އާ ޖަނަރޭޓަރު އަލިފުށީ އިންޖީނުގެއަށް ގެންދިއުމުގެ މަސައްކަތުގައި ރައްޔިތުން
ހަތަރު ދުވަސް ވަންދެން ކަރަންޓުގެ ނުލިބި އޮތް ރ. އަލިފުއްޓަށް 600 ކިލޯ ވޯޓުގެ އާ ޖަނެރޭޓަރެއް ގެންގޮސް، އެ ޖަނެރޭޓަރު އިންޖީނުގެއާ ހަމައަށް ގެންދިއުމުގައި ރައްޔިތުން އާދަޔާ ހިލާފު ހިތްވަރެއް ދައްކައިފި އެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބް ރައީސް އަބްދުއްރަހުމާން ޔޫސުފް ވިދާޅުވީ އާ ޖަނެރޭޓަރު އެ ރަށު ބަނދަރަށް ބޭލީ މިއަދު މެންދުރު 14:00 ގައި ކަމަށާއި އެ ޖަނެރޭޓަރު އިންޖީނުގެއަށް ގެންދިއުމަށްޓަކައި ރަށު ރައްޔިތުން ނުކުމެ ހަރަކާތްތެރިވި ކަމަށެވެ. "މިހާރު އިންޖީނުގެ ކައިރިއަށް ޖަނެރޭޓަރު ގެނެވިފަ މިހިރީ. ދެން ގޯތި ތެރެއަށް ވައްދައިގެން ޕެނަލް ބޯޑު ގުޅަންވީ،" އަބްދުއްރަހުމާން ޔޫސުފް ވިދާޅުވި އެވެ. އަބްދުއްރަހުމާން ވިދާޅުވި ގޮތުގައި އެ ޖަނެރޭޓަރު އިންޖީނުގެއާ ހަމައަށް ގެނައުމުގައި ރަށުގައި މިވަގުތު ތިބި ހުރިހާ ފިރިހެނުން ހަރަކާތްތެރިވިއެވެ. އަދި، އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާ ނަމަ އިންޖީނުގެއަށް އެ ޖަނެރޭޓަރު ވެއްދޭތާ ދެ ގަޑިިއުރު ތެރޭ އެ ރަށަށް ކަރަންޓު ދެވޭ ވަރު ވާނެ ކަމަށް އެ ރަށުގައި ހަރަކާތްތެރިވާ ފެނަކާގެ އޮފިޝަލުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ. އަލިފުށީ ރައްޔިތުން ނުކުމެ އާ އިންޖީނު އެރަށު އިންޖީނުގެއަށް ގެންދިއުމުގައި ހަރަކާތްތެރިވަނީ -- ފޮޓޯ: ކިއުންތެރިއެއް "ރަށުގެ ބޯޓު ޔާޑު ސަރަހައްދަށް އިންޖީނު ބޭލީ. އެހިސާބުން ފެށިގެން ފިލާ އަޅައި، ހޮޅި މަތީގައި ޖަނެރޭޓަރު ރޯލްކޮށްގެން ގެނައީ. އެ ދެމެދުގައި ގާތްގަނޑަކަށް 3000 ފޫޓު ހުންނާނެ. މިހާރު އެހެރީ އިންޖީނުގެއަށް ޖަނެރޭޓަރު ގެނެސްފަ،" އޭނާ ވިދާޅުވިއެވެ. އެ ރަށުގައި ބޭނުން ކުރަމުން އައީ 600 ކިލޯ ވޯޓުގެ ޖަނެރޭޓަކަރާއި 400 ކިލޯ ވޯޓުގެ ޖަނެރޭޓަކެވެ. އެ ދެ ޖަނެރޭޓަރުގެ ތެރެއިން މައްސަލަ ދިމާވީ 600 ކިލޯ ވޯޓުގެ ޖަނެރޭޓަރުގެ ރޭޑިއޭޓަރުގަ އެވެ. އެ ޖަނެރޭޓަރުގެ ރޭޑިއޭޓަރު މަރާމާތު ކުރުމަށްފަހު ކަރަންޓު ދިނުމުން ފަހުން އަނެއްކާ އޭގެ މޮޑިއުލް ބަދަލު ކުރަން ޖެހި ޖަނެރޭޓަރު ބޭނުން ނުކުރެވޭ ވަރު ވީ އެވެ. އެއާ އެކު 200 ކިލޯވޯޓުގެ އެހެން ޖަނެރޭޓަރެއް އެ ރަށަށް ގެންދިޔަ އެވެ. ނަމަވެސް އެ ޖަނެރޭޓަރުގެ ޕެނަލް ބޯޑު ސިންކްރޮނައިޒް ނުވާތީ މިއަދު އާ ޖަނެރޭޓަރެއް އެ ރަށަށް ގެންދިޔައީ އެވެ. އާ ޖަނެރޭޓަރު އެ ރަށަށް ފޮނުވާލުމަށް ފުރީ ރޭ 12:00 ހާއިރު ހުޅުމާލެ ބަނދަރުންނެވެ. ކަރަންޓު ނެތިގެން، 2800 މީހުންގެ އާބާދީ އެއް އޮތް އެ ރަށުގެ ރައްޔިތުން މިވީ ހަތަރު ދުވަސް ތެރޭ ނިދާފައި ވަނީ މަގުމަތީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ