިއިރު ފަހުންވެސް އަރާފާނެ. އޭގެ ސީދާ ވެލިއު ދިމާވާ ގަޑީގައެއް ނޫނޭ އުދަ އަރާނީ. މިއަދު ދިޔަވަރު ބޮޑުވަނީ ހަތަރުގަޑި ބައިގައި ވިއްޔާ ދެގަޑިބައި ތިނެއް ޖަހާއިރުވެސް އުދަ އަރާފާނެ،" އިބްރާޙިމް ވަހީދު ވިދާޅުވިއެވެ. އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި މިހާރު އަރަމުންދާ އުދައަކީވެސް ނިސްބަތުން ގެއްލުން ބޮޑު އުދައެރުމެކެވެ. ނަމަވެސް، މިއަށް ވުރެ ބޮޑަށް ގެއްލުންވި އަހަރުތައްވެސް ގޮސްފައި އެބަ ހުރކަން އޭނާ ފާހަގަކުރެއްވިއެވެ. "މިއަށް ވުރެ ބޮޑަށް އުދަ އެރި ފަހަރުތައްވެސް ގޮސްފައި އެބަ ހުރި. މިސާލަކަށް ދަންނަވަންޏާ 2012 ވަނަ އަހަރު 2007 ވަނަ އަހަރު މިއަށް ވުރެ ބޮޑަށް މިއަށް ވުރެ ގިނަ ރަށްރަށަށް އުދަ އަރައިގެން ރިޕޯޓުކޮށްފައި އެބަ ހުރި. މި އަހަރުގެ މި އެޕިސޯޑުވެސް ގޯސްކޮށް މި ދަނީ،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ