ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް، ސްވިޒަލެންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ކެނެޑާގެ ވެންކޫވާގައި ކުޅުނު މި މެޗުގައި ކޮލަމްބިއާގެ މައްޗަށް ސްވިޒަލެންޑުން ކުރި ހޯދީ ޕެނަލްޓީ ޝޫޓްއައުޓްގައި 3-4 ގެ ނަތީޖާއަކުންނެވެ. މިއީ 70 އަހަރަށްވުރެ ދިގު މުއްދަތަކަށްފަހު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ސްވިޒަލެންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ގުސްޓާވޯ ޕުއޭޓާ އަށެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ކީޕަރު ގްރެގޯ ކޮބެލް ވަނީ މަތަކޮށްފައެވެެ.
އޭގެ ފަހުން ސްވިޒަލެންޑަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ފަބިއަން ރީޑާ އަދި ޑޭން އެންޑޯއީ ފޮނުވާލި ހަމަލާ ވެސް ކޮލަމްބިއާ ކީޕަރު ކެމީލޯ ވާގާސް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ސްވިޒަލެންޑަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖިބްރީލް ސޯ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ، ކޮލަމްބިއާގެ ގޯލާ އަމާޒުވެފައި ނުވާ އިރު، ހިލޭ ޖެހުމަކުން ފަބިއަން ރީޑާ ފޮނުވާލި ހަމަލާ ދިޔައީ ކޮލަމްބިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
ކޮލަމްބިއާއަށް ވެސް ލީޑު ހޯދުމަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާއެއް ސްވިޒަލެންޑް ކީޕަރު ކޮބެލް މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ، ސްވިޒަލެންޑް ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައިވުމުން، ނަތީޖާ ނެރުމަށް ދެން ކުޅެފައިވަނީ އިތުރު ވަގުތުގެ ދެ ހާފެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާ އަދި ސްވިޒަލެންޑަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޮލަމްބިއާގެ ހުއާން ފެނާންޑޯ ކިންޓޭރޯ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޖޯން ލުކޫމީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޒަލެންޑް ގޯލުގެ ހުރަސް ދަނޑިއަށެވެ. އަދި އޭގެ ފަހުން ސްވިޒަލެންޑްގެ ޒިކީ އަމްދޫނީ ފޮނުވާލި ހަމަލާ، ކޮލަމްބިއާ ކީޕަރު ވާގާސް ވަނީ މަތަކޮށްފައެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ ކޮލަމްބިއާއަށެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ހަމިންޓަން ކަަމްޕާޒް ފޮނުވާލި ހަމަލާ، ސްވިޒަލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އިތުރު ވަގުތުގައި ވެސް ނަތީޖާ ނުނެރެވުމާ ގުޅިގެން ދެން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ސްވިޒަލެންޑްގެ ޕެނަލްޓީ ނާކާމިޔާބުވީ ހަމައެކަނި މެނުއެލް އަކާންޖީ އަތުންނެވެ. ސްވިޒަލެންޑްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ގްރެނިޓް ޖަކާ، ޒިކީ އަމްދޫނީ، ސެޑްރިކް އިޓެން އަދި ރުބެން ވާގާސް އެވެ. ކޮލަމްބިއާ އިން ނާކާމިޔާބުވީ ޑޭވިސަން ސަންޗޭޒާއި ކުޗޯ ހެނާންޑޭޒްގެ ޕެނަލްޓީއެވެ. އެޓީމުން ކާމިޔާބުކުރީ ހުއާން ފެނާންޑޯ ގިންޓޭރޯ، ޔަމިންޓަން ކަމްޕާސް އަދި ލުއިސް ޑިއާޒްގެ ޕެނަލްޓީއެވެ.
ކުއާޓާ ފައިނަލުގައި ސްވިޒަލެންޑް ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް 70 އަހަރަށްފަހު ސްވިޒަލެންޑް ކުއާޓާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ