ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ގައުމާއި ރައްޔިތުންނަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކަށް ވުމުން އެމަނިކުފާނާއިމެދު ސަރުކާރުން ޚާއްސަ ނަޒަރަކުން ދެކެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ގާސިމް އިބްރާހީމަކީ ގައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ދިވެހި ރައްޔިތުންނަށް ގާސިމްގެ ފަރާތްޕުޅުން އެތައް މަންފާއެއް ލިބިފައިވާއިރު، އެމަނިކުފާނަކީ ގައުމުގެ އިސްލާހަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ވުމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުން މިވަގުތުވެސް ސިޔާސީގޮތުން ގައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ގާސިމް އިބްރާހީމާއިމެދު ސަރުކާރުން ޚާއްސަ ނަޒަރަކުން ދެކެންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިބްރާހީމް ޝަރީފް ވިދާޅުވީ ގާސިމްގެ މައްޗަށް ހިންގާ ޝަރީއަތާއިމެދު ކަންބޮޑުވާ ކަމަށާއި އަދި އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމަކީ ވެސް ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާއެއް އުފުލިފައި އޮތްނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގިވަޑައިގަންނަވަން ޖެހެނީ އެއާޕޯޓަށް ވަޑައިގަތުމުން ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި ގާސިމްގެ ޕާސްޕޯޓު ހިފެހެއްޓި ސަބަބުތައް އެމަނިކުފާނަށް ކުރިން އަންގަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ގާސިމް އިބްރާހީމްގެ މައްޗަށް ކުރާ ޝަރީއަތާއިމެދު އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަދި ވަކިން ޚާއްސަކޮށް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު މިވަގުތު ހުރިގޮތަށް ބަލާއިރު އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމަކީ އަޅުގަނޑަށް އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން. އެބަޖެހޭ މިކަންކަން ހައްލުވާން. އެބަޖެހޭ މިކަންކަމަށް ފަރުވާއެއް ހޯދެން. ޚާއްސަކޮށް ގާސިމް ފަދަ ގައުމީ ބޮޑެތި ޚިދުމަތްތެރިންނާ ދޭތެރޭ ސަރުކާރު ހިންގަވަން ތިއްބަވާ ބޭފުޅުން ޚާއްސަ ސަމާލުކަމެއް ދެއްވައި ޚާއްސަ އޯގާތެރިކަމާއެކު ކަންކަން ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ޝަރީފް ވިދާޅުވިއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު އިދިކޮޅު ފަރާތްތަކާ މެދު އަމަލުކުރަން ސަރުކާރަށް ޖެހޭ ކަމަށެވެ. އަދި ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅާއިމެދު އޭނަ ވަނީ ހަމްދަރުދީ ފާޅުކުރައްވާފައެވެ.
ގާސިމް އިބްރާހީމާއިމެދު ޚާއްސަ ނަޒަރަކުން ސަރުކާރުން ދެކެންޖެހޭ ކަމަށް ޝަރީފް ވިދާޅުވެފައިވާއިރު، ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު ގޯސްވެގެން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވުމުން އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ރޭ ވަނީ އަންގާފައެވެ. އެމަނިކުފާނަށް މިކަން އެންގީ ސިންގަޕޫރަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުންނެވެ. ބޭރަށް ފުރާވަޑައިގަތުމުގެ ފުރުސަތު ސަރުކާރުން ނުދިނުމުން އެނބުރި މާލެ ވަޑައިގަތް ތަނުން އަނެއްކާވެސް އެމަނިކުފާނުގެ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ އެމްބިއުލާންސްގައި ރޭ ވަނީ އޭޑީކޭއަށް ގެންގޮސްފައެވެ. އަދި އޮބްޒަވޭޝަންގައި ފަރުވާ ދިނުމަށްފަހު މިހާރު އެމަނިކުފާނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. ސަރުކާރުން ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދޭ މަދަނައާއި އާސަންދަ ފަދަ ސްކީމްތައް ތައާރަފުވުމުގެ ކުރިން ފެށިގެން ދިވެހި އެތައް ރައްޔިތަކަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެގޮތް ހަމަޖައްސަވައިދެއްވާފައިވާ ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ބޭނުންފުޅުވި ދަނޑިވަޅުގައި އެމަނިކުފާނު އެޚިދުމަތުން މަހުރޫމްކޮށްފައިވާ ކަމަށްބުނެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގާސިމް އިބްރާހީމާއިމެދު ޚާއްސަ ނަޒަރަކުން ސަރުކާރުން ދެކެންޖެހޭ: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ