މިހާރު މާފުށީ ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންއާއި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރައްވައިފި އެވެ.
މިއީ ޖަލަށް ވަޑައިގެން ރައީސް މައުމޫން ފާރިސްއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް މީގެކުރިން ރައީސް މައުމޫން ވަނީ ކޯޓަށް ވަޑައިގެންނެވިއެވެ.
ފާރިސް ޖަލުގައި ބަންދުކުރި ފަހުން އޭނާގެ ދައްތަ ޔުމްނާ މައުމޫން ވަނީ މީގެކުރިން މާފުށި ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވާފަ އެެވެ.
ފާރިސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނާ މައްސަލާގައި ފާރިސް ހައްޔަރުކުރިއިރު ފުލުހުން ވަނީ މަޖިލީހުގެ މެންބަރުންނަށް ފާރިސް ރިޝްވަތު ދިންކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
ނަމަވެސް މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތު ފާރިސް އަންނަނީ ތަކުރާރުކޮށް ދޮގުކުރައްވަމުންނެވެ.
ފާރިސްއަކީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ