ހަމަހަމަ ފުރުސަތު ދޭން އީސީގެ މެމްބަރު ހަބީބު ތާއީދު ކުރައްވައިފި

ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ނުދޭ މައްސަލާގައި އިދިކޮޅު ފަރާތްތަކުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މާއްދާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ހަބީބު މިއަދު ތާއީދުކުރައްވަައިފި އެވެ.
ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ހުރިހާ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ޓުވިޓާ އާއި ފޭސްބުކްގައި ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ ވެސް އާއްމުކުރައްވަމުންނެވެ. ގާނޫނުގައި އެކަން އޮންނަ ގޮތް ބަޔާން ކުރެއްވުން ފިޔަވައި އެއްވެސް ވާހަކައެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެ މާއްދާގައި ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ވަސީލަތްތަކާއި ފުރުސަތުތަކާއި ހިދުމަތްތަކަކީ ހަމަހަމަކަމާ އެކު ހުރިހާ ސިޔާސީ ޕާޓީތަކަށް ފޯރުކޮށްދޭން ވާނެ ކަންކަން ކަމަށެވެ.
ހަބީބު މިގޮތަށް ޓުވީޓް ކުރެއްވިއިރު ސިޔާސީ ހަރަކާތް ހިންގަން ޕީޕީއެމަށް އެކަނި ފުރުސަތު ދީ، އިދިކޮޅު ފަރާތްތަކަށް މުއައްސަސާތަކުން ހުރަސްއަޅާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އީސީން އެއްވެސް ކަމެއް ހައްލުކޮށްނުދީ، ހަމައެކަނި ޕީޕީއެމުން ބޭނުންވާ ގޮތަށް ކަންކަން ނިންމަމުންދާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.
ޕީޕީއެމްގެ ކެމްޕޭނަށް މަގުތައް ބަންދުކޮށްގެން ޖަގަހަ ހުޅުވުމުގެ ހުއްދަ ފުލުހުންނާއި ހައުސިން މިނިސްޓްރީން ދޭއިރު، އިދިކޮޅު ޕާޓީތަކުގެ ހަރުގޭގައި ބާއްވާ އެއްވުންތަކާއި ޖަލްސާތައް ވެސް ހުއްޓުވަމުންދާ ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ